އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ކެޕްޓަން ހުސެއިން ޝަފީގު މިއަދު އައްޔަންކޮށްފި އެވެ.
ޕީސީބީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެމްޕީއެލްގެ ބޯޑު މެމްބަރު ކަމަށާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކަމަށް ދަފްތަރު ނަންބަރު ރސ 2861، ޝަފީގު މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.
ކެޕްޓަން ޝަފީގަކީ ތަޖުރިބާކާރު މާސްޓާ މެރިނަރެކެވެ. އޭނާއަކީ ކަނޑުދަތުރުފަތުރާ ގުޅޭ ކަންކަމުގައި 35 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައި، 10 އަހަރަށް ވުރެ ގިނަ ދުވަހު ކެޕްޓަނެއްގެ ގޮތުގައި ބޭރު ދަތުރުތައް ވެސް ކުރެއްވި ބޭފުޅެކެވެ.
އޭނާ ވަނީ މާސްޓާ މެރިނާ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ (އަންލިމިޓެޑް) އަދި އެޑްވާންސްޑް ޑިޕްލޮމާ އިން މެރިޓައިމް ސައިންސް ހާސިލްކުރައްވައިފަ އެވެ.
ގިނަ އަހަރުތަކެއް ވަންދެން ބަލްކް ކެރިއާ އާއި ޖެނެރަލް ކާގޯ އަދި ހެވީ ލިފްޓް ކަހަލަ އެކި ބާވަތުގެ ބޮޑެތި އުޅަނދުފަހަރުގެ ކެޕްޓަނެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރައްވާފައިވެ އެވެ. ކޮވިޑް-19ގެ ދުވަސްވަރު އެމްޓީސީސީގެ "މަހާޖައްރާފު"ގެ ފުރަތަމަ ދިވެހި ކެޕްޓަނެއްގެ ގޮތުގައި ހަތް މަސްދުވަހު އޭނާ މަސައްކަތް ކުރެއްވި އެވެ.
މާސްޓަރެއްގެ އިތުރުން ޗީފް އޮފިސަރު ކަމާއި ސެކަންޑް އޮފިސަރު އަދި ތާޑް އޮފިސަރުގެ މަގާމުތައް އެކި ކުންފުނިތަކުގައި އޭނާ އަދާކުރެއްވި އެވެ. ފަޅުވެރިން ތަމްރީނުކުރުމާއި އުޅަނދުފަހަރުގެ ރައްކާތެރިކަން ބެލެހެއްޓުމުގައި ދިގު މުއްދަތުގެ ތަޖުރިބާކާރެކެވެ.
އެމްޕީއެލްގެ އެމްޑީއަކަށް ޝަފީގު އައްޔަންކުރީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ރިޝްވާން މި މަހުގެ ހަ ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. އެނގިފައިވާ ގޮތުގައި ރިޝްވާން އިސްތިއުފާ ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަކަށެވެ.
ރިޝްވާނަކީ މި ސަރުކާރުގައި އެމްޕީއެލްގެ އެމްޑީގެ މަގާމު ފުރުއްވި ދެވަނަ ބޭފުޅާ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ އެމްޕީއެލްގެ އެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު ވަޖީހު އިބްރާހިމް ވަކިކުރުމަށް ފަހު އެވެ.
މި މަހު ހަތަރެއްގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ އެކު، ދައުލަތުގެ އެކި ކުންފުނިތަކުގެ އެމްޑީގެ މަގާމުން ބައެއް ބޭފުޅުން ވަނީ ވަކިކޮށްފަ އެވެ.