ޓީއެމްއޭގެ ސީޕްލޭނެއްގެ ކަނދެއް މިއަދު ބިނދި އަރިއަޅާލައި، އެ ބޯޓުގެ ކްރޫއަކަށް އަނިޔާވެއްޖެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލްގެ ޕްލެޓްފޯމަށް މިއަދުގެ މެންދުރު 2:25 ހާއިރު ކައިރި ކުރަނިކޮށް ހިނގި މި ހާދިސާގައި އަނިޔާވީ ކަނދުމަތީގައި އެ ވަގުތު ހަރަކާތްތެރިވި ކްރޫއަކަށް ކަމަށް އެމްއޭސީއެލްގެ އިސް އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި އެވެ. އެކަމަކު ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ވިދާޅުވި އެވެ.
"މިހާރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ވަނީ ފަށާފައި. ސީރިއަސް އަނިޔާއެއްވި ކަމަކަށް ނުބެލެވޭ،" ހުޅުމާލޭގެ ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ ކްރޫއާ ގުޅޭ ގޮތުން އެމްއޭސީއެލްގެ އޮފިޝަލް ވިދާޅުވި އެވެ.
ޓީއެމްއޭއިން މީޑިއާއަށް ބުނީ، ހާދިސާ ހިނގި ވަގުތު ސީޕްލޭންގައި ތިބި ފަސިންޖަރުންނައި ކްރޫން ސަލާމަތް ކޮށްފައިވާ ކަމަށެވެ. އަދި ހާދިސާ ހިނގި ގޮތް ބަލައި، ތަފުސީލް އާންމު ކުރާނެ ކަމަށް ބުންޏެވެ.
އެމްއޭސީއެލްއިން ފަހުން ނެރުނު ބަޔާނެއްގައި ބުނީ، ހާދިސާ ހިނގުމާއެކު، އެއާޕޯޓް އިމަޖެންސީ ސާވިސަސް އިން އެ ސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުން ކަަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން ފޯރުކޮށްދޭންޖެހޭ އެންމެހައި އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.
"އަދި ހަމައެއާއެކު، ހާދިސާއާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ އެންމެހައި ފިޔަވަޅުތައް އެޅިފައިވާކަން ފާހަގަކުރަމެވެ،" އެމްއޭސީއެލްގެ ބަޔާނުގައި ވެ އެވެ.
ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިޔާމް "މިހާރު" އަށް ވިދާޅުވީ އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެކަން ހިނގައިދިޔަ ގޮތް ބަލަމުން އަންނަ ކަމަށެވެ.
ސޯޝަލް މީޑިއާގައި ބައެއް މީހުން އާއްމުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ޓީއެމްއޭގެ ސީޕްލޭނެއްގެ ކަނދެއް ބިންދައިގެން ގޮސް އަރިއަޅައިލުމުގެ ސަބަބުން އެ ބޯޓަށް ކޮންމެވެސް ވަރަކަށް ލޮނު ވަދެފައި ވެ އެވެ.
އެމްއޭސީއެލްއިން ބުނި ގޮތުގައި ޓީއެމްއޭގެ ސީޕްލޭނެއް އަރިއަޅާލުމާ ގުޅިގެން، ވޯޓާ އެއިރޯޑްރޯމުން ދެމުން އަންނަ ހިދުމަތްތައް މެދުނުކެނޑި އާންމު އުސޫލުން މިހާރު ވެސް ކުރިއަށް އެބަގެންދެ އެވެ.