ބުލީކުރުމަކީ ގާނޫނީ ކުށަކަށް ހަދައި އެކަމަށް އަދަބު ދެވޭނެ ގޮތަށް "އެންޓި ބުލީ" ގާނޫނެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފުތާގައި ދަނާލުގައި 18 އަހަރުގެ އަންހެން ކުއްޖަކު މަރުވި މައްސަލައާ ބުލީއާ ގުޅޭ ކަމަށް އަޑު ފެތުރިފައި ވާއިރު އެ މަރަށް ފަހު ބުލީގެ އެކި މައްސަލަތަކުގެ ވާހަކަ އެތައް ބަޔަކު ދައްކާފައިވެ އެވެ.
ކޮންމެ ހޯމަ ދުވަހަކު ރައީސް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުން އެ މަނިކުފާނު ފެއްޓެވީ ވެސް ރާއްޖެ އާއި މުޅި ދުނިޔޭގައި ބުލީގެ މައްސަލަ ބޮޑުކަމާއި އެކަމާ ދެކޮޅަށް ފިޔަވަޅުތައް އަޅަންޖެހިފައިވާކަން ފާހަގަކުރައްވަމުންނެވެ.
ރައީސް ވިދާޅުވީ ބުލީ ކުރުމަކީ "ޑީޕް ރޫޓެޑް އިންޓަ ކަނެކްޓެޑް" ވަރަށް ބައިވަރު މައްސަލަތައް ހިމެނޭ މައްސަލައެއް ކަމަށެވެ.
އެންމެ ތުއްތު ކުދިންނާ ހިސާބުން ފެށިގެން ބޮޑެތި މީހުންނާ ހަމައަށް ވެސް ބުލީ ކުރުން އޮންނަ ކަމަށާއި އެކަން ހުއްޓުވުމަށް ސަރުކާރު ލެވެލްގައި ވެސް މަސައްކަތްތަކެއް މިހާތަނަށް ކޮށްފައި ވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މިހާރު އަމަލުކުރަމުން އަންނަ ގާނޫނީ ނިޒާމުގެ ތެރޭގައި ވެސް ބުލީކުރުމަށް ފިޔަވަޅު އެޅޭ ގޮތަށް އޮންނަ ނަމަވެސް އިތުރު ކަންކަން ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެއީ މި ސަރުކާރުން 2024 ގައި ގާނޫނުލްއުގޫބާތުގެ ހަ ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހުގައި ސައިބާ ވައިލަންސްގެ އަމަލުތަކަކީ ކުށެއް ކަމަށް އޮންނާނީ ކަނޑައަޅާފައި. އޭގެ ތެރޭގައި ސައިބާ ސްޓޯކިންގެ އަމަލުތައް ވެސް ހިމެނޭ. އަދި މިފަދަ އަމަލުތައް ފުލުހުން ތަހުގީގު ކުރުމަށް ފަހު ޕީޖީއަށް ވެސް ހުށަހެޅުނު،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން ގާނޫނީ ނިޒާމުގެ ތެރެއިން އެކަން ހުއްޓުވުމަށްޓަކައި އަދި އެފަދަ ކަންކަމަށް 'ޕްރިވެންޓިވް މެޝާސްތައް' ނެގުމަށްޓަކައި "އެންޓި ބުލީ" ގާނޫނެއް ހެދުމުގެ މަސައްކަތް އޭޖީ އޮފީހުން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ބިލު ހެދުމަށް މަޝްވަރާތައް ކުރަން ޖެހޭ ފަރާތްތަކާ ކުރުމަށްފަހު ފާސްކުރުމަށް މަޖިލީހަށް ފޮނުވާނެ ކަމަށެވެ. އެ ގާނޫނަކީ ބުލީ ކުރުމުގެ މައްސަލަތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ގާނޫނަކަށް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މި ގާނޫނުގައި އަޅުގަނޑުމެން ވަރަށް ސާފުކޮށް ބަޔާންކުރާނަން ބުލީ ކުރުމުގެ އަމަލުތައް. ކޮން ގޮތަކަށް ކުށަކަށްވާ ކަމެއްކަން. ގާނޫނު ހިނގާ ދާއިރާތައް ކަނޑައެޅިގެން ދާނެ. އޭގެ ތެރޭގައި ސްކޫލު ތަކާއި އެހެނިހެން ތައުލީމީ މަރުކަޒުތަކާއި އެ ތަންތަނުގައި ކިޔަވާ ކުދިންނާއި މަސައްކަތްކުރާ ފަރާތްތައް. އަދި ވަޒީފާގެ މާހައުލުގަ އާއި ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކާއި އެ ތަންތަނުން ހިދުމަތް ލިބިގަންނަ މީހުން ހިމެނޭހެން ވަރަށް ތަފްސީލުކޮށް މި ބިލުގައި ފާހަގަކުރާނަން،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން އޮންލައިކޮށް ނުވަތަ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ބުލީކުރުން ހުއްޓުވުމަށް ވެސް ވަކިން އެ ގާނޫނުގައި ބައެއް ހިމަނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ގާނޫނުގައި ސްކޫލުތަކާއި ތައުލީމީ ހިދުމަތްދޭ ތަންތަނުގައި ހާއްސަ ސިޔާސަތެއް އެކުލަވާލައި ބުލީ ކުރާ ކުދިންނާ ދޭތެރޭ ފިޔަވަޅު އެޅޭނެ ހާއްސަ ނިޒާމެއް އެކުލަވާލުމާއި ގަވައިދުން އެފަދަ މައްސަލަތައް ރިޕޯޓު ކުރެވޭނެ ގޮތަށް ވެސް ހަދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެ ގާނޫނުގައި ރަސްމީ މަންހަޖުގައި ވެސް އެކަން ހިމަނާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ގާނޫނާ އެކު އެފަދަ މައްސަލަތަކުގައި ވަގުތުން ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމް އެފަދަ މަރުކަޒުތަކަށް ދިނުމަށް ވެސް ހިމަނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.