މަސްތުވާތަކެތީގެ ކުށްތަކުގައި ވެސް މަރުގެ އަދަބު ދެވޭ ގޮތް ހަދައި، ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކޮށް ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ކުރާތީ ހިއުމަން ރައިޓްސް ވޮޗް އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އިތުރު ޖަމާއަތްތަކަކުން އެކަމާ ދެކޮޅަށް ބަޔާން ނެރެފި އެވެ. 

ސަރުކާރުގެ މި ނިންމުން ބަދަލުކުރަން ގޮވާލައި ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި، "އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް" (އައިސީސީޕީއާރް) އަދި އދ. ގެ އެތައް ގަރާރަކާ ހިލާފު ނިންމުމެއް ކަމެކެވެ.

މަރުގެ އަދަބުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ޖަމިއްޔާތަކުން އެކަމާ ދެކޮޅަށް ނެރޭ ބަޔާންތަކުގައި ދައްކާ ވާހަކަތައް ތަކުރާރުކޮށް، މި ބަޔާނުގައި ބުނެފައިވަނީ މަރުގެ އަދަބު ދިނުން 113 ގައުމަކުން އެއްކޮށް އުވާލާފައިވާ ވަނިކޮށް، ރާއްޖެއިން މިފަދަ ފިޔަވަޅެއް އެޅުމަކީ "ފަހަތަށް އެޅޭ ފިޔަވަޅެއް" ކަމަށެވެ.

އަދުލު އިންސާފު ގާއިމުކުރުމުގައި މަރުގެ އަދަބު ތަންފީޒުކުރަންޖެހޭ ކަމަށާއި އެކަމާ ގުޅޭގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރާ ބިލް އޮތީ ފަހުގެ މަރުހަލާގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު ވަނީ ވިދާޅުވެފަ އެވެ. 

މި ބަޔާން ނެރުމުގައި ހިއުމަން ރައިޓްސް ވޮޗްގެ އިތުރުން ބައިވެރިވެފައިވަނީ އެޑްވޮކޭޓްސް ފޯ ހިއުމަން ރައިޓްސް، އެންޓި-ޑެތު ޕެނަލްޓީ އޭޝިއާ ނެޓްވޯކް، ކެޕިޓަލް ޕަނިޝްމަންޓް ޖަސްޓިސް ޕްރޮޖެކްޓް، އީ.ސީ.ޕީ.އެމް، އިންޓަނޭޝަނަލް ފެޑެރޭޝަން ފޯ ހިއުމަން ރައިޓްސް، ހާމް ރިޑަކްޝަން އިންޓަނޭޝަނަލް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް، ޕާލަމަންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން އަދި ވޯލްޑް ކޯލިޝަން އެގެއިންސްޓް ދަ ޑެތު ޕެނަލްޓީ އެވެ.

މަރުގެ އަދަބު ދިނުމަކީ މިއަދާ ހަމައަށް ވެސް ތަންފީޒުނުވެ އޮތް ކަމެއް ކަމަށާއި އެކަމަކު، އެއީ ހަމައެކަނި ހަދާ އުސޫލަކުން ނޫނީ ގަވައިދަކުން ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

 "މިއީ އަޅުގަނޑު ހިތުން އަދުލުއިންސާފު ގާއިމްކުރުމަށްޓަކައި އަދި ސޯޝަލް ޖަސްޓިސް ގާއިމްކުރަން ކުރަންޖެހޭ ކަމެއް. އިސްލާމީ ގައުމެއްގައި، އެ އޮންނަ އުސޫލެއްގެ މަތިން ހުރިހާ ކަމެއް ފުރިހަމަވެފައި އޮންނަ ހާލަތުގައި އެކަން ހިފެހެއްޓުމަކީ ދައުލަތަކަށް ވެސް އޮތް ޗޮއިސެއް ކަމަށް ގަބޫލެއް ނުކުރަން. އަދި ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެއީކީ ހިފެހެއްޓޭނެ ކަމަކަށް ގަބޫލެއް ނުކުރަން،" ރައީސް ވިދާޅުވި އެވެ. 

ރާއްޖޭގައި 1954 ވަނަ އަހަރުގެ ފަހުން މަރުގެ ހުކުމް ތަންފީޒެއް ނުކުރެ އެވެ. ނަމަވެސް މިހާރު ހަދަމުން އަންނަ ބިލް ފާސްވެ ގާނޫނަކަށް ވުމުން ޝަރުއީ ހުރިހާ މަރުހަލާތަކެއް ނިމި، ހުކުމް ތަންފީޒުކުރުމަށް ބޭނުންވާ ގާނޫނީ ހުރިހާ ޝަރުތެއް ފުރިހަމަވާ މީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުން އިއްތިފާގުވާ ހާލަތުގައި އެ އަދަބު ކަނޑައެޅޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ވެސް ވަނީ ފަށައިފި އެވެ.

ހިއުމަން ރައިޓްސް ވޮޗުން ބުނީ ކުރިން މަރުގެ އަދަބު ނެތް ކުށްތަކަށް އަލުން އެ އަދަބު ތައާރަފުކުރުމަކީ މަރުގެ އަދަބު އުވާލުމަށް ދުނިޔެއިން ކުރާ މަސައްކަތާ ދެކޮޅު ނިންމުމެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުއާހަދާތަކަށް އިހުތިރާމުކޮށް، މި ނިންމުން އަނބުރާ ގެންދިއުމަށާއި، މިހާރު މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ އަދަބު ލުއިކޮށްދިނުމަށް ވެސް ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމި، ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދެމެހެއްޓުމުންނެވެ. ނަމަވެސް ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓާފައިވާ ތިން މީހަކު މިހާރު ވެސް އެބަތިއްބެވެ.