ފ. ފީއަލީ ބަނދަރު ސަރަހައްދުގައި މިއަދު ރޯވި އަލިފާންގަނޑު ކޮންޓްރޯލްވިއިރު، ތިން ދޯންޏާއި އައިސް ޕްލާންޓު އެއްކޮށް އަނދައިފި އެވެ.

ތެޔޮ އުފުލާ ދޯންޏެއްގައި ރޯވެގެން ފުލުހުންނަށް ރިޕޯޓުކުރީ ހެނދުނު 9:15 ހާއިރެވެ. ނަމަވެސް އަލިފާންގަނޑު ކޮންޓްރޯލް ނުވެ، ކައިރީގައި ހުރެ އެހެން އުޅަނދުތަކަށް އަސަރުކުރަން ފެށި އެވެ.

އެ ރަށުން "މިހާރު"އާ ވާހަކަދެއްކި މީހަކު ބުނީ އަލިފާން ރޯވީ ތެޔޮ ދޯނީގެ ޕަމްޕު ސްޓާޓްކުރަން ހިފިތަނާ ހުޅު ހިފައިގެން ކަމަށެވެ.

މި ހާދިސާގައި ބިދޭސީއަކު ވަރަށް ބޮޑަށް ފިހިގެން ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އެވެ. 

ފީއަލީ ފަޅުތެރޭގައި އަޅާފައި އޮތް ދޯނިތަކެއްގައި މިއަދު އަލިފާން ރޯވެ، ނިއްވާލެވުނުއިރު އެ އުޅަނދުތައް އަނދާފައި.- ފޮޓޯ: މުހައްމަދު ފަޒީން
ފީއަލީ ފަޅުތެރޭގައި އަޅާފައި އޮތް ދޯނިތަކެއްގައި މިއަދު އަލިފާން ރޯވެ، ނިއްވާލެވުނުއިރު އެ އުޅަނދުތައް އަނދާފައި.- ފޮޓޯ: މުހައްމަދު ފަޒީން

ތިން ގަޑިއިރެއްހާ އިރު ފަހުން އަލިފާންގަނޑު ކޮންޓްރޯލްވި އިރު ވަރަށް ބޮޑު ގެއްލުމެއް ވަނީ ލިބިފަ އެވެ. މި ގެއްލުން އެތައް މިލިއަނަކަށް އަރާނެ ކަމަށް ލަފާ ކުރެވުނަސް އެ ތަފްސީލުތަކެއް އަދި ކަށަވަރެއް ނޫނެވެ. 

ފީއަލީ ފަޅުތެރޭގައި އަޅާފައި އޮތް ދޯންޏެއްގައި މިއަދު އަލިފާން ރޯވުމުން، އެ ނިއްވުމުގައި ބަޔަކު މަސައްކަތްކުރަނީ.-- ފޮޓޯ: މުހައްމަދު ފަޒީން
ފީއަލީ ފަޅުތެރޭގައި އަޅާފައި އޮތް ދޯންޏެއްގައި މިއަދު އަލިފާން ރޯވުމުން، އެ ނިއްވުމުގައި ބަޔަކު މަސައްކަތްކުރަނީ.-- ފޮޓޯ: މުހައްމަދު ފަޒީން

އެންމެ ފުރަތަމަ ހުޅު ހިފި ތެޔޮ އުފުލާ ދޯންޏާއި އެއާ ޖެހިގެން ހުރި ފާނައިގެ މަސްވެރިކަން ކުރާ ދެ ދޯނި ވެސް އެއްކޮށް އަނދައިގެން ގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ. އޭގެ އިތުރުން، މި ފަހުން ބަނދެ، އަދި އިންޖީނު ވެސް ނާޅާ ފައިބަރު ދޯންޏެއްގެ ގެގަނޑު އަނދައި، ބިއްލޫރިތައް ތަޅައިގެން ގޮސް، ގެއްލުން ލިބިފައިވާ ކަމަށް ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.

ފީއަލީ ފަޅުތެރޭގައި އަޅާފައި އޮތް ދޯނިތަކެއްގައި މިއަދު އަލިފާން ރޯވަނީ.-- ފޮޓޯ: މުހައްމަދު ފަޒީން
ފީއަލީ ފަޅުތެރޭގައި އަޅާފައި އޮތް ދޯނިތަކެއްގައި މިއަދު އަލިފާން ރޯވަނީ.-- ފޮޓޯ: މުހައްމަދު ފަޒީން

ކަފު ޖަހައިގެން ދޯނިތައް ރައްކާތެރި ތަނަކަށް ބަދަލުކުރަން އުޅުނު ފާނައިގެ މަސްވެރިކަން ކުރާ ދޯންޏެއްގެ ގިއަރު ބޮކްސް ވެސް ތަޅައިގެން ގޮސްފައިވެ އެވެ.

ފީއައްޔަކީ އެންމެ ފުޅާ ދާއިރާގައި ފާނައިގެ މަސްވެރިކަން ކުރާ އެއް ރަށެވެ. އެހެންވެ، އެ ރަށުން ފަސޭހައިން އައިސް ލިބޭނެ ގޮތަށް ބަނދަރު ކުރިމަތީގައި ޕްލާންޓެއް ހުޅުވީ 2022 ވަނަ އަހަރެވެ.

އެ ހާދިސާގައި އައިސް ޕްލާންޓު ވެސް ވަނީ އެއްކޮށް އަނދައިފަ އެވެ.