ދުބާއީން އިޒްރޭލަށް ދިޔަ ފްލައިދުބާއީގެ ފްލައިޓް FZ1073 ގެ ކޮކްޕިޓް ތެރޭގައި ކޯޕައިލެޓް، ޕައިލެޓަށް ހަމަލާދީ ފްލައިޓް ހައިޖެކްކުރަން އުޅުނު މައްސަލާގައި ހިންގި ތަހުގީގަށް ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން މިއަދު ރާއްޖެ ފޮނުވާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ހިނގި ހާދިސާއާ ގުޅިގެން ޔޫއޭއީގައި ބަންދުކުރި ދެ ޕައިލެޓުން މިއަދު ރާއްޖެ އައުމުން، އެކަމާ ގުޅޭ މައުލޫމާތު ސާފުކުރަމުން އަންނަ ކަމަށެެވެ.

ނަމަވެސް، އެ ދެ ޕައިލެޓުން ހައްޔަރެއް ނުކުރެ އެވެ. 

ޔޫއޭއީގެ ކަމާގުޅޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ ދިވެހިންނަކީ ބޯޓުގެ ޕައިލެޓަށް "ކްރޭޝް ހެމާ" އިން ހަމަލާދިން ކޯ-ޕައިލެޓް ހައްމާމް އަލް ހަމާނީއާ އެއް އިމާރާތެއްގައި އުޅޭ ބައެކެވެ. އެ ދެ މީހުންނަކީ ވެސް ކޯ-ޕައިލެޓުންގެ ގޮތުގައި ފްލައިދުބާއީގައި މަސައްކަތްކޮށް އަދި އިޒްރޭލަށް އެއާލައިންގައި ދަތުރުކޮށް އުޅޭ ބައެކެވެ.

އެކަމަކު ހާދިސާއާ އެ ދެ ދިވެހިންނާ ގުޅެނީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

އިޒްރޭލުގެ ގިނަ ބަޔަކު ހިމެނޭހެން 182 ދަތުރުވެރިންނާ އެކު ދަތުރުކުރި ބޯޓުގެ ކެޕްޓަނަށް ހަމަލާދީ ޒަހަމްކޮށްލުމުން އެ ކެޕްޓަން ކޮކްޕިކް ދޮރު ހުޅުވި އެވެ. އެއާ އެކު، ކްރޫންނާއި ފަސިންޖަރުން ކޮކްޕިޓަށް ވަދެ ބޯޓުގެ ކޮންޓްރޯލް ހޯދައި ކޯ-ޕައިލެޓް ހިފަހައްޓައި އަދި ކުއްލި ހާލަތުގައި ސައޫދީ އަރަބިއްޔާގެ ތަބޫކް އެއާޕޯޓަށް ޖެއްސި އެވެ. 

އެ މައްސަލައާ ގުޅިގެން ފްލައިދުބާއީއިން ހިންގި އަމިއްލަ ތަހުގީގަށް ފަހު، ނިންމާފައި ވަނީ ބައެއް މުވައްޒަފުން ވަކިކުރަން ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައި ވެ އެވެ