ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ބަޖެޓް އެއާލައިން ފްލައި ދުބާއީ އިން ރާއްޖެ އަށް ފުރަތަމަ ފަހަރަށް ކާގޯ ދަތުރުތަކެއް ފަށަން ނިންމައިފި އެވެ.
ފްލައިދުބާއީގެ ރާއްޖޭގެ އެޖެންޓް، އޭސް އޭވިއޭޝަން ސާވިސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުބާއީގެ އަލް މަޚުތޫމް އިންޓަނޭޝަނަލް އެއާޕޯޓް (ޑީޑަބްލިއުސީ) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ އެ ދަތުރުތައް ފަށާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.
މަތިންދާބޯޓުގެ ކެބިން އަށް މުދާ ބަރުކޮށްގެން ކުރާ "ކާގޯ އިން ކެބިން" ދަތުރުތައް ކުރާނީ އޭނާ ވިދާޅުވި ގޮތުގައި މި މަހުގެ 29 ވަނަ ދުވަހާ ހަމައަށެވެ. އެ ދަތުރުތައް ފަށަން ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ދިނީ އިއްޔެ ކަމަށް ވެސް ފިރާގު ވިދާޅުވި އެވެ.
"ގޮންޖެހުން ބޮޑު މި ވަގުތުގައި ފްލައި ދުބާއީގެ މި އިސްނެގުން އަޅުގަނޑުމެން ޝުކުރުވެރިކަމާ އެކު ބަލައިގަންނަން،" ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފިރާގު ވިދާޅުވި އެވެ.
އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުން ފަދަ އެތައް ސަބަބަކާ ހެދި ވައިގެދަތުރުފަތުރަށް ބޮޑެތި ބުރޫތައް ވަނީ އަރައިފަ އެވެ. އެކަން އެހެން އޮތް އިރު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ ވަރަށް ގިނަ އުފެއްދުންތަކަކީ ޔޫއޭއީ އިން ވައިގެ މަގުން ގެންނަ ބާވަތްތަކެވެ.
އެކަމަށް ހައްލެއް ހޯދަން އެއާލައިންތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށް ސަރުކާރުން ވެސް އަންނަނީ ބުނަމުންނެވެ.