ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވި ޒުވާނާ މިއަދު ނިޔާވެއްޖެ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވަނީ، ޑެންގީގައި ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދިޔަ އަހުމަދު ނަބްހާން މުހައްމަދު ނިޔާވިކަން ކަށަވަރުކޮށްދީފަ އެވެ.
މިދިޔަ ހަފުތާގައި ހުން އައިސްގެން 22 އަހަރުގެ އެ ޒުވާނާއަށް ފުރަތަމަ ފަރުވާ ދިނީ، އޭނާގެ އުފަން ރަށް، މިލަންދޫ ސިއްހީ މަރުކަޒުގަ އެވެ. ނަމަވެސް، ހާލު ސީރިއަސްވުމުން ދެން ފޮނުވާލީ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށެވެ. އައިޖީއެމްއެޗަށް ފަރުވާއަށް ގެނައީ އިއްޔެ އެވެ.
ޑެންގީގައި ޒުވާނަކު ނިޔާވިއިރު، އެ ބަލި ރިޕޯޓުކުރި މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އެ އިދާރާއިން ބުނީ މިދިޔަ މަހު ޑެންގީ ޖެހިގެން 535 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓުކުރި ކޭސްގެ އަދަދު އުޅެނީ 60 ގަ އެވެ.
މިދިޔަ ފެބްރުއަރީ މަހު ޑެންގީ ޖެހިގެން 428 ކޭސް ރިޕޯޓުކުރިއިރު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެ އަދަދު ހުރީ 76 ގަ އެވެ.
ޑެންގީ ހުން ފަދަ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެއް ކަން އެޗްޕީއޭ އިން ވަނީ ހަނދާންކޮށްދީފަ އެވެ.