މި މަހުގެ 20 ވަނަ ދުވަހުގެ ރޭ އެމްއެންޔޫގެ މާލޭގެ ދަނާލުގައި 18 އަހަރުގެ އަންހެން ކުއްޖަކު އަމިއްލަ އަށް މަރުވި މައްސަލައިގެ ވަށައިގެން ހުރި ހުރިހާ ކަމަކަށް ބެލުމުގެ ފެންނަނީ އަހަރެމެންނަށް ކަންކަމަށް އަޅާނުލެވޭ މިންވަރެވެ. ކިތަންމެ ގިނަ ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކެއް ހުއްޓަސް ހުރިހާ އެންމެންގެ ފަރުވާކުޑަކަން އެ ހާދިސާ އިން ސާފުކޮށް އެނގެ އެވެ. 

އަމިއްލަ ނަފުސަށް ގެއްލުން ދޭން މަސައްކަތް ކުރިތާ މާ ގިނަ ދުވަހެއް ނުވެ އެވެ. އެ ކުއްޖާގެ ނަފުސާނީ މައްސަލަތަކެއް ހުރި ކަން އެނގި ތިބެމެ އަނެއްކާ ވެސް ދަނާލަށް ގެނެސް ބެހެއްޓީ އެކަނި ކޮޓަރިއެއްގަ އެވެ. އެ ހާދިސާ ދަނާލު ހިންގުމާ ހަވާލުވެ ހުންނެވި ފަރާތަށް އެންގުމުން ވެސް ވީ ކަމެއް ނެތެވެ. އެޅި ފިޔަވަޅެއް ނެތެވެ. އޭނާ އަށް ވުރެ މައްޗަށް ތިބި ބަޔަކަށް ކުރީގެ ހާދިސާ ރިޕޯޓެއް ނުކުރެ އެވެ. އެ ކުއްޖާގެ ނަފުސާނީ ހާލަތުގެ ރެކޯޑެއް އެމްއެންޔޫގައި ވެސް ނެތެވެ. 

އެ ކުއްޖާގެ އާއިލާއާ ހިސާބުން ފެށިގެން ފެނުނީ އިންތިހާ އަށް ފަރުވާކުޑަކުރި ތަނެވެ. ނަފުސާނީ ހާލަތަށް ރިއާޔަތްކުރި މީހަކު ނެތި އެންމެ ފަހުން މު ދުނިޔެ ދޫކުރީ އެވެ.  

އަމިއްލަ ނަފުސަށް ގެއްލުންދިނުމާއި އަމިއްލައަށް މަރުވުމުގެ މައްސަލަތަކަކީ އަޑުއަހަން ވަރަށް އުނދަގޫ ވާހަކަތަކެކެވެ. ބުލީގެ ޝިކާރައަކަށްވެ، ބުލީ ކުރަމުންދާކަން އެހެން މީހަކަށް ކިޔައިދިނުމަކީ އަދި އެ އަށް ވުރެ އުނދަގޫ ކަމެކެވެ. އެފަދަ ވާހަކަތައް ދައްކާ ދުވަސްކޮޅެއްގައި ފެންމަތިވާ މައްސަލަތައް ގިނަ ނަމަވެސް މިހާރު ރާއްޖޭގެ ހާލަތު އޮތް ގޮތުން އެ ވާހަކަ ނުދައްކާ ދޫކޮށްލެވޭކަށް ވެސް ނެތެވެ.

ކޯހެއް ހަދަން މާލެ އައިސް ދަނާލުގައި ދިރިއުޅެމުން އައި ދަރިވަރުގެ މަރާއެކު، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް، މުއައްސަސާތަކުންނާއި އާއިލާތަކުން ދޭންޖެހޭ ސަމާލުކަމާއި ރައްކާތެރިކަމާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

އެންމެ މައްސަލައެއް، އެތައް އިހުމާލެއް؟

އެ ކުއްޖާއަކީ ނަފުސާނީ ބަލި ހުންނަކަން ޑައިގްނޯސްކޮށް، އެކަމަށް ފަރުވާ ހޯދަމުން އައި ކުއްޖެކެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައި ވަނީ މީގެ ކުރިން ވެސް މި ކުއްޖާއާ ގުޅުން ހުރި ނަފުސާނީ މައްސަލަތަކެއްގައި ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އާއިލާއާ ގުޅިގެން ފުލުހުން ވަނީ އެއް ފަހަރު އެ ކުއްޖާ އަށް ފަރުވާ ދިނުމުގެ ކަންކަން ވެސް ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް، މިފަދަ ނާޒުކު ހާލަތެއްގައި ހުރި ކުއްޖަކު އެކަނި ދަނާލުގެ ކޮޓަރިއެއްގައި ދިރިއުޅެމުން ދިޔައިރު، އާއިލާއާއި ކަމާގުޅޭ އިދާރާތަކުން ބަލަންޖެހޭ މިންވަރަށް ބަލާފައިވޭތޯ ސުވާލު އުފެދެ އެވެ.

މި ހާދިސާގައި އެންމެ ބޮޑު އިހުމާލެއްގެ ގޮތުގައި ފާހަގަކުރެވެނީ، ކުއްޖާ "ގިވްއަޕް" ކުރަނީ ކަމަށް ބުނެ މެސެޖު ކުރުމުން، އޭގެ ނުރައްކާތެރިކަން ދެނެގަނެ ވަގުތުން ފިޔަވަޅު ނޭޅުމެވެ.

ސައިކޭޓްރިސްޓުން ވިދާޅުވާ ގޮތުގައި، އަމިއްލައަށް މަރުވުމުގެ ވިސްނުން ގެންގުޅޭ މީހަކު "އަހަރެން އޯކޭ"އޭ ބުނުމަކީ ނުރައްކާ ކުޑަވުމެއް ނޫނެވެ. އެއީ އެހީއަށް އެދި ގޮވާ ގޮވުމެއް ކަމަށް ނަފުސާނީ އިލްމުވެރިން ސިފަ ކުރައްވަ އެވެ.

ފުލުހުންގެ "ވިކްޓިމް ސަޕޯޓް" އަށް ކުއްޖާ ކުރި ޗެޓްލޮގް ލީކުކޮށްލުމާއި އެކަށީގެންވާ އަވަސްމިނެއްގައި ހަރަކާތްތެރިވެފައި ނުވާތީ އާންމުންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ. ހާއްސަކޮށް، ރޭގަނޑު 12:38 ގައި "އައި އޭމް ގޯން" އޭ ބުނުމުން ވެސް، ފުލުހުންނަށް ދަނާލަށް ގޮސް ކުއްޖާގެ ކޮޓަރި ހޯދުނީ ގާތްގަނޑަކަށް އެއްގަޑިއިރު ފަހުންނެވެ. ދަނާލް ފަދަ އިދާރީ ގޮތުން ބެލެހެއްޓޭ ތަނެއްގައި، ދަރިވަރެއްގެ ކޮޓަރި ހޯދަން އެހާ ގިނަ ވަގުތު ހޭދަވުމަކީ ނިޒާމީ ބޮޑު އިހުމާލެކެވެ. ނަފުސާނީ ބަލި ހުންނަ ކުއްޖަކު މާލޭގައި އެކަނި ބަހައްޓާފައި ހުރިއިރު، އެ ކުއްޖާގެ ހާލަތު ގާތުން ބެލުމުގައި އާއިލާގެ ދައުރާމެދު ވެސް ސުވާލު އުފެދެ އެވެ.

ނަފްސާނީ މައްސަލަތަކުގައި ފަރުވާ ދެއްވާ ބައެއް ޑޮކްޓަރުން ވެސް ވަނީ މި މައްސަލާގައި ކަން ހިންގާފައިވާ ގޮތުގެ ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ.

އެމްއެންޔޫ ދަނާލް-- ފޮޓޯ: ނިޝާން އަލީ / މިހާރު
އެމްއެންޔޫ ދަނާލް-- ފޮޓޯ: ނިޝާން އަލީ / މިހާރު

ތަފާތު ތެރަޕީތަކަށް ހާއްސަ "ދަ ތެރަޕީ ސެންޓާ"ގެ ނަފުސާނީ ބަލިތަކާބެހޭ ބޭފުޅަކު ވިދާޅުވީ މީހަކު އަމިއްލަ އަށް މަރުވުމުގެ ވިސްނުން ގެންގުޅެން ފަށަނީ ދިިރިއުޅުމުގެ ކަންކަން ރަނގަޅު ކުރާނެ އިތުރު މަގަކަށް ފެންނަން ނެތުމުން ނުވަތަ އެހީތެރިކަމެއް ހޯދުމަށް ދަތިވާ ހިސާބުން ކަމަށެވެ.

އެފަދަ ނާޒުކު ދަނޑިވަޅެއްގައި ވެސް ކުރެވިދާނެ އެންމެ މުހިންމު ކަމަކީ، ފަރުވާދޭ މަރުކަޒަކަށް ނުވަތަ ކަމާބެހޭ މާހިރަކަށް ގުޅައިގެން އެހީތެރިކަން ހޯދުން ކަމަށް ވިޔަސް ރާއްޖޭގެ މުޖުތަމައު ކުޑަވުމާއި މީގެ ކުރިން ސިއްރު ހިފެހެއްޓުމުގެ މައްސަލަތައް ކުރިމަތިވެފައި ހުރުމުގެ ސަބަބުން އެހީއަށް އެދި ހުށަހެޅުމަށް ގިނަ ބަޔަކު ޖެހިލުންވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެކަމަކު އެ ވަގުތު ނުވަތަ އެ ހިނދުކޮޅުގައި އެޕްރޮޕްރިއޭޓް ޕްރޮފެޝަނަލް ބޮޑީއަކަށް ރީޗްއައުޓް ކުރެވިއްޖެ ނަމަ އެއީ (އެހީއަށް އެދޭ މީހާގެ) ފުރާނަ ސަލާމަތްވާ ކަމެއް،" ނަފުސާނީ ތަޖުރިބާކާރު ވިދާޅުވި އެވެ.

ނަފުސާނީ ގޮތުން ބަލިކަށިވެފައިވާ މީހަކު ހިއްސާކުރާ ވާހަކަތަކަކީ އިންތިހާއަށް ސިއްރު ހިފެހެއްޓެންޖެހޭ މައުލޫމާތުތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ. އެއީ އެ މީހަކު ދުނިޔޭގައި ހުންނަ އިރެއްގެ އާއި ދުނިޔެ ދޫކުރުމަށްފަހުގައި ވެސް ރައްކާތެރިކުރެވެންޖެހޭނެ މައުލޫމާތެވެ.

ތަހުގީގީ ބޭނުމަކަށް މައުލޫމާތު ހިއްސާކުރަން ޖެހުނު ކަމުގައި ވިޔަސް ބައިނަލްއަގުވާމީ އުސޫލުތަކާ އެއްގޮތަށް ހިއްސާކުރަންވާނީ ހަމައެކަނި ކޮންމެހެން ބޭނުންވާ އެންމެ ކުޑަ މިންވަރު ކަމަށް އޭނާ ވިދާޅުވި އެވެ.

"މައުލޫމާތު ހިއްސާކުރަން ވާނީ އެންމެ ބޭނުންވާ މިންވަރަށް. އާންމުންނަށް މެސެޖެއް ދިނުމުގެ ނަމުގައި މީހަކު ދައްކާފައިވާ ވާހަކަތައް އަކުރުން އަކުރަށް ހާމަކުރުމަކީ އެ މީހެއްގެ ކަރާމާތަށް އުނިކަން އަންނަ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ މައުލޫމާތުތައް އާންމުވާ ނަމަ މުސްތަގުބަލުގައި އެހީއަށް ބޭނުންވާ މީހުން ކަމާބެހޭ މުއައްސަސާތަކަށް އިތުބާރުކުރަން ފަސްޖެހޭ ކަމަށެވެ. ސަބަބަކީ އެ މީހުންގެ އަމިއްލަ ވާހަކަތައް އާންމުވެދާނެ ކަމުގެ ބިރު އޮތުމެވެ.

އެކަމަކު، މުޖުތަމައުގެ ތެރެއިން އަންނަ އެކިއެކި ފިއްތުންތަކާއި މުއައްސަސާތައް ހިމާޔަތް ކުރަން މަޖުބޫރުވުން ފަދަ ކަންތައްތައް ކުރިއަށް ނެރުމުގެ ނަތީޖާއަކީ އަނިޔާ ލިބޭ މީހާ އިތުރަށް ފަލީހަތްވާ ގޮތަށް މުައްސަސާތަކުން މައުލޫމާތު އާންމުކުރުމެވެ. 

"އޭގެ ސަބަބުން މުޖުތަމައުގައި އަނެއްކާ ވެސް މި އުފެދެނީ ވިކްޓިމަށް ދިމާވާ ކަންކަން އޭނާ އަމިއްލަ އަށް ސިއްރު ކުރުމުގެ ސަގާފަތެއް. އިތުރަށް އެ މީހާގެ ސިކުނޑި ހާސްވެ ފަރުވާއާ ވެސް ދުރަށް ދެވެނީ،" ނަފުސާނީ އިލްމުވެރިއަކު ވިދާޅުވި އެވެ. 

ބުލީކުރުން ވެސް ހައްދުން ނެއްޓިފައި!

ނަފުސާނީ މައްސަލަތަކާ އެއްވަރަށް މިއަދުގެ ދިވެހި މުޖުތަމައުގައި އެންމެ ބޮޑުވެފައިވާ އެއް މައްސަލައަކީ ބުލީކުރުމުގެ މައްސަލަތަކެވެ. މިއީ ހަމައެކަނި ސްކޫލުތަކުގައި ކުޑަކުދިންގެ މެދުގައި އޮތް ކަމެއްގެ ގޮތުގައި ކުރިން ބެލެވުނު ނަމަވެސް، މިއަދު މިކަން ވަނީ ކޮލެޖް/ޔުނިވާސިޓީތަކާއި މަސައްކަތުގެ މާހައުލާއި އާންމު ދިރިއުޅުމުގެ ހުރިހާ ދާއިރާއަކަށް ފެތުރިފަ އެވެ. 

ބުލީކުރުން އާންމުވެފައިވާ މިންވަރަކީ އެ ތަންތަނަކީ ކުދިންނަށް އަމާން މާހައުލަކަށް ވާންޖެހޭއިރު، ގިނަ ފަހަރަށް އެ ތަންތަން ވެފައި ވަނީ ބުލީކުރުމުގެ ހާލިތަކަކަށެވެ. ދަރިވަރުންގެ މެދުގައި ކުރެވޭ މަލާމާތާއި އަމާޒުވާ ބަހުގެ ހަމަލާތަކުގެ ސަބަބުން ކިޔެވުމަށް ބުރޫއަރައި ގިނަ ކުދިން ކިޔެވުންމަތިން ފޫހިވެ އެވެ.

ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ވަކި ދިރާސާއެއް ރާއްޖޭގައި މިހާތަނަށް ހެދިފައި ނެތަސް ސްކޫލްތަކުގައި މަސައްކަތް ކުރައްވާ ކައުންސެލަރުންގެ ކަންބޮޑުވުން އޮތީ އިންތިހާގަ އެވެ. އެންމެ ގާތުން ކުދިންގެ ވާހަކަތައް އަޑުއިވޭ ކައުންސެލަރުން ދެކެވަޑައިގަންނަވާ ގޮތުގައި ގިނަ ކުދިންތަކެއްގެ ކުރިމަގު "ބަނަ" އެވެ. ކުދިންނަށް ތަހައްމަލް ނުކުރެވޭ ފަދަ ހިތްދަތި ކަންކަމުން ކިޔެވުމަށް ވަނީ ހުރަސްއެޅިފަ އެވެ.

"ފުރަތަމަ މިކަން ފަށަނީ ގޭތެރޭގެ މާހައުލުން. މައިންބަފައިން އެ މީހުންގެ ކުދިން ކުރިމަތީގައި ބައިތިއްބައިގެން މީހުންނަށް ގުޅައިގެން އަނެއް މީހާ އަށް އެބަ ބުލީކުރޭ. ސޯޝަލް މީޑީއާ އާއި މީޑިއާ އިން ފެންނަނީ ސިޔާސީ މީހުން އެއްބަޔަކު އަނެއް ބަޔަކަށް ބުލީކުރާތަން. އެ ކޮޕީ ކޮށްގެން ސްކޫލްތެރެ ވެސް ބުލީގެ ހާއްޔަކަށްވޭ،" ތައުލީމީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ. 

އޮފީސްތަކުގައި މުވައްޒަފުންގެ މެދުގައި ކުރެވޭ ތަފާތުކުރުންތަކާއި އަބުރަށް އަރައިގަތުމަކީ މިއަދު އާންމު ކަމެކެވެ. މީގެ ސަބަބުން މަސައްކަތުގެ ފެންވަރު ދަށްވެ، މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ގެއްލިގެންދެ އެވެ. ސޯޝަލް މީޑިއާ އާއި އާންމު އެއްވުންތަކުގައި މީހުންނަށް ދިމާކުރުމާއި މަލާމާތްކުރުން ވަނީ ސަގާފަތެއްގެ ގޮތުގައި ދިވެހިންގެ ތެރޭގައި ވެސް އަށަގެންފަ އެވެ.

މި ހުރިހާ ކަމެއް، ސްކޫލު ކުދިންނާއި އޮފީސް މާހައުލާއި ކޮލެޖް/ ޔުނިވާސިޓީތަކުރާ ކުރާ ބުލީގެ މައްސަލަތައް ގޮސް ހުއްޓެނީ ނަފްސާނީ މައްސަލަތަކާ ހަމައިންނެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއި އިގްތިސޯދީ ދަތިތަކާއި އާއިލީ މައްސަލަތަކާއި މަސްތުވާތަކެތީގެ ވަބާ ފަދަ ކަންކަމުގެ ސަބަބުން ނަފްސާނީ މައްސަލަތައް ކުރިމަތިވާ މިންވަރު އިތުރުވެ އެވެ. ކިޔެވުމުގެ ޕްރެޝަރާއި ސޯޝަލް މީޑިއާގެ ނުފޫޒާއި ބުލީ ކުރުމުގެ ސަބަބުން ޒުވާނުންގެ މެދުގައި ނަފްސާނީ ބަލިތައް އިތުރުވަމުންދާކަން ތަފާސްހިސާބުތަކުން ދައްކަ އެވެ.

ހިރިމަރަދޫ ބަނދަރު ސަރަހައްދު ދިމާލު ބީޗުގައި ހުރި ޖޯލިފައްޗެއްގައި މީހަކު އިށީނދެލައިގެން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހިރިމަރަދޫ ބަނދަރު ސަރަހައްދު ދިމާލު ބީޗުގައި ހުރި ޖޯލިފައްޗެއްގައި މީހަކު އިށީނދެލައިގެން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފިޔަވަޅު ނޭޅުމާއި ނަފްސާނީ މައްސަލަތައް

ބުލީކުރުމުގެ މައްސަލަތައް ރިޕޯޓުކުރުމުން އެކަމަށް އެކަށީގެންވާ ހަރުދަނާ ފިޔަވަޅު ނޭޅުމަކީ މައްސަލަ އިތުރަށް ގޯސްވާ ސަބަބެކެވެ. ގިނަ ފަހަރަށް އިދާރާތަކުން މިފަދަ ކަންކަން ވަރަށް ލުއިކޮށް ނަގައި، އަޅާނުލައި ދޫކޮށްލަ އެވެ.

ބުލީގެ ޝިކާރައަށްވާ މީހުން ޑިޕްރެޝަން އަދި އެންޒައިޓީ ތެރެއަށް ވެއްޓި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލި، މުޖުތަމައުން އެކަހެރިވެ އެވެ. ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމުގެ ނިޒާމު ބަލިކަށިވުމުގެ ސަބަބުން، އެހީތެރިކަން ބޭނުންވާ މީހުންނަށް އެކަށީގެންވާ އެހީތެރިކަމެއް ނުލިބެ އެވެ.

އަންހެން ކުއްޖަކު މަރުވި ހާދިސާއާ ބުލީކުރުމާ ގުޅުންހުރި ކަމަށް ދެއްކެވޭ ވާހަކަތަކާ އެކު، މުޖުތަމައުގެ ތެރޭގައި މިކަމުގެ ކަންބޮޑުވުން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން ފެއްޓެވީ ވެސް، ރާއްޖެ އާއި ދުނިޔޭގެ ނިސްބަތުން ވެސް ބުލީކުރުމަކީ ބޮޑުވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވައި، އެކަމާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށް ވިދާޅުވަމުންނެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނީ އޮނިގަނޑުގެ ތެރެއިން ބައެއް ފިޔަވަޅުތައް އެޅޭނެ މަގު ފަހިވެފައިވީ ނަމަވެސް، އިތުރު ހަރުދަނާ ފިޔަވަޅުތަކެއް ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ. 

އަލަށް އެކުލަވައިލާ "އެންޓި ބުލީ" ގާނޫނުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހުން ފަށާފައި ވާއިރު އެ ބިލު ފަރުމާކުރާނީ ކަމާގުޅުންހުރި ފަރާތްތަކުގެ މަޝްވަރާ ހޯދުމަށްފަހު ކަމަށައި ގާނޫނުގެ ސަބަބުން ބުލީކުރުމުގެ މައްސަލަތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވު އެވެ. އެ ގާނޫނުގެ ދަށުން ކަމާގުޅޭ މުއައްސަސާތަކަށް އެފަދަ މައްސަލަތަކުގައި ވަގުތުން ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ހިރިމަރަދޫ ބަނދަރުމަތީ ހުރި ޖޯއްޔެއްގައި ބަޔަކު އިށީނދެލައިގެން-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހިރިމަރަދޫ ބަނދަރުމަތީ ހުރި ޖޯއްޔެއްގައި ބަޔަކު އިށީނދެލައިގެން-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި އަހަރުގެ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ނަފުސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލެއް މާލޭގައި އެޅުމަށް ސަރުކާރުން ނިންމަވައި ރައީސް އިއްޔެ ވިދާޅުވެދެއްވީ އެ ބަލީގެ ހާލަތެވެ. ނަފްސާނީ ބަލިތަކުގެ ފަރުވާ އަށް މިދިޔަ ޖެނުއަރީ މަހުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް 10،954 މީހަކު އާސަންދައިން ފަރުވާ ހޯދާފައި ވެ އެވެ. އޭގެ ތެރެއިން 8،000 އަށް ވުރެ ގިނަ މީހުންނަކީ މާލެ ސަރަހައްދުން ފަރުވާ ހޯދި ބައެއް ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ބުލީކުރުމުގެ މައްސަލައަކީ މުޅި މުޖުތަމައު ގުޅިގެން ހައްލުކުރަންޖެހޭ ބޮޑު މައްސަލައެކެވެ. ތައުލީމީ މަރުކަޒުތަކާއި އޮފީސްތަކުގައި ހަރުދަނާ އުސޫލުތައް ގާއިމުކޮށް، ފިޔަވަޅު އަޅަންޖެހެ އެވެ.

ހާއްސަކޮށް އެމްއެންޔޫ ފަދަ ތަންތަނުން ދަރިވަރުންގެ ހާލަތު ގާތުން ބަލައި، ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މިއަދު ކުރަން މަޖުބޫރު ކަމެކެވެ. މިކަމަށް އަޅާނުލައި ދޫކޮށްލުމަކީ މުސްތަގުބަލުގެ ޖީލު ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ހުށަހެޅިގެންދާނެ ކަމެކެވެ.

މި ހާދިސާއިން އެނގިގެންދާ އަނެއް ކަމަކީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ދޭންޖެހޭ "އިމަޖެންސީ ރެސްޕޮންސް" ރާއްޖޭގައި ބަލިކަށި ކަމެވެ. ވިކްޓިމް ސަޕޯޓު ލައިންތަކުގައި ތިބޭ މުވައްޒަފުންނަށް މިފަދަ ނާޒުކު ވަގުތުތަކުގައި ކަންކުރަންވީ ގޮތުގެ ފުރިހަމަ ތަމްރީނު ލިބިފައިވޭތޯ ބަލަންޖެހެ އެވެ.

ކުއްޖާގެ މަރަކީ ހަމައެކަނި އަމިއްލަ ނިންމުމެއްގެ ނަތީޖާއެއް ނޫނެވެ. އެއީ މުއައްސަސާތަކުގެ ލަސް ހަރަކާތްތަކާއި އާއިލީ އަޅާލުން ކުޑަވުމާއި ނިޒާމުގެ ތެރޭގައި ހުރި ބޮޑެތި ހުސް ޖާގަތަކުގެ ނަތީޖާ އެވެ. މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ނިޒާމު ހަރުދަނާކުރުން މިއަދު ވަނީ މަޖުބޫރު ވެފައި އެވެ.