އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އަރާނެ ކަމަށް ބެލެވޭ ތޫފާން "އަރުނަބް"ގެ ސީދާ އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށާއި އެކަމަކު ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެ ތެރޭގެ ރަށްރަށަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ ބަންގާޅު ކަނޑުގައި އުފެދުނު ތޫފާން "އަރުނަބް" އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް މި ހަފުތާގައި އަރާނެ ކަމަށް ބެލެވޭ ކަމަށެވެ. އެ ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް، އޮފިޝަލް ވިދާޅުވީ މި ދުވަސްވަރު ރާއްޖެއަށް ބޮޑަށް ވިއްސާރަ ކުރަނީ އިންޑިއާގެ ދެކުނާއި ސްރީ ލަންކާ ކައިރީގައި އުފެދިފައިވާ ލޯ ޕްރެޝާއެެއްގެ ސަބަބުން ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް 24 ގަޑިއިރު ވެސް އުތުރާއި މެދުރާއްޖެ ތެރޭގެ ރަށްރަށަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ރޮއިޓާސް އިން މިއަދު ރިޕޯޓްކުރި ގޮތުގައި، އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް ބުދަ ދުވަހު އަރާނެ ކަމަށް ލަފާކުރެވޭ ތޫފާން "އަރުނަބް"އާ ގުޅިގެން، އެ ސަރަހައްދުގެ ދެ ސްޓޭޓަކުން އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އަދި މީގެ ތެރެއިން އެއް ސްޓޭޓެއްގެ ބައެއް ޑިސްޓްރިކްޓްތަކުގެ ސްކޫލްތައް ދެ ދުވަހަށް ބަންދުކުރުމަށް ވަނީ ނިންމައިފަ އެވެ.
ބަންގާޅު ކަނޑުގައި އުފެދި، ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެފައިވާ ތޫފާން އަރުނަބް ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަންދުރަ ޕްރަދޭޝްގެ އައްސޭރިފަށަށް އަރާނެ ކަމަށް ބެލެވެ އެވެ. އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ބުނި ގޮތުގައި، އެ ތޫފާނުގައި ގަޑިއަކު ގާތްގަނޑަކަށް 140 ކިލޯމީޓަރު (87 މޭލު) ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެ އެވެ.
ބަންގާޅު ބަހުން "އަރުނަބް"ގެ މާނައަކީ ކަނޑެވެ.
މި ތޫފާނުގެ ސަބަބުން އަންދުރަ ޕްރަދޭޝްގެ އުތުރާއި މެދުތެރޭގެ އައްސޭރިފަށުގެ ސަރަހައްދުތަކަށާއި، އޮޑިޝާ ސްޓޭޓްގެ ދެކުނުގެ ސަރަހައްދުތަކަށް ބޯކޮށް އަދި ބައެއް ހިސާބުތަކަށް އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެ އެވެ.
މި ހާލަތާ ގުޅިގެން، ކަނޑުމަތީގައި ހުރި އޮޑިދޯނިފަހަރު އަވަހަށް އެއްގަމަށް އެރުމަށް އަންދުރަ ޕްރަދޭޝްގެ ސްޓޭޓް ސަރުކާރުން ވަނީ އަންގައިފަ އެވެ. އަދި ކަރަންޓުގެ ޚިދުމަތް ކެނޑިއްޖެ ހާލަތެއްގައި ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ފޯރުކޮށްދިނުމަށް ވެސް ކަމާބެހޭ އިދާރާތަކަށް ވަނީ އަމުރުކޮށްފަ އެވެ.
އެ ސްޓޭޓްގެ ޑިޒާސްޓާ މެނޭޖްމަންޓްގެ އިސް އޮފިޝަލަކު ރޮއިޓާސްއަށް މައުލޫމާތު ދެއްވި ގޮތުގައި، ނުރައްކަލަށް ހުށަހެޅިފައިވާ 570،000 އެއްހާ މީހުން ފާހަގަކޮށް، އިއްޔެ އިން ފެށިގެން އެމީހުން ރައްކާތެރި ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
ބަންގާޅު ކަނޑަކީ ދުނިޔޭގައި އާންމުކޮށް އެންމެ ގިނައިން ބާރުގަދަ ޓްރޮޕިކަލް ތޫފާންތައް އުފެދޭ އެއް ސަރަހައްދެވެ.