މަތީ ތައުލީމުދޭ މަރުކަޒުތަކުން ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިނާ އެއްގޮތަށް ކޯސްތައް އެކްރެޑިޓްކުރަން އަންގައި މުއްދަތެއް ދީފި އެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓި(އެމްކިޔުއޭ)އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ގައިޑްލައިންގެ ދަށުން ރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ކުރިން އެޕްރޫވަލް ހޯދާފައިވާ ޕްރޮގްރާމްތަކަށް އަލުން އެކްރެޑިޓޭޝަން ހޯދަން ޖެހޭނެކަން ކުރިން ވެސް އަންގާފައިވާނެ ކަމަށެވެ.
ނަމަވެސް ބައެއް މަރުކަޒުތަކުން ހިންގަމުން އަންނަ ޕްރޮގްރާމްތަކުން އާ އުސޫލުގައިވާ ގޮތަށް އެކްރެޑިޓޭޝަން ހޯދަން ހުށަހަޅާފައިނުވާކަން ފާހަގަވެފައިވާ ކަމަށް އެމްކިޔުއޭ އިން ބުންޏެވެ.
އެ ތަންތަނާ އެކު ބައްދަލުވުމެއް ބާއްވަން މަސައްކަތްކުރި ނަމަވެސް ބައްދަލުވެފައި ވަނީ ވަރަށް މަދު ތަންތަނާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
"މީގެ ތެރެއިން 30 ވަރަކަށް މަރުކަޒާ މިހާތަނަށް ވަނީ އެ މަރުކަޒުތަކުން މިނިސްޓްރީއަށް ދީފައިވާ އީމެއިލް އަދި ފޯނުގެ ޒަރީއާއިން ވެސް ގުޅޭ ގޮތް ނުވެފަ އެވެ،" އެމްކިއުއޭއިން ބުންޏެވެ.
ކޯސްތައް އެކްރެޑިޓް ކުރަން އަންނަ މަހުގެ ނިޔަލަށް މުއްދަތެއް ދީފައި ވާއިރު ހުއްދަ ނުނަގާ ނަމަ، އަންނަ އަހަރުގެ އޮކްޓޫބަރު 22 އިން ފެށިގެން އެފަދަ މަރުކަޒުތަކުން، އެކްރެޑިޓޭޝަން ނުހޯދާ ހިންގާ ކޯސްތައް ބާތިލް ކުރާނެ ކަމަށް ވެސް އެމްކިޔުއޭއިން ބުންޏެވެ.