ބ. ކެންދޫ ބަޔަކު އެ އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ހުޅުދޫގައި ވެލާ ފެޅި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން "މިހާރު" އަށް މިއަދު ބުނީ ހުޅުދޫގައި ބަޔަކު ވެލާ ފެޅި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހުގެ ފަރާތުން މި މަހުގެ 11 ވަނަ ދުވަހު ހެނދުނު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންގެ ތަހުގީގު ރިޕޯޓު މިހާރު އެންވަޔަރުމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހިމެނޭ މީހުންގެ އަދަދެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް، "މިހާރު" އަށް އެނގިފައިވާ ގޮތުގައި ފެލާ ފެޅި ކަމަށް ތުހުމަތުކުރަނީ ކެންދޫ ބަޔަކަށެވެ.
އީއާރުއޭގެ ޗީފް އެގްޒެކެޓިވް ހައްސާން މުހައްމަދު "މިހާރު" އަށް މިއަދު ވިދާޅުވީ ހުޅުދޫގައި ބަޔަކު ފެލާ ފެޅި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގުކުރުމަށް ފަހު، ތަހުގީގީ ރިޕޯޓް ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވްގެ އޮފީހަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުވާފައިވާ ކަމަށެވެ.
"ބަޔޮސްފިޔާ ރިޒާވްގެ އޮފީހުން އެ ރިޕޯޓް އީއާރުއޭ އަށް މިއަދު ހުށަހެޅުމާ އެކު، އަޅުގަނޑުމެންގެ އެސްއޯޕީ އޮންނަ ގޮތުން، ތުހުމަތު ކުރެވޭ މީހުންނަށް ޖަވާބުދާރީވާން ފުރުސަތު ދޭނެ،" ހައްސާން ވިދާޅުވި އެވެ.
"އީއާރުއޭ އިން މި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ."
މީގެ ކުރިން 2023 ވަނަ އަހަރު ވެސް ކެންދޫގެ ހަތް މީހަކު އެ އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކުމުގައި ބައިވެރިވި މައްސަލައެއްގައި އީއާރުއޭ އިން އެމީހުން ޖޫރިމަނާ ކުރި އެވެ. އެ ފަހަރު އެމީހުން ހަ ވެލާއެއް ފަޅާލި އެވެ.
އެ އިން ކޮންމެ އެއްޗަކަށް 33،000ރ. ގެ މަގުން ކޮންމެ މީހަކަށް 198،000ރ. ގެ ޖޫރިމަނާއެއް ފުރަތަމަ ކުރި އެވެ. ނަމަވެސް، އެ އަދަދު މާ ބޮޑު ކަމަށް ބުނެ ޖޫރިމަނާ ދައްކަން އެ މީހުން ދެކޮޅު ހެދުމުން ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި އޭޖީ އޮފީހުގެ ލަފާގެ މަތިން ކޮންމެ މީހަކު ދައްކަން ޖެހޭ ޖޫރިމަނާގެ ފައިސާގެ އަދަދު 33،000ރ. އަށް ކުޑަކޮށްދިނެވެ.
ކެންދޫ ބަޔަކު ވެލާ ފެޅި މައްސަލައެއް އަނެއްކާވެސް ފެންމަތިވި އިރު، އެ ރަށު ކައުންސިލް ރައީސް އިބްރާހިމް އަބްދުއްރަހްމާންގެ ސައިކަލު ކަނޑު ފެއްތި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. އެކަން ހިނގީ މިދިޔަ ބުދަ ދުވަހު ރެ އެވެ.
އިބްރާހިމްގެ ފިނޯ ސައިކަލު ފެނުނީ ރަށުގެ އުރަފަށުން ބޭރުންނެވެ. ސައިކަލު ފައްތާފައި އޮތީ 10 މީޓަރު އަޑީގަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ ސައިކަލް ކަނޑުން ނަގައިފަ އެވެ.