ކުރީގެ ހަ ރައީސުންގެ ހިދުމަތުގައި ރިޔާސީ ގަނޑުވަރު މުލީއާގޭގައި މަސައްކަތް ކުރެއްވި އިބްރާހިމް ހަލީމް ނިޔާވެއްޖެ އެވެ.
ހަލީމް ވަނީ 2021 ވަނަ އަހަރު ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ހާސިލުކުރައްވައިފަ އެވެ.
އޭނާ ދިވެހި ދައުލަތަށް ބައި ގަރުނަށް ވުރެ ގިނަ ދުވަހު ކޮށްދެއްވި ހިދުމަތަށް ގައުމީ އިނާމު ލިބިވަޑައިގެންނެވިއިރު، ހުންނެވީ މުލީއާގޭގެ ޗީފް ވިއައިޕީ ވެއިޓާ ކޮންސަލްޓަންސީގެ މަގާމުގަ އެވެ.
ކުރީގެ ރައީސް އިބްރާހިމް ނާސިރާއި މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީނާއި މުހައްމަދު ވަހީދު އަދި އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ހަލީމް ވަނީ ހިދުމަތް ކުރައްވައިފަ އެވެ.
ހަލީމް ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާގެ އާއިލާ އަށް ތައުޒިޔާ މިއަދު ވިދާޅުވެފަ އެވެ.
"ބައި ގަރުނަށް ވުރެ ދިގު މުއްދަތުގެ އިހުލާސްތެރި ހިދުމަތުގެ ބޮޑު ބައެއް މަރްހޫމް އިބްރާހީމް ހަލީމް ހޭދަކުރެއްވީ މުލީއާގޭގަައި،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނީ، ކުރީގެ ހަ ރައީސުންގެ އަރިހުގައި، ކަމޭހިތުމާއި ފަރުވާތެރިކަމާ އެކު ހަލީމް މަސައްކަތް ކޮށްދެއްވާފައިކަން ފާހަގަކުރައްވައިފަ އެވެ.