އިމާރާތް ކުރުމާއި އެހެން ބޭނުންތަކަށް މަގު ކޮންނައިރު ކޭބަލްތައް ބުރިވެ ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެފައިވާތީ، ކޭބަލްތަކަށް ގެއްލުން ނުވާނެ ގޮތަކަށް އެކަން ކުރަން ސްޓެލްކޯ އިން އިލްތިމާސްކޮށްފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ހަވީރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ގޮތަށް ކަރަންޓު ދެވުނުއިރު ހުރީ އެރޭ ދަންވަރު 12 ޖަހައިފަ އެވެ. އާއްމުންނަށް އެތައް އުނދަގޫތަކެއް ކުރިމަތިވި އިރު ކަރަންޓް ކެނޑުނީ ކޭބަލަކަށް ލިބުނު ގެއްލުމާ ގުޅިގެންނެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ ދެވަނަ ފިޔަވަހީގައި ބަޔަކު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ކަރަންޓު ދޭން އަޅާފައިވާ މައި ކޭބަލަކަށް ގެއްލުން ލިބިގެން ކަމަށެވެ.
އެހެންވެ މަގު ކޮނުމާއި، އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާއިރު، ބިމު އަޑިން އަޅާފައިވާ ކަރަންޓު ކޭބަލްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
"އެފަދަ ހާދިސާތަކުގެ ސަބަބުން ކުންފުންޏަށާއި އާންމު ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކާއި ލިބޭ ގެއްލުންތަކުން ސަލާމަތްވުމަކީ ނުހަނު މުހިންމު ކަމެއް. އެހެންކަމުން، ހުރިހާ ފަރާތްތަކުން ވެސް މިކަމަށް ފުރިހަމައަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަން،" ސްޓެލްކޯ އިން ބުންޏެވެ.
ހުޅުމާލެ 2 އަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ކޭބަލަކަށް ގެއްލުންވެ، ހިޔާ ޓަވަރުތަކުގެ އިތުރުން ވިނަރެސް ފްލެޓުތަކުން ވެސް ކަރަންޓުގެ ހިދުމަތް އެރޭ މެދުކެނޑުނެވެ.