ފ. ފީއަލީގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ބިދޭސީ މީހާ އޮތީ ވެންޓިލޭޓަރުގައި ކަމަށް، އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އެ ރަށުގެ ފަޅުތެރޭގައި އަޅާފައި އޮތް ތެޔޮ ދޯންޏެއްގައި މިދިޔަ ބުރާސްފަތި ރޯވެ، މުޅި ސަރަހައްދަށް ފެތުރުމުން އެ ކޮންޓްރޯލްކުރަން ގިނަ ބަޔަކު މަސައްކަތްކުރި އެވެ. އޭގެ ތެރެއިން، ބަންގްލަދޭޝްގެ ޑެލޯވާ ނަމަކަށް ކިޔާ 39 އަހަރުގެ ބިދޭސީއަކު ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ.

އޭނާ އަށް ފުރަތަމަ ފަރުވާ ދިނީ ފީއަލީ ސިއްހީ މަރުކަޒުގަ އެވެ. އަދި ހަމަ އެ ދުވަހު އިތުރު ފަރުވާ އަށް އެ އަތޮޅު ނިލަންދޫ ހޮސްޕިޓަލަށް ގެންދިއުމަށް ފަހު ވަނީ މާލެ ގެނެސްފަ އެވެ. 

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފިހުނު ބިދޭސީ މީހާ އަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދިވެސް ހާލު ސީރިއަސްވުމުން އޭނާ އޮތީ ވެންޓިލޭޓަރުގަ އެވެ.

ނިލަންދޫ ހޮސްޕިޓަލުން ބުނީ އެ ފިރިހެން މީހާގެ ހަށިގަނޑުގެ 60 ޕަސެންޓު ފިހިފައިވާ ކަމަށެވެ. 

ބުރާސްފަތި ދުވަހުގެ ހެނދުނު 9:15 ހާއިރު ފުރަތަމަ އަލިފާން ރޯވީ ތެޔޮ އުފުލާ ދޯންޏެއްގަ އެވެ. ތިން ގަޑިއިރު ފަހުން އަލިފާންގަނޑު ނިއްވާލެވުނު އިރު ތިން ދޯންޏާއި އައިސްޕްލާން ވަނީ އެއްކޮށް އަނދައިފަ އެވެ. އެ ލިބުނު ގެއްލުން 20 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެ ރަށު ކައުންސިލުން ލަފާކުރެ އެވެ.