ހުޅުމާލޭ 2 ގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިގެން މައްސަލަ ހައްލުކުރަމުން ދަނިކޮށް އިތުރު މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށާއި އެ މައްސަލަތައް ހައްލުކުރުމަށް އަދިވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ހުޅުމާލެ 2 ގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން 3:21 ގައި ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައިވެ އެވެ. އަދި އޭގެ ފަހުން ވެސް ވަނީ މައްސަލަ ދެނެގަނެ 45 ވަރަކަށް މިނެޓް ތެރޭ އަލުން ހުރިހާ ޓަވަރަކަށް ކަރަންޓު ދެވޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ފަހުން ވަނީ އިތުރު މައްސަލަތަކެއް ފާހަގަވެފަ އެވެ.
ސްޓެލްކޯއިން ބުނީ ދިމާވި މައްސަލަ ދެނެގަނެ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަނިކޮށް އިތުރު ޓެކްނިކަލް މައްސަލަތަކެއް ފާހަގަވެފައިވާތީ މިހާރު ދަނީ އެ މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް މަސައްކަތްކުރަމުން ކަމަށެވެ.
"ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކަށް ކަރަންޓު ފޯރުކޮށްދިނުން މެދުކެނޑުނު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް، އިތުރު ޓެކްނިކަލް މައްސަލަތަކެއް ފާހަގަވެފައިވާތީ، އެ މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުން ދަނީ ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް ކުރަމުން،" ސްޓެލްކޯއިން އެކްސްގައި ބުނެފައިވެ އެވެ.
"މި ދަތި ވަގުތުގައި ވެސް ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ވަރަށް އިހްލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން. އަދި ހިދުމަތް މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މައާފަށް އެދެން."
ސްޓެލްކޯ އިން ބުނީ އަލަށް ފާހަގަވި މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އަލުން ކަރަންޓު ދެވޭނެ ވަކި ވަގުތެއް އަދި ނުބުނެ އެވެ.