މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ އުސޫލަށް އިސްލާހުތައް ގެނައި ނަމަވެސް، ޕޮއިންޓް ދޭ ގޮތަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ ސަރުކާރުގެ ހައުސިން ސްކީމްގެ އުސޫލަށް ބަދަލު ގެންނަ ކަމަށް ބުނަނީ "އޮޅުމަކުން" ކަމަށެވެ. އުސޫލަށް އިސްލާހުތައް ގެނައި ނަމަވެސް، އެ ބަދަލު ގެނައުމުގެ ކުރިން ފޯމު ހުށަހެޅި އެއްވެސް މީހެއްގެ ހައްގަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ހަގީގަތުގައި ކޮންމެ ވެސް ވަރެއްގެ މިސްކޮންޝަޕްނެއް ކަން ނޭނގޭ އުސޫލަށް ބަދަލު ގެންނަ ވާހަކައަކީ. އަޅުގަނޑުމެން މިހާތަނަށް އިއުލާންކޮށްފައި އޮތް  އެއްޗެއްގައި، އިއުލާންކޮށްފައި އޮތް ސްކީމެއްގައި ނޫނީ ޕްރޮގްރާމެއްގައި ޕޮއިންޓް ސިސްޓަމަށް، ޕޮއިންޓަށް ބަދަލު އަންނާނެ ފަދަ އެއްވެސް ކަމެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ ކަހަލަ ކަމެއް ކުރާ ކަމަށް ވަންޏާ އިންނާނީ އާ ކެޓަގަރީއެއް ލައިފައި. މާނައަކީ މިހާރު ފޯމު ލާފައި ހުރި މީހެއްގެ ފޯމަށް އޭނާގެ ހައްގަކަށް، އޭނާގެ ޕޮއިންޓަށް ބަދަލު އަންނާނެ ފަދަ އެއްވެސް ކަމެއް އަޅުގަނޑުމެން ނުކުރަމޭ."

އުސޫލަށް އިސްލާހެއް ގެނެސްފައިވާ ނަމަ އޮންނަނީ ކުރިން ފޯމު ހުށަހެޅި މީހެއްގެ ހައްގު ނުގެއްލޭ ގޮތަށް، އާ ކެޓަގަރީތަކެއް އިތުރުކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"އެހެނެއް ނޫން މިސާލަކަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އެ މީހުންނަށް ވަކި ސްކީމެއް ހަދައިފައި އިއުލާންކުރީ، އެ ފަރާތްތައް އެއީ ސޯޝަލީ ގޮސް ބަލައިފައި، އެ މީހުންގެ ހާލަތު ބަލައި އެސެސްކޮށްފައި ކުރިއަށް ގެންދަން ބޭނުންވާތީވެ،" މުއްތަލިބު ވިދާޅުވި އެވެ.

"އެހެންވީމަ، އެ ކަހަލަ އާ ކެޓަގަރީތަކެއް ގެނެސްފައި ހުންނާނެއޭ، އުސޫލަށް. މިހާރު ހުރި، ކުރިއަށް ދާ ސްކީމެއްގެ އުސޫލުތަކަށް ބަދަލެއް ގެނެސް، ޕޮައިންޓަށް ޗޭންޖެއް އަންނަ ކަހަލަ ގޮތެއް ކޮށްފައެއް ނުހުންނާނެ. އެހެންވީމަ، އެ ކްލެރިފިކޭޝަން އަޅުގަނޑު ދޭން ބޭނުން."

ގޯއްޗާއި ފްލެޓު ދިނުމަށް ހަދާފައިވާ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އުސޫލަށް ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާއްސަ ކެޓަގަރީއެއް އިތުރުކޮށްފަ އެވެ. އަދި "ބިންވެރިޔާ" ހާއްސަ ސްކީމުގެ ނަމުގައި ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމަށް ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބުނު އެންމެން އެ ގޯތި ދޫކޮށްލަން އެއްބަސްވާ ނަމަ، އެ މީހުންނަށް ވަކިވަކިން ގޯތި ދޫކުރާ އުސޫލެއް ވެސް ފަހުން އިއުލާންކޮށްފައިވެ އެވެ. 

ފްލެޓާއި ގޯތި ޕްރޮގްރާމުތަކުގައި އަނބިމީހާ ނުވަތަ ފިރިމީހާއަށް މާލެ ސަރަހައްދުން ބޯހިޔާވަހިކަމެއް ލިބިފައިވާ ނަމަ، ކުރިމަތިނުލެވޭ ގޮތަށް އޮތުމުން އެކަން ހައްލުކުރުމަށް "ގޯތި-ގެދޮރު" ނަމުގައި ވެސް ހާއްސަ ޕްރޮގްރާމެއް އިއުލާންކޮށްފައިވެ އެވެ. 

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ގިނަ ކެޓަގަރީތަކުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ ފަހު މުއްދަތު މިހާރު ވަނީ އަންނަ މޭ މަހުގެ 31 ގެ ނިޔަލަށް އިތުރުކޮށްފަ އެވެ. 

މިދިޔަ ޖެނުއަރީ މަހުގެ 18 ގައި ހުޅުވާލި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. 

ފްލެޓް ދޭން ސަރުކާރުން ކަނޑައަޅާފައި ވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓާއި މާލޭގައި ރަށްވެހިވެފައި ނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ފްލެޓުގެ އިތުރުން ހާއްސަ ކެޓަގަރީތަކަށް ކަނޑައަޅާފައިވާ 2،400 ފްލެޓެވެ. 

ރަސްމާލެއިން 25،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. އެކަމަކު ފުރަތަމަ ބުރުގައި އެތަނުން ދޫކުރަނީ 15،000 ގޯއްޗެވެ.