މޫސުމީ ވިއްސާރައާ ގުޅިގެން ކުރިމަތިވި ފެންބޮޑުވުންތަކާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި، މިދިޔަ ޖުލައި މަހުން ފެށިގެން މިހާތަނަށް އިންޑިއާއިން 100 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށްދާން މަޖުބޫރުވެއްޖެ އެވެ.
އޮފިޝަލުން މިއަދު ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، މި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ އިންޑިއާގެ އިރުއުތުރުގައި އޮންނަ އާސާމް އަށެވެ. ޗީފް މިނިސްޓަރު ހިމަންތަ ބިސްވާ ސަރްމާ ވިދާޅުވި ގޮތުގައި، އެ ސްޓޭޓުން އެކަނިވެސް މިހާތަނަށް މަދުވެގެން 87 މީހުން ވަނީ މަރުވެފަ އެވެ.
ބްރަހްމަޕުތުރާ ކޯރު ފުރިގެން ބަންޑުންވުމުގެ ސަބަބުން އާސާމްގެ ވަރަށް ގިނަ އަވަށްތަކުގައި ފެން ބޮޑުވެފައި ވާއިރު ސަރުކާރުން ދަނީ ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ހިޔާވަހިކަމާއި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި އިންޑިއާގެ ދެކުނުގެ ސްޓޭޓްތައް ކަމަށްވާ ކެރެލާ ފަދަ ސަރަހައްދުތަކަށް ވެސް މި ވިއްސާރައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެ އެވެ.
ކެރެލާގެ 8 ޑިސްޓްރިކްޓަކަށް ރެޑް އެލާޓް ނެރެފައިވާއިރު، ވިއްސާރައިގެ ހާދިސާތަކުގައި 20 މީހުން މަރުވެ، 7 މީހަކު ގެއްލިފައިވާކަން ރަސްމީ އިދާރާތަކުން ވަނީ ކަށަވަރު ކޮށްދީފަ އެވެ.
ބޯކޮށް ވާރޭވެހުމުގެ ސަބަބުން 27 އަށްވުރެ ގިނަ ގެއެއް މުޅިން ހަލާކުވެ، 196 އަށްވުރެ ގިނަ ގެއަށް އެކިވަރުގެ ގެއްލުން ވެފައިވެ އެވެ. ފެންބޮޑުވެފައިވާ ސަރަހައްދުތަކުން 7,600 އަށްވުރެ ގިނަ މީހުން ވަނީ ސަރުކާރުން ގާއިމުކޮށްފައިވާ 300 އަށްވުރެ ގިނަ ރިލީފް ކޭމްޕުތަކަށް ބަދަލުކޮށްފަ އެވެ. ކެރެލާގެ ފަރުބަދަމަތީ ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގާފައިވާއިރު، އެ ހިސާބުތަކުގެ ބޮޑެތި މަގުތައް ބަންދުވެ ދަތުރުފަތުރަށް ވަނީ ހުރަސް އެޅިފަ އެވެ.