ގައުމީ ޔުނިވާސިޓީގެ ދަނާލުގައި މަރުވި އުމުރުން 18 އަހަރުގެ ކުއްޖާގެ މައުލޫމާތު ހާމަކުރީ ސޯޝަލް މީޑިއާ އާއި އާންމުންގެ ޕްރެޝަރު ބޮޑުވުމުން މަޖުބޫރުވެގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ދަނާލުގައި މަރުވި ކުއްޖާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހޯމް މިނިސްޓްރީން ވަނީ ޖެހިގެން އައި ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވަނީ އެ ރޭ އެ ކުއްޖާ "ހެލްޕް ލައިން"އަށް ކުރި ހުރިހާ މެސެޖުތަކެއް ކިޔައިދެއްވައިފަ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ އެ ކުއްޖާ "ހެލްޕް ލައިން" އަށް މެސެޖުކޮށްގެން ދެއްކި ވާހަކަތަކާއި މީގެ ކުރިން ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މީހާގެ ކޭސްގައި ވެސް އެ ކުއްޖާގެ ވީޑިއޯތައް އާންމުކުރި މައްސަލައިގައި އެއީ އެންމެ ރަނގަޅު ގޮތްތޯ ސުވާލުކޮށްފަ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ނަފްސާނީ ބައްޔެއް ތަހައްމަލް ކުރަމުން ދިޔަ އެ ދަރިވަރުގެ ޒާތީ މައުލޫމާތު އާންމުކުރުން ރަނގަޅު ނޫން ކަމަށް އެމަނިކުފާނު ވެސް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި ހިމެނޭ ކުއްޖާގެ އެ މައުލޫމާތު ހާމަކުރަން މަޖުބޫރުވީ، އެ މައްސަލައިގައި ދަރިވަރާ ޑީލް ކުރި ފުލުސް އޮފިސަރުންނަށް ތުހުމަތުތަކެއް އަމާޒުވުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

މަރުވި ކުއްޖާގެ ޒާތީ މައުލޫމާތު އާންމު ކުރަންޖެހުނީ އާންމުން ކުރަމުންދިޔަ ޕްރެޝަރުތަކުގެ ސަބަބުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

"ދެންމެ ތި ފާހަގަ ކުރި ދެ ކޭސް ކަމަށް ވަންޏާ، މަޖުބޫރީ ހާލަތަކަށް ދިޔައީ ކޮންމެވެސް ވަރެއްގެ މައުލޫމާތު ކޮޅެއް ދޭން. އެކަމަކު އެއީކީ ވެސް ރަނގަޅު ކަމެއް ނޫން. އެ ވެސް ނުދީ ވާނެ ގޮތް ވާންޖެހޭނެ. އަޅުގަނޑުމެންގެ ތެރެއިން ޑިމާންޑު މި އަންނަނީ ގޯސްކޮށް ކަމެއް ކޮށްފައޭ މި އޮންނަނީ، އެކަމާ ހަވާލުވެފައި ހުރި މީހާ ނުވަތަ ދަށުން މަސައްކަތްކުރާ މީހާ،" ރައީސް ވިދާޅުވި އެވެ. 

"އެ މަސައްކަތް ކުރަން ހުންނަ ކުއްޖާ، އާދައިގެ ވަޒީފާގައި ހުންނަ ކުއްޖާ، އޭނާ ގޯހެއް ނަހަދާ ކަމަށް ވަންޏާ އޭނާ ވަރަށް ބޮޑު ޕްރެޝަރަކަށް އެބަ ދޭ. ދެން އޭނަގެ އާއިލާ އޭގެ ސަބަބުން ނުރައްކަލަކަށް ވެސް އެބަ ދޭ."

އެމްއެންޔޫ ދަނާލް-- ފޮޓޯ: ނިޝާން އަލީ / މިހާރު
އެމްއެންޔޫ ދަނާލް-- ފޮޓޯ: ނިޝާން އަލީ / މިހާރު

އެފަދަ މައްސަލަތަކުގައި އެއްވެސް މީހަކު ޑިފެންޑު ނުކުރާނެކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އިންޓަނޭޝަނަލް މިންގަނޑުތަކުގައި ވެސް އެފަދަ މައުލޫމާތު އާންމުކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ. 

އެ ދުވަހު ދިން މައުލޫމާތަކީ ދޭން ޖެހޭނެ މައުލޫމާތު ކަމަށް ރައީސް ވެސް ގަބޫލު ނުކުރައްވާ ކަމަށާއި މުޖްތަމައު ނުވަތަ އާންމުންގެ ފަރާތުން އެއްވެސް ޕްރެޝަރެއް ކުރިމަތިނުވި ނަމަ ނިޔާވި ކުއްޖާގެ ޒާތީ މައުލޫމާތު އާންމުކުރަން ނުޖެހުނީސް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

އެފަދަ މައުލޫމާތު ދޭން މަޖުބޫރު ނުވާނީ އެންމެން ގުޅިގެން މަސައްކަތްކޮށް އަނެކާއާމެދު ވިސްނައިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.