ޓޫރިޒަމްގެ ޕީކް ސީޒަނާ ދިމާކޮށް އިންޓަނޭޝަނަލް 10 އެއާލައިނެއްގެ ޗެކިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓާމިނަލް 2 އަށް ބަދަލުކުރަން ނިންމައިފި އެވެ. 

ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ ނޫސްބަޔާނެއްގައި ބުނީ ކުރިއަށް އޮތް ފިނި މޫސުމުގެ ދަތުރުތަކާ ގުޅުވައިގެން އަންނަ އާދިއްތަ ދުވަހުން ފެށިގެން އިންޓަނޭޝަނަލް 10 އެއާލައިނެއްގެ ޗެކްއިން ހިދުމަތް ޓާމިނަލް 2 އަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. 

އެ އިންތިޒާމުގެ ސަބަބުން، ޓޫރިސްޓުން ރާއްޖެ އައުން އެންމެ ބާރުބޮޑުވާ ދުވަސްވަރު ވީއައިއޭގެ ދެ ޓާމިނަލުން ވެސް އިންޓަނޭޝަނަލް ދަތުރުތަކަށް ހިދުމަތް ފޯރުކޮށްދެވި، ޖާގައިގެ ތަނަވަސްކަމާއި އިތުރު ޗެކްއިން ކައުންޓަރުތަކާ އެކު ހިދުމަތް ހޯދުމަށް ލުއިފަސޭހަ މާހައުލެއް ގާއިމްކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. 

ޕީކް ސީޒަންގައި ޓާމިނަލް 2 އިން ޗެކިން ހިދުމަތް ދޭނެ އެއާލައިންތަކަކީ އިޓަލީގެ ނިއޯސް، ރަޝިއާގެ އޭރޯފްލޮޓް، ބަންގުލަދޭޝްގެ ޔޫއެސް-ބަންގަލާ އެއާލައިންސް، އުޒްބެކިސްޓާނުގެ ސެންޓްރަމް އެއާ، ރަޝިޔާގެ އަޒުރް އެއާ، ސައިބީރިއާގެ އެސް ސެވަން އެއާލައިންސް، އަރްމޭނިއާގެ ޝިރަކް އަވިއާ، ކުވައިތު އެއާވޭސް، ބަލްގޭރިއާގެ ގުލިވް އެއާގެ އިތުރުން ފްރެންޗް ބީ އެވެ.

އެ 10 އެއާލައިނުން ފުރާ ފަސިންޖަރުން، ޗެކިން ވުމަށް ސީދާ ޓާމިނަލް 2 އަށް ދިއުމަށާއި ފުރުމުގެ އެންމެހާ ކަންކަން ނިންމުމަށް އެކަށީގެންވާ ވަގުތު އޮއްވައި އެއާޕޯޓަށް ދިއުމަށް ފަސިންޖަރުންނަށް އިލްތިމާސްކުރާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަންގައި އެކި އެއާލައިންތަކުގެ ބޯޑުތައް ޕާކްކޮށްފައި.-- ފޮޓޯ: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަންގައި އެކި އެއާލައިންތަކުގެ ބޯޑުތައް ޕާކްކޮށްފައި.-- ފޮޓޯ: އެމްއޭސީއެލް

ކުރިން އިންޓަނޭޝަނަލް ދަތުރުތަކަށް ހާއްސަކޮށްފައި އޮތް ޓާމިނަލް 2 ގެ ފެންވަރު މަތިކޮށް ޒަމާނީ ބަދަލުތަކަކާ އެކު އަލުން ހިދުމަތް ދޭން ފެށީ މިދިޔަ ފެބުރުއަރީ މަހު އެވެ. ވީއައިއޭގެ ޑޮމެސްޓިކް ދަތުރުތަކަށް ހިދުމަތްތައް މިހާރު ދެމުން އަންނަނީ އެ ޓާމިނަލުންނެވެ.

އެ ޓާމިނަލުގައި 27 ޗެކިން ކައުންޓަރާއި އާ ލަގެޖް ބެލްޓްތަކުގެ އިތުރުން ކެއިންބުއިމަށް ހާއްސަ ތަންތަނާއި ނަމާދުކުރާ ކޮޓަރިތަކާއި ކުޑަކުދިން ކުޅޭނެ ހާއްސަ ސަރަހައްދެއް ހަދާފައިވެ އެވެ. 

އެމްއޭސީއެލުން ބުނީ ރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ޓޫރިޒަމް ސިނާއާތް ފުޅާވަމުން އަންނައިރު، ރާއްޖެ ޒިޔާރަތްކުރާ ހުރިހާ ފަސިންޖަރުންނަށް ވެސް އަމާން އަދި ހިތްފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގައި އެ ކުންފުނި ދެމިއޮންނާނެ ކަމަށެވެ.