ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާރަލުމުގެ ތުހުމަތުގައި އެ ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ވަކިކުރި ޑރ. ހުސައިން ފާއިޒް ވަކިކުރީ ގޯސްކޮށް ކަމަށްވާތީ އޭނާއަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 600،000 އަށް ވުރެ ގިނަ ރުފިޔާ ދޭން ކުރި އަމުރަށް ހައި ކޯޓުން ތާއިދުކޮށްފި އެވެ. 

ނޮވެމްބަރު، 2022 ގައި ފާއިޒު ވަޒީފާއިން ވަކިކުރީ އޭރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އެ ކޯޓުގެ މުވައްޒަފުންނަށް ފާރަލެވޭ ގޮތަށް ސުޕްރީމް ކޯޓުގައި ސީސީޓީވީ ކެމެރާ ހަރުކޮށް އަދި އޭނާ ހުންނެވި ކޮޓަރިއަށް ކެމެރާގެ ފީޑް ލިބޭ ގޮތް ހަދާފައިވާ ކަމަށް ތުހުމަތުކޮށެވެ. އަދި ކެމެރާ ހަރުކުރުމަށް ބަޖެޓުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވަނީ ވެސް ދައުލަތުގެ މާލިއްޔަތު އުސޫލުތަކާ ޚިލާފަށް ކަމަށް ވެސް އޭރު ތުހުމަތުކުރި އެވެ.ނަމަވެސް އެ ތުހުމަތުތަކަށް ފާއިޒު އިންކާރު ކުރެއްވި އެވެ.

މިހާރު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރުކަން ވެސް ކުރައްވާ ފާއިޒްގެ ފަރާތުން އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ ޓްރިބިއުލަނުން ނިންމާފައިވަނީ އޭނާ ވަކިކުރީ ގޯސްކޮށް ކަމަށެވެ. އެހެންވެ، ފާއިޒު ވަކިކުރި ތާރީހުން ފެށިގެން ފެށިގެން އޭނާގެ މަގާމުގެ ފަސް އަހަރުގެ ދައުރު ހަމަވާ ތާރީހާ ހަމައަށް މުސާރަ އާއި އިނާޔަތްތައް ދިނުމަށް ޓްރައިބިއުނަލުން އޮތީ އަމުރުކޮށްފަ އެވެ.

އެގޮތުން 678،000ރ. އޭނާއަށް ދޭންޖެހޭނެ ކަމަށް ޓްރައިބިއުނަލުން ކަނޑައެޅި އެވެ. 

އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން އިއްޔެ ކުރި ހުކުމްގައި ކަނޑައެޅީ ޓްރައިބިއުނަލްގެ ނިންމުން ބަދަލު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. 

ހުކުމްގައި ބުނީ އެ މައްސަލާގައި ފާއިޒް ވަކި ކުރުމުގައި މައުޟޫއީ އަދުލުވެރިކަން ގާއިމް ކުރެވިފައިވޭތޯ ބެލިއިރު، އެކަން ގާއިމްވެފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެ ނިންމުމަކީ ފަހަރެއްގައި ވަޒީފާދޭ ފަރާތުން އުންމީދުކުރި ނިންމުމަކަށް ނުވެދާނެ ކަމަށާއި އެއީ ވަޒީފާދޭ ފަރާތަށް މާޔޫސްކަން ގެނުވި ނިންމުމަކަށްވެސް ވެދާނެ ކަމަށް ހުކުމުގައިވެ އެވެ. 

ނަމަވެސް ޓްރައިބިއުނަލުން ނިންމި ނިންމުމަކީ ޖޭއެސްސީން އުންމީދުކުރި ނިންމުމަކަށް ނުވުމަކީ ނުވަތަ މާޔޫސްކަން ގެނުވި ނިންމުމަކަށްވުމަކީ ނުވަތަ އެ ނިންމުމަކީ ގަޔާނުވާ ނިންމުމަކަށް ވުމަކީ  ޓްރައިބިއުނަލްގެ ނިންމުން ގޯސް ކަމަށް ބެލެވޭނެ ސަބަބެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.  

އޭގެ އިތުރުން ހުކުމްގައި ބުނީ އިތުބާރާއި އަދި އަމާނާތްތެރިކަން ގެއްލިފައިވާ ކަމަށް ވަޒީފާދޭ ފަރާތުން ބުނެލާ ބުނެލުމަކީ، މުވައްޒަފުގެ ގޯސް ސުލޫކެއް އޮތްކަން ސާބިތުކޮށްދިނުމަށް ވަޒީފާދޭ ފަރާތުގެ މައްޗަށް އޮންނަ ބުރަ ފިލައިގެންދާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ މައްސަލާގައި މުވައްޒަފުގެ ޣައިރު ސުލޫކެއް އޮތްކަން ސާބިތުކޮށްދެވިފައި ވެސް ނެތް ކަމަށް ހުކުމުގައިވެ އެވެ. 

އެ މައްސަލާގައި ނޯޓިސް ދިނުމާއެކު ވިޔަސް ނުވަތަ ނޯޓިސް ދިނުމެއްނެތި ވިޔަސް ވަޒީފާއިން ވަކިކުރި ވަކިކުރުން ގާނޫނާ އެއްގޮތް ކަމަށް ބެލެވޭނެ ހަމައެއް ޖޭއެސްސީއަށް ބުނެދެވިފައިނުވާ ކަމަށް ވެސް ހުކުމްގައިވެ އެވެ. 

އެހެންކަމުން ފާއިޒު ވަޒީފާއިން ވަކިކުރުމަށް ދެއްކި ހުއްޖަތް އެކި ބަސްތަކުން ނުވަތަ އެކި އިބާރާތްތަކުން ތަކުރާރުކުރާ ކުރުމަކީ ޓްރައިބިއުނަލުން ވާސިލުވެފައިވާ ގާނޫނީ ނަތީޖާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ހައި ކޯޓުގެ ހުކުމްގައިވެ އެވެ.