ފ. ފީއަލީގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީ މީހާގެ ހަށިގަނޑުގެ 60 ޕަސެންޓު ފިހިފައިވާ ކަމަށާއި އޭނާގެ ހާލު ސީރިއަސްވުމުން މާލެއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް، އަތޮޅު ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އެ ރަށުގެ ފަޅުތެރޭގައި އަޅާފައި އޮތް ދޯންޏެއްގައި ރޯވި އަލިފާންގަނޑު، މުޅި ސަރަހައްދަށް ފެތުރުމުން އެ ކޮންޓްރޯލްކުރަން ގިނަ ބަޔަކު މަސައްކަތްކުރި އެވެ. އޭގެ ތެރެއިން، ބަންގްލަދޭޝްގެ ޑެލޯވާ ނަމަކަށް ކިޔާ 39 އަހަރުގެ ބިދޭސީއަކު ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ.
އޭނާއަށް ފުރަތަމަ ފަރުވާ ދިނީ ފީއަލީ ސިއްހީ މަރުކަޒުންނެވެ. ނަމަވެސް، އިތުރު ފަރުވާއަށް ފަހުން ވަނީ އެ އަތޮޅު ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.
ނިލަންދޫ ހޮސްޕިޓަލްގެ މެނޭޖަރު، އަބްދުލް ޖަލީލް އަހުމަދު ވިދާޅުވީ ބިދޭސީ މީހާގެ މޫނާއި ގައިގެ ބޮޑު ބައެއް ފިހުމުން ހާލު ސީރިއަސް ކަމަށެވެ. އައިސީޔޫގައި އޭނާއަށް ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މާލެ ފޮނުވާލަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހެނދުނު 9:15 ހާއިރު ފުރަތަމަ އަލިފާން ރޯވީ ތެޔޮ އުފުލާ ދޯންޏެއްގަ އެވެ. ތިން ގަޑިއިރު ފަހުން އަލިފާންގަނޑު ނިއްވާލެވުނު އިރު ތިން ދޯންޏާއި އައިސްޕްލާން ވަނީ އެއްކޮށް އަނދައިފަ އެވެ.