އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެފައި ވާތީ، ރާއްޖޭގެ ގައުމީ އެއާލައިން 'މޯލްޑިވިއަން" އިން ޓޫރިސްޓުންނަށް ޓިކެޓް ވިއްކާ އަގު ބޮޑުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި މޯލްޑިވިއަނުން ވަނީ މާލެ-އައްޑޫ އަދި މާލެ-ފުވައްމުލައް ދަތުރުތަކަށް ޓޫރިސްޓުންނަށް ޓިކެޓް ވިއްކާ އަގަށް 33 ޑޮލަރު (510.18 ރުފިޔާ) އިތުރުކޮށްފަ އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ އިސް އޮފިޝަލަކު "މިހާރު" އަށް މިރޭ ވިދާޅުވި ގޮތުގައި ބޭރު މީހުންނަށް ވިއްކާ ޓިކެޓްގެ އަގުބޮޑުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމްއޭސީއެލް އިން ޖެޓްފިއުލް ވިއްކާ އަގު ބޮޑުކުރަމުން ގެންދާތީ އެވެ.
ރާއްޖޭގައި ޖެޓްފިއުލްގެ އަގު 1.19 ޑޮލަރުން 1.99 ޑޮލަރަށް މިހާރު ވަނީ ބޮޑުކޮށްފަ އެވެ.
"ކުރު މުއްދަތެއްގެ ތެރޭގައި މި އައީ 67 ޕަސެންޓުގެ އަގުބޮޑުވުމެއް،" އޮފިޝަލް ވިދާޅުވި އެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ލޮޅުންތައް އެންމެ ބޮޑަށް އަރަމުން ދަނީ ދުނިޔޭގެ ތެލުގެ ބާޒާރަށެވެ. އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ފެށި އުދުވާނުގެ ރައްދުގައި، ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސް ޕަސެންޓު ދައުރުވާ ހޮރްމުޒް ކަނޑުއޮޅި އީރާނުން ވަނީ މުޅިންހެން ބަންދުކޮށްފަ އެވެ. އޭގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ރެކޯޑް މިންވަރަކަށް މަތިވެ، އޭގެ ނޭދެވޭ އަސަރު ދުނިޔޭގެ އިގްތިސާދަށް ވަނީ ކޮށްފަ އެވެ.
ދިގުލައިގެން ގޮސްފައިވާ އެ ހަނގުރާމައިގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ކުރި އިންޑަސްޓްރީތަކުގެ ތެރޭގައި ވައިގެ ދަތުރުފަތުރު ހިމެނެ އެވެ. ތެލުގެ އަގު ބޮޑުވުމުގެ އިތުރުން މެދުއިރުމަތީގެ ގިނަ ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކުރުމުގެ ސަބަބުން، އުދުހުންތަކަށް އިންތިހާ އަށް ބުރޫއަރައި، އެއާލައިންތަކުގެ ވިޔަފާރި އަށް އޭގެ ނުބައި އަސަރުތައް ދަނީ ކުރަމުންނެވެ.
މިދިޔަ ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށި ފަހުން އެމެރިކާގައި ވެސް މަތިންދާބޯޓުތަކަށް އަޅާ ތެޔޮ [ޖެޓް ފިއުލް] ގެ އަގު ވަނީ 95 ޕަސެންޓުން މަތިވެފަ އެވެ. ހަނގުރާމަ ފެށުމުގެ އެއް ދުވަސްކުރިން 2.50 އެމެރިކާ ޑޮލަރުގައި ހުރި ޖެޓް ފިއުލް ގެލަނެއްގެ އަގު، މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ 4.88 އެމެރިކާ ޑޮލަރަށް އަރައިފަ އެވެ. ޖެޓު ފިއުލްގެ ފީފާއަކަށް ޖެހޭ އަގުން ބަލާއިރު، ފެބްރުއަރީ މަހުގެ ތެރޭގައި ގާތްގަނޑަކަށް 96 ޑޮލަރުގައި ހުރި ފީފާއެއްގެ އަގު މިހާރު ވަނީ 200 ޑޮލަރު ހުރަސްކޮށްފަ އެވެ.
އެއާލައިންތަކުގެ ހިންގުމުގެ ހަރަދަށް ބަލާއިރު، މުވައްޒަފުންގެ ހަރަދު ނަގާފައި، އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ ތެލަށެވެ. އެއާލައިންތަކުގެ ހިންގުމުގެ ހަރަދުގެ 20-30 ޕަސެންޓަކީ ތެލަށް ކުރާ ހޭދަ އެވެ.
ޑޮމެސްޓިކް ދަތުރުތަކުގައި ބޭނުންކުރާ ބޮއިން 737-800 މަރުކާގެ މަތިންދާބޯޓަކަށް ފުލްކޮށް ތެޔޮއަޅަން ކުރަންޖެހޭ ހަރަދު މިދިޔަ މަހުގެ ތެރޭގައި ވަނީ 10،000 އެމެރިކާ ޑޮލަރުން އިތުރުވެފަ އެވެ.
ތެލުގެ އަގުބޮޑުވުމާ އެކު، ހިންގުމުގެ ހަރަދު އެތައް ގުނައަކުން އިތުރުވުމުގެ ސަބަބުން، ހަރަދު ކުޑަކޮށް ވިޔަފާރި ދެކޮޅު ޖެއްސުމަށްޓަކައި ދުނިޔޭގެ ހުރިހާ އެއާލައިންތަކަށް ވެސް މިހާރު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފަ އެވެ.
ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ އެއާލައިންތަކުން މިހާރު ވަނީ ދަތުރުތައް މަދުކޮށް، ބައެއް ރޫޓުތަކަށް ވެސް ބަދަލު ގެނެސްފަ އެވެ.
އުދުހުންތައް މަދުކޮށް، ރޫޓުތަކަށް ބަދަލުކުރުމުގެ އިތުރުން، އެތައް ގުނައަކުން އިތުރުވެފައިވާ ހަރަދުތައް ފޫބެއްދުމަށްޓަކައި ޓިކެޓުގެ އަގުތައް ބޮޑުކުރަން ވެސް އެއާލައިންތަކަށް ވަނީ މަޖުބޫރުވެފަ އެވެ.
ބައިނަލްއަގުވާމީ ދަތުރުތަކުގެ ޓީކެޓުގެ އަގުތައް މިދިޔަ އަހަރުގެ ތެރޭގައި ވަނީ 24 ޕަސެންޓުން އުފުލިފަ އެވެ. ޓިކެޓުގެ އަގުތައް މަތިވެފައިވަނީ، އެއާލައިންތަކުން ފިއުލް ސާޗާޖަށް ނަގާ މިންވަރުގައި، ތެލުގެ އަގަށް އައި ބަދަލު ހިމެނުމުންނެވެ.
އެވްރެޖުކޮށް އެލައިންތަކުން ޓިކެޓުގެ އަގަށް ގެނައި ބަދަލުތަކަށް ބަލާއިރު ކައިރި މަންޒިލްތަކަށް ކުރާ ދަތުރު (ޝޯޓް ހޯލް ފްލައިޓު) ތަކުގެ ޓިކެޓުފެ އަގު ވަނީ 5-10 ޑޮލަރާ ދެމެދުގެ މިންވަރަަކަށް މަތިވެފަ އެވެ. މީޑިއަމް ހޯލް ޓިކެޓުގެ އަގު ބޮޑުވީ 20-40 ޑޮލަރުންނެވެ.
ބައިނަލްއަގުވާމީ އެއާލައިންތަކުން ޓިކެޓު އަގުތައް މަތިކުރުމުގެ އަސަރު ރާއްޖެއަށް ކުރާ ދަތުރުތަކަށް ވެސް ދަނީ ކުރަމުންނެވެ.
މާލެ އާއި ލަންޑަނާ ދެމެދު ދަތުރުކުރަން 600-800 ޑޮލަރާއި ދެމެދުގެ އަގަކަށް ވިއްކި ޓިކެޓު އަގު މިހާރު ވަނީ 1،200 ޑޮލަރާއި 1،500 ޑޮލަރާ ދެމެދުގެ މިންވަރަކަށް ބޮޑުކޮށްފަ އެވެ. ހަނގުރާމައިގެ ކުރިން 800 ޑޮލަރުގައި ހުރި މާލެ-ފްރެންކްފަޓް ޓިކެޓެއްގެ އަގު މިހާރު ހުރީ 1،400 ޑޮލަރާ ހަމައަށް މަތިވެފަ އެވެ. ދިވެހިން އެންމެ ގިނައިން ދަތުރުކުރާ މެލޭޝިޔާ، އިންޑިއާ އަދި ތައިލެންޑުގެ ޓިކެޓުގެ އަގުތައް ވެސް ވަނީ 100 ޑޮލަރާއި 150 ޑޮލަރާ ދެމެދުގެ މިންވަރަކަށް އިތުރުވެފަ އެވެ.
މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމަ ކުރިއަށް އޮތް ދެ ހަފްތާއަށް މެދުކަނޑައިލަން ނިންމައި، ހުރްމުޒް ކަނޑޯޅި ހުޅުވައިލަން ނިންމުމުގެ ހެޔޮ އަސަރު ތެލުގެ ބާޒާރަށް މިހާރު ވެސް ވަނީ ކުރަން ފަށައިފަ އެވެ.
ނަމަވެސް، ހަނގުރާމަ ދާއިމީކޮށް ނިމުނަސް، ތެލުގެ ބާޒާރާ އެކު ދުނިޔޭގެ އިގުތިސާދު މުޅީން ހަމައަކަށް އެޅެން މަދުވެގެން ހަ މަސް ދުވަސް ހޭދަވާނެ އިގްތިސާދީ މާހިރުން ވަނީ ލަފާކުރައްވައިފަ އެވެ.