ފ. ފީއަލީގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް ބަލަން ފިޝަރީޒް މިނިސްޓްރީގެ ޓީމެއް އިއްޔެ އެ ރަށަށް ހިނގައްޖެ އެވެ.

އެ މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ބުރާސްފަތި ދުވަހު ހިނގި ހާދިސާގައި ލިބުނު ގެއްލުންތައް ބަލައި، އެކަމަށް އަވަސް ހައްލެއް ހޯދަން ސަރުކާރުން މަސައްކަތްކުރާ ކަމަށެވެ. ނަމަވެސް، އެކަމާ ބެހޭ ތަފްސީލެއް ނުދެ އެވެ. 

ތެޔޮ އުފުލާ ދޯންޏެއްގައި ރޯވެ، ހިނގި އަލިފާނުގެ ހާދިސާގައި، ފާނަ މަސްވެރިކަންކުރާ ދެ ދޯންޏަކާއި އެހެން ބައެއް އުޅަނދުތަކަށް ވެސް ވަނީ ގެއްލުން ވެފަ އެވެ. އޭގެ އިތުރުން، ފާނައިގެ މަސްވެރިކަމުގައި މަޝްހޫރު އެ ރަށުގެ ބަނދަރުގައި ހަދާފައިވާ އައިސް ޕްލާންޓު ވެސް އަނދައިގެން ދިޔަ އެވެ.

ފީއަލީގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގައި ލިބުނު ގެއްލުންތަކެއް.-- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ފީއަލީގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގައި ލިބުނު ގެއްލުންތަކެއް.-- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ފީއަލީ ކައުންސިލުން ލަފާކުރާ ގޮތުގައި އެ ހާދިސާގެ ގެއްލުން 20 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާނެ އެވެ. 

ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަހުމަދު، "މިހާރު" އަށް ވިދާޅުވީ ގެއްލުން ލިބުނު ތިން ދޯނި ވެސް އޮތީ އިންޝުއާނުކޮށް ކަމަށެވެ.

ފީއަލީގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގައި އައިސްޕްލާންޓު އެއްކޮށް އަނދާފައި.-- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ފީއަލީގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގައި އައިސްޕްލާންޓު އެއްކޮށް އަނދާފައި.-- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މޫސަ ވިދާޅުވީ އަލިފާނުގައި އެނދި އެއް ދޯންޏަކީ މިދިޔަ ރޯދަ މަހުގެ ތެރޭގައި ބޮޑު މަރާމާތެއްކޮށް ބާލާފައި އޮތް ދޯންޏެއް ކަމަށެވެ. އަދި އެއީ ރަށުގެ ތިން އާއިލާއެއް ކާންބޯން ކުރާ މަސައްކަތަށްވެފައި އެކަމުގެ ސަބަބުން މީހުންނަށް ވެސް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"މިދިޔަ ރޯދަ މަހުގައި ވަރަށް ބޮޑު މަރާމާތެއްކޮށްގެން، ގާތްގަނޑަކަށް 250،000ރ. ގެ ހަރަދެއްކޮށްގެން ބޭލި އެއް ދޯނި. އަދި އަނެއް ދޯންޏަކީ ވެސް ވަރަށް ބޮޑު މަރާމާތެއްކޮށްފައި އޮތް ދޯންޏެއް،" އޭނާ ވިދާޅުވި އެވެ.

ގެއްލުން ލިބުނު ފަރާތްތަކަށް ސަރުކާރުގެ އެހީތެރިކަން ދޭންޖެހޭ ކަމަށް މޫސަ ވިދާޅުވި އެވެ.