ރައްޔިތުންގެ މަޖިލީހުގެ ލީގަލް އޮފިސަރެއްގެ މަގާމުގައި ހުރި އަންހެން މުވައްޒަފަކު ޕްރޮބޭޝަންގެ މުއްދަތުގެ ތެރޭގައި ވަޒީފާއިން ވަކިކުރީ ބަލިވެއިންކަން އެނގުމުން، އޭނާއާ މެދު ތަފާތުކުރުމުގެ ގޮތުން ކަމަށް ބުނެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެއް ނުބެލުމުން އެ ނިންމުން ހައި ކޯޓުން ބާތިލްކޮށްފި އެވެ. 

ޓްރައިބިއުނަލަށް އޭނާ ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އޮކްޓޫބަރު 4، 2022 ގައި ލީގަލް އޮފިސަރެއްގެ މަގާމު ދިނުމަށް ފަހު ޖެނުއަރީ 3، 2023 ގައި އޭނާ ވަޒީފާއިން ވަކިކުރީ އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމަކާ ނުލައި ވަޒީފާއާ ބެހޭ ގާނޫނާއި ޕާލަމެންޓްރީ ސާވިސް މުވައްޒަފުންގެ ގަވާއިދާ ވެސް ހިލާފަށް ކަމަށެވެ. އެހެންވެ ވަޒީފާ އަނބުރާ އިޔާދަކޮށްދިނުމަށާއި ބަދަލު ނަގައިދިނުމަށް ވެސް އެދިފައިވެ އެވެ. 

ރައްދުގައި ހުށަހެޅި އިޖުރާއީ ނުކުތާގައި މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ ވަޒީފާއިން ވަކިކުރީ ޕްރޮބޭޝަންގެ މުއްދަތުގައި ކަމަށް ވާތީ އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، ވަކިކުރުމުގެ ހައްގު، ވަޒީފާދޭ ފަރާތަށް ލިބިގެންވާ ކަމަށެވެ.

އެހެންވެ ގާނޫނުން ލިބޭ މި އިހުތިޔާރުގެ ދަށުން ވަކިކޮށްފައި ވާތީ މައްސަލަ ބެލުމުގެ އިހުތިސާސް ޓްރައިބިއުނަލަށް ނޯންނާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ. ޓްރައިބިއުނަލް އިން މައްސަލަ ނިންމީ ވެސް މި ނުކުތާއަށް ބުރަވެ، ޕްރޮބޭޝަންގެ ތެރޭގައި ވަކިކުރާ މައްސަލަތައް ބެލުމުގެ އިހުތިސާސް އެ ޓްރައިބިއުނަލަށް ލިބިގެން ނުވާ ކަމަށް ބުނެ އެވެ. 

މި ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މި މަހުގެ ދެ ވަނަ ދުވަހު ކުރި ހުކުމުގައިވާ ގޮތުން، މައްސަލަ ހުށަހެޅި ފަރާތުން ވަކާލާތުކޮށްފައިވަނީ އޭނާ ޕްރޮބޭޝަންގެ ތެރޭގައި ވަކިކުރި ނަމަވެސް އެ ނިންމުން އެގޮތަށް ނިންމާފައި ވަނީ އޭނާ ބަލިވެއިންކަން އެނގުމުން، ތަފާތުކުރުމުގެ ގޮތުން ކަމަށް ބުނެ އެވެ. 

ފަނޑިޔާރު ފާތިމަތު ފަރުހީޒާ، ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިންގެ އިއްތިފާގުން ކުރި ހުކުމުގައިވަނީ މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރީ ޕްރޮބޭޝަންގެ މުއްދަތުގައި ވަކިކުރާ މީހުންގެ މައްސަލަތައް ބެލުމުގެ އިހުތިސާސް ޓްރައިބިއުނަލަށް ލިބިގެން ނުވާ ކަމަށް ބުނާ 14 ވަނަ މާއްދާގެ ދަށުން ކަމެއް ނުވަތަ އެއްވެސް މުވައްޒަފަކާ މެދު ތަފާތުކުރުން ގެންގުޅެގެން ނުވާނެ ކަމަށް ބަޔާންކުރާ ހަތަރު ވަނަ މާއްދާގެ ދަށުން ކަމެއް ޓްރައިބިއުނަލްގެ ނިންމުމުން އެނގެން ނެތް ކަމަށެވެ. 

ޕްރޮބޭޝަން މުއްދަތުގައި ނޯޓިހަކާ ނުލައި ވަޒީފާއިން ވަކިކުރުމުގެ ހައްގު ގާނޫނުގެ 14 ވަނަ މާއްދާއިން ލިބިދީފައި ވިޔަސް، އެއީ ތަފާތުކުރުމުގެ އަސާސެއްގެ މައްޗަށް ބިނާވެގެން ކުރާ ކަމެއް ނަމަ އެ މައްސަލަ ބެލުމުގެ އިހުތިސާސް ޓްރައިބިއުނަލަށް އޮންނާނެ ކަމަށް ހައި ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ. 

އިސްތިއުނާފުކުރާ ފަރާތުން، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ބަލިވެއިންކަން އެނގުމުން، ކަމަށް ބުނާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލަ ނިންމާފައިވަނީ މައްސަލައިގެ ވާގިއާތަކަށް ރަނގަޅަށް ރިއާޔަތްނުކޮށް ކަމަށް ވާތީ، ޓްރައިބިއުނަލްގެ ނިންމުން ހައި ކޯޓުން ވަނީ ބާތިލް ކަމަށް ކަނޑައަޅައިފަ އެވެ.

އެހެންވެ، ވަޒީފާއާބެހޭ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ތަރަހައިގެ ތެރެއިން މި މައްސަލަ ބެލިދާނެތޯ ކަނޑައަޅައި، އަލުން ގޮތެއް ނިންމުމަށްޓަކައި މައްސަލަ އަނބުރާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ތަހްވީލުކުރުމަށް (އަނބުރާ ފޮނުވަން) ހައި ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.