ދުބާއީން އިޒްރޭލަށް ދިޔަ ފްލައިދުބާއީގެ ފްލައިޓް FZ1073 ގެ ކޮކްޕިޓް ތެރޭގައި ކޯޕައިލެޓް، ޕައިލެޓަށް ހަމަލާދީ ފްލައިޓް ހައިޖެކްކުރަން އުޅުނު މައްސަލާގައި އެ އެއާލައިނުން ހިންގި އަމިއްލަ ތަހުގީގު ނިންމައި ބައެއް މުވައްޒަފުން ވަކިކުރަން ނިންމާފައިވާ ކަމަށް އިޒްރޭލުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފި އެވެ. 

އެއާލައިނުގެ ތަހުގީގު ނިންމާލުމަށް ފަހު އިޒްރޭލަށް އަލުން ދަތުރުތައް ފެށުމުގެ ހުއްދައަށް ވެސް އެދިފައިވާ ކަމަށާއި ނަމަވެސް، އިޒްރޭލުގެ ޓްރާންސްޕޯޓް މިނިސްޓަރު މިރީ ރެގެވް ވަނީ އެ ހުއްދަ ދޭން އިންކާރުކޮށްފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެންވެ އޭނާ ދުބާއީއަށް ގޮސް ސަލާމަތީ ކަންކަން ބެލުމަށް އިޒްރޭލުގެ އޮފިޝަލުންނަށް ދައުވަތު ދީފައިވާ ކަމަށްވެ އެވެ.

އެއާލައިނުގެ ތަހުގީގު ނިމުނަސް، ބައިނަލްއަގުވާމީ އަދި ޖިއޯޕޮލިޓިކަލް ސަލާމަތީ ތަހުގީގުތައް އަދިވެސް ދަނީ ކުރިއަށެވެ. 

މިދިޔަ މަހުގެ 30 ގައި ދުބާއީން ތެލް އަވީވަށް ދަތުރުކުރި ފްލައިޓުގައި، އުމާންގެ ކޯ-ޕައިލެޓް ހައްމާމް އަލް-ހައްމާމީ ވަނީ ކޮކްޕިޓް ތެރޭގައި އޮންނަ، ކުއްލި ހާލަތްތަކުގައި ބޭނުންކުރާ "ކޯރާޑީ" (ކްރޭޝް އެކްސް) ބޭނުންކޮށްގެން ކެޕްޓަން ސްމިތު މަޗާރަށް ހަމަލާދީފަ އެވެ. ހަމަލާއަށްފަހު ހައްމާމީ ވަނީ ބޮއިންގް 737 މެކްސް 8 މަރުކާގެ މަތިންދާބޯޓު ސިކުންތުކޮޅެއްގެ ތެރޭގައި އެތައް ހާސް ފޫޓެއް ތިރިއަށް ވައްޓާލައިފަ އެވެ. ކެޕްޓަން މައްޗާރު ދިފާއުގައި ހަމަލާދީ، ކޮކްޕިޓް ދޮރު ހުޅުވި އެވެ. އެއާ އެކު، ބޯޓުގައި ތިބި ފަސިންޖަރުންނާއި އޮފް-ޑިއުޓީ ކްރޫ މެންބަރުން ކޮކްޕިޓަށް ވަދެ ހަމަލާދިން މީހާ ކޯޕައިލެޓް ހުއްޓުވައި، ބޯޓު ކޮންޓްރޯލް ކުރި އެވެ. އަދި ކުއްލި ހާލަތުގައި ސައުދީ އަރަބިއްޔާގެ ތަބޫކަށް ޖެއްސި އެވެ.

ޔޫއޭއީގެ  ޕްރޮސެކިއުޓާ ޖެނެރަލް ހަމަދު ސައިފް އަލް ޝާމްސީ ވަނީ މިއީ "ޓެރަރިސްޓް އަމަލެއް" ކަމަށް ރަސްމީކޮށް ވިދާޅުވެފަ އެވެ. ސަރުކާރުގެ އިދާރާތަކުން އަންނަނީ މިކަމުގެ ފަހަތުގައިވާ މަގްސަދާއި ބޭރުގެ އެއްވެސް ޖަމާއަތެއްގެ އަތެއް ވޭތޯ ބަލަމުންނެވެ.

އިޒްރޭލުގެ ޖާސޫސީ އިދާރާ ޝިން ބެއިތުން ވެސް ދަނީ ހަމަލާދިން މީހާއާ ސުވާލުކުރަމުންނެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި މިއީ އެހެން ބަޔަކާ ގުޅުމެއް ނެތި، ކޯޕައިލެޓް އެކަނި ރާވައިގެން ހިންގި އަމަލެއްގެ ގޮތުގައި ކަމަށް ތަހުގީގުގެ މައުލޫމާތު އެނގޭ މީހުންނާ ހަވާލާދީ އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކު އޭނާގެ ދަތުރުތަކާއި، ގުޅުންތަކާއި، ޑިޖިޓަލް ހަރަކާތްތައް ދަނީ ބަލަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޭނާ ބޭނުންވީ ޣައްޒާގައި ހިންގާ އަމަލުތަކުގެ ބަދަލުހިފުމަށް، އިޒްރޭލުގެ ބެން ގޫރިއަން އެއާޕޯޓަށް ބޯޓު ވައްޓާލާށެވެ.

އޮސްޓްރޭލިއާގައި 2015 އިން 2017 އަށް އޮސްޓްރޭލިއާގައި ސްޓޫޑަންޓް ވިސާގައި ހަމާމް އަލް-ހައްމާމީ އުޅެފައިވާތީ، އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިހުން ދަނީ އޭނާއާ އެ ގައުމުގެ ގުޅުންތައް ވެސް ތަހުގީގު ކުރަމުންނެވެ.

މީގެ ކުރިން އުމާން އެއާގެ ފްލައިޓް ޓްރެއިނިން ތެރޭގައި އޭނާގެ ހަރުކަށި ވިސްނުމުގެ ސަބަބުން ސަލާމަތީ ނުރައްކަލެއްގެ ގޮތުގައި ފާހަގަކޮށް ވަކިކޮށްފައި ވަނިކޮށް، ފްލައިދުބާއީން އޭނާއަށް ވަޒީފާ ލިބުނު ގޮތާއި ބެކްގްރައުންޑް ޗެކްތަކާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.