ރާއްޖެއަށް މިއަދު އައި ފްލައިދުބާއީގެ ފްލައިޓަކަށް ދިމާވި ޓެކްނިކަލް މައްސަލައެއް، ވައިގެ ތެރޭގައި އޮވެ ހައްލުކުރުމަށް ފަހު ރައްކާތެރިކަމާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފި އެވެ.
ދުބާއީން ފުރައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި ފްލައިދުބާއީގެ ބޯއިން 737 މަރުކާގެ FZ1569 ފްލައިޓަށް މައްސަލަ ދިމާވީ މިއަދު ހުޅުލެއަށް ޖައްސަން ތައްޔާރުވަމުން ދަނިކޮށެވެ. ނަމަވެސް، ފްލައިޓަށް ދިމާވީ ޓެކްނިކަލް ކޮން މައްސަލައެއް ކަމެއް ސާފެއް ނޫނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލައިޓަށް ދިމާވި މައްސަލަ ހައްލުކުރުމަށްޓަކައި ފްލައިޓްގެ ކްރޫއިން މަސައްކަތްކުރަމުން ދިޔައިރު، ގާތްގަނޑަކަށް 45 މިނެޓު ވަންދެން ބޯޓު އޮތީ ވައިގެ ތެރޭގައި "ހޯލްޑިން ޕެޓާން" އެއްގައި މަޑުކޮށްގެންނެވެ.
މައްސަލަ ހައްލުވުމާ އެކު، ބޯޓު ވަނީ ރައްކާތެރިކަމާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ އަށް ރައްކާތެރިކަމާ އެކު ޖައްސައިފަ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ނުލިބެ އެވެ.