ދުބާއީން އިޒްރޭލަށް ދިޔަ ފްލައިދުބާއީގެ ފްލައިޓްގައި ކެޕްޓަނަށް ކޮކްޕިޓް ތެރޭގައި ހަމަލާދިން ހާދިސާއާ އެކު އިޒްރޭލު އޮތީ އޭގައި އިޒްރޭލުގެ 150 އަށްވުރެ ގިނަ މީހުން ތިބި ނަމަވެސް، އިޒްރޭލު ސަރަހައްދަށް ވަދެއްޖެ ނަމަ ވައްޓާލަން ތައްޔާރުވެގެން ކަމަށް މި މައުލޫމާތު ސީދާ އެނގޭ އިޒްރޭލުގެ ދެ މަސްދަރަކާ ހަވާލާދީ ސީބީއެސް އިން ބުނެފި އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި، ބޯޓުން ދަތުރުކުރި މަންޒަރު ދުށް މީހުން އަދި ފްލައިޓުގެ ކެޕްޓަން ބުނެފައިވާ ގޮތުގައި، ދުބާއީން ތެލް އަވީވަށް ދަތުރުކުރި މި ފްލައިޓް އިޒްރޭލާ ކައިރިވަމުން ދަނިކޮށް، ކޯ-ޕައިލެޓް ވަނީ ކެޕްޓަނަށް އިމަޖެންސީ "ކޯރާޑީން" ހަމަލާދީ ބޯޓު ވައްޓާލަން މަސައްކަތްކޮށްފަ އެވެ.
މަސްދަރުތަކުން ބުނި ގޮތުގައި، 9/11 ފަދަ ހާދިސާއެއް ހިނގައިފާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން އިޒްރޭލުގައި އަމަލުކުރާ އުސޫލެއް އޮވެ އެވެ.
ބޯޓު 14،000 ފޫޓަށް ތިރިއަށް ވެއްޓުމުން، އިޒްރޭލުގެ އެއާފޯސްއިން ކޮކްޕިޓަށް ގުޅަން މަސައްކަތްކުރި އެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. އެއާ އެކު ކުއްލި ހާލަތްތަކަށް އެކުލަވާލާފައިވާ ކޮމިޓީ ވަގުތުން ބައްދަލުކޮށް، ކޮމާންޑް ސެންޓަރެއް ގާއިމުކުރި އެވެ.
ފައިޓަ ޖެޓްތައް ވައިގެ ތެރެއަށް ފޮނުވާލައި، އިޒްރޭލުގެ ވައިގެ ސަރަހައްދު ބަންދުކުރި އެވެ. ނަމަވެސް، އިޒްރޭލާ 400 މޭލު ބޭރުން ބޯޓު ސައޫދީ އަރަބިއްޔާއާ ދިމާލަށް މިސްރާބު ބަދަލުކުރުމުންނާއި، ސައޫދީން އެ ގައުމުގެ ޖެޓްތައް ފޮނުވުމުން އިޒްރޭލުން ވަނީ އެ ގައުމުގެ ޖެޓްތައް އަނބުރާ ގެންގޮސްފަ އެވެ.
ބޯޓުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު، ކެޕްޓަން ވަނީ ކޯ-ޕައިލެޓާ ކުރިމަތިލައި، ކޮކްޕިޓް ދޮރު ހުޅުވޭނެ ވަގުތު ހޯދައިފަ އެވެ. އެއަށްފަހު އިޒްރޭލުގެ އާންމުންގެ ބަޔަކާއި ފްލައިދުބާއީގެ އޮފިޝަލުން ގުޅިގެން ކޯ-ޕައިލެޓް ހިފެހެއްޓި އެވެ. އަދި ބޯޓުގައި އޮފް-ޑިއުޓީގައި ތިބި ދެ ޕައިލެޓުން ބޯޓުގެ ކޮންޓްރޯލް ނަގައި، ސައޫދީ އަރަބިއްޔާގެ ތަބޫކަށް އިމަޖެންސީފައި ބޯޓު ޖެއްސީ އެވެ.
ސީބީއެސް ނިއުސްއަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނި ގޮތުގައި، ފްލައިޓް 1073 ވަކި ހިސާބަކަށް ކައިރިވި ނަމަ، އިޒްރޭލުން އުރުދުންގެ ވައިގެ ސަރަހައްދަށް ޖެޓްތައް ފޮނުވައިގެން ކަން ހިނގާ ގޮތް ބެލީހެވެ.
އިޒްރޭލުގެ ފައިޓަ ޖެޓް ޕައިލެޓުން ބޯޓާ އެންމެ ކައިރިއަށް ދެވޭ ހިސާބަކަށް ގޮސް، ކޮކްޕިޓް ތެރެ ބަލައި، ހާލަތު ވަޒަންކުރުމަށްޓަކައި ޕައިލެޓް ފެންނަ ގޮތަށް ތިބެ މުއާމަލާތުކުރާނެ އެވެ. އެއަށްފަހު، ފަސިންޖަރުންގެ ހާލަތު ބެލުމަށްޓަކައި ފަސިންޖަރުންގެ ކެބިން ވެސް އެގޮތަށް ބަލާނެއެވެ. މި ހޯދުންތަކުން ބޯޓު ތެރޭގައި ބިރުވެރިކަމެއް އޮތްކަން ފާހަގަކުރެވިއްޖެނަމަ، އެ މައުލޫމާތު އެއާފޯސްއަށާއި އެކުލަވާލެވިފައިވާ ކޮމިޓީއަށް ހިއްސާކުރާނެ އެވެ.
އެއީ ހައިޖެކްކުރުމުގެ ހާދިސާއެއްކަމަށް ނިންމައި، ހައިޖެކްކުރި މީހުން ރޭޑިއޯއިން ވާހަކަނުދައްކައި، އެއްވެސް ޝަރުތެއް ނުކުރާ ނަމަ، ކޮމިޓީން ޑިފެންސް މިނިސްޓަރާއި ބޮޑުވަޒީރު ފޯނު ކޯލަކުން ގުޅުވައިދޭނެކަމަށް މަސްދަރުތަކުން ބުނެ އެވެ.
އުސޫލުތައް ބުނާގޮތުން، ނުރައްކާތެރި ގޮތަކަށް އިޒްރޭލާ ކައިރިވާ ބޯޓެއް ވައިގެ ތެރެއިން ވައްޓާލަންޖެހެ އެވެ. ނަމަވެސް އެ ނިންމުން ނިންމޭނީ ހަމައެކަނި ބޮޑުވަޒީރުގެ ހުއްދައާއެކުގަ އެވެ. ސީބީއެސް ނިއުސްއަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނި ގޮތުގައި، އެފަދަ ބޯޓެއް އިޒްރޭލުގެ އުސް އިމާރާތެއް ކަމަށްވާ އަޒްރިއޭލީ ބިލްޑިންގްތަކަށް، ނުވަތަ އެއާޕޯޓަށް ނުވަތަ މުހިންމު އެހެން ތަނަކަށް ވައްޓާލައިގެން އެތައް ސަތޭކަ ބަޔަކު މަރުވުމަށްވުރެ، ފަސިންޖަރުން ގޮވައިގެން ދިޔަ ބޯޓު ވައްޓާލުން މާ ރަނގަޅު ކަމަށް ބެލެވޭނެ އެވެ.
ޔޫއޭއީން ތަހުގީގު ކުރިއަށް ގެންދާއިރު ބުނެފައިވަނީ ހަމަލާދިން ކޯ-ޕައިލެޓް، އޭނާ ފްލައިދުބާއީގައި ވަޒީފާ އަދާކުރުމުގެ ކުރިން ވެސް މި ހަމަލާ ރާވާފައިވާ ކަމަށެވެ. ތަހުގީގާ ގުޅޭ މަސްދަރުތަކުން މަައުލޫމާތު ދޭ ގޮތުގައި، އުމާންގެ ރައްޔިތެއް ކަމަށްވާ ހަމާމް އަލް ހަމާމީ ގަސްދުކުރީ ބެން ގޫރިއަން އެއާޕޯޓަށް ބޯޓު ވައްޓާލާށެވެ. އަދި މީގެ ކުރިން ވެސް އޭނާ އިޒްރޭލަށް ދަތުރުކޮށްފައިވާ ކަމަށް އޮފިޝަލަކު ބުނެފައިވެ އެވެ.
އިޒްރޭލުގެ ތަހުގީގުތަކުން މިހާތަނަށް ދައްކަނީ މި ހައިޖެކްކުރުމަކީ އެހެން ބަޔަކާ ގުޅުމެއް ނެތި، ކޯ-ޕައިލެޓް އަމިއްލައަށް ދޭން އުޅުނު ހަމަލާއެއްގެ ގޮތުގައި ކަމަށް ސީބީއެސް އިން މިކަމުގެ މައުލޫމާތު އެނގޭ ފަރާތަކާ ހަވާލާދީ ބުނެފައިވެ އެވެ. ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށާއި، ހުރިހާ މަގަކުން ވެސް ތަހުގީގު ކުރިއަށްދާނެ ކަމަށް ސީބީއެސް ނިއުސްއަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނެ އެވެ.