އިންޑިއާގެ އުތުރު ކޮލްކަތާގައި ކުރިއަށްދިޔަ ދީނީ ހަފުލާއެއްގެ ތެރޭގައި މީހުން ތޮއްޖެހި، ފިތި ބާރުވުމުގެ ސަބަބުން ހިނގި ނުރައްކާތެރި ހާދިސާއެއްގައި 19 މީހުން މަރުވެ، 25 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ވެއްޖެ އެވެ.
މި ހާދިސާ ހިނގާފައި ވަނީ ހިންދޫންގެ ދީނީ އީދެއް ކަމަށްވާ "ދުރުގާ ޕޫޖާ" ފާހަގަކުރުމަށް ކޮލްކަތާގެ ޗޯރްބަގާން ސަރްބޮޖަނީން މައިދާނަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައި ވަނިކޮށެވެ.
އޮފިޝަލުން ބުނި ގޮތުގައި، ހަފުލާ ކުރިއަށްދަނިކޮށް ކުއްލިއަކަށް ބޯކޮށް ވާރޭ ވެހެން ފެށުމުން، ބޭރުގައި ތިބި މީހުން ހިޔާވަހިކަން ހޯދުމަށް ސެންޓަރާ ދިމާލަށް އެއްފަހަރާ ދުއްވައިގަތީ އެވެ. އަދި އިވެންޓް އިންތިޒާމްކުރި މީހުން އެ ވަގުތު ދިން ނުބައި އިރުޝާދަކާ ގުޅިގެން މީހުންގެ މެދުގައި ބޮޑު ހާސްކަމެއް އުފެދި، އެކަކު އަނެކަކުގެ ގައިމައްޗަށް ވެއްޓި ފިިތުނީ އެވެ.
މި ހާދިސާގައި މަރުވި އަދި އަނިޔާވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މީގެ ތެރޭގައި ހަތް އަހަރުގެ ކުޑަ އަންހެން ކުއްޖަކު ވެސް ހިމެނެ އެވެ. އަނިޔާވި މީހުންނަށް މިހާރު ދަނީ ކޮލްކަތާގެ މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ހޮސްޕިޓަލުން ބުނި ގޮތުގައި އޭގެ ތެރެއިން 24 މީހެއްގެ ހާލަތު ރަނގަޅު ވަމުން އަންނަ އިރު، އެކެއްގެ ހާލު އަދިވެސް ސީރިއަސް އެވެ.
މި ހާދިސާއާ ގުޅިގެން ވެސްޓް ބެންގޯލްގެ ޗީފް މިނިސްޓަރު ސުވެންދޫ އަދިކާރީ ވަނީ މަރުވި ކޮންމެ މީހެއްގެ އާއިލާއަށް 2.5 މިލިއަން ރުޕީސްގެ މާލީ އެހީއަކާއި ސަރުކާރު ވަޒީފާއެއް ދޭން ނިންމަވައިފަ އެވެ. އަދި އަނިޔާވި މީހުންނަށް ފަސް ލައްކަ ރުޕީސް އާއި ބޭސްފަރުވާގެ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ މަރުވި މީހުންގެ އާއިލާތަކަށް ލައްކައެއްހާ ރުޕީސްގެ އެހީއެއް އިއުލާން ކުރައްވާފަ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބެލުމަށް ކޮލްކަތާގެ ފުލުހުން މިހާރު ވަނީ ރަސްމީ ތަހުގީގެއް ފަށައި، ހަފުލާ އިންތިޒާމުކުރި އިސް ބައެއް މީހުންނާއި ސެކިއުރިޓީން ސުވާލުކުރުމަށް ހައްޔަރުކޮށްފަ އެވެ. އަދި ސަލާމަތީ ފިޔަވަޅުތައް ހުރި ގޮތް ބެލުމަށް އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ފުލުހުން ދަނީ ދިރާސާ ކުރަމުންނެވެ. ބޮޑު ހާދިސާއާ ގުޅިގެން، ސިޓީގެ އެހެން ސަރަހައްދުތަކުގައި ބާއްވާ ބޮޑެތި އެއްވުންތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް ފުލުހުން ވަނީ އަންގާފަ އެވެ.