ރާއްޖޭގެ ގައުމީ ޔުނިވާސިޓީ، އެމްއެންޔޫގެ މާލޭގެ ދަނާލުގައި ދިރިއުޅެމުން ދިޔަ އަންހެން ކުއްޖަކު މަރުވި ރޭ ކަން ހިނގި ގޮތް ހޯމް މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެދެއްވައިފި އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ދަނާލްގައި މަރުވީ އުމުރުން 18 އަހަރުގެ އަންހެން ކުއްޖެކެވެ.
ކޯހެއް ހަދަން މާލެ އައިސް ދަނާލުގައި ދިރިއުޅެމުން ދިޔަ ދަރިވަރުގެ މަރުވި ރޭ ކަން ހިނގައިދިޔަ ގޮތާ ގުޅޭ ގޮތުން ތަފާތު ތުހުމަތުތައް ކުރަމުން ދަނިކޮށް ހޯމް މިނިސްޓަރު އިހްސާން މިއަދު ވަނީ، އެ ހާދިސާގެ ބައެއް ވާހަކަތައް ހިއްސާކުރައްވައިފި އެވެ.
އެ ކުއްޖާ ނަފްސާނީ ބަލި ހުންނަ ކަން ޑައިގްނޯސްކުރެވި ދިޔައީ ފަރުވާ ހޯދަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ފުލުހުންނާ ވެސް އެ ކުއްޖާގެ މުއާމަލާތެއް ކުރިން ވެސް ހިނގި ކަމަށެވެ. އެ މުއާމަލާތާ ގުޅިގެން އާއިލާ އެކު ފުލުހުން ގޮސް ފަރުވާގެ ކަންކަން ވެސް ކުރިއަށް ގެންދިޔަ ކަމަށެވެ.
"މީގެ ކުރިން ވެސް މި ކުއްޖާއާ މިގޮތަށް ވާހަކަތައް ދެކެވި ފުލުހުންގެ އެހީތެރިކަން ފޯރުކޯށްދީފައި އެއް ދުވަހު ފުލުހުން އެތަނަށް ހާޒިރުވެ ކުއްޖާއަށް ފަރުވާ ދިނުމުގެ ކަންކަން ވެސް އާއިލާއާ ގުޅިގެން ފުލުހުން ކޮށްފައި ވަނީ،" އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ވިކްޓިމް ސަޕޯޓުގައި ތިބެނީ އެކަމަށް ޓްރެއިން ކުރެވިފައި ތިބި ސައިކޮލިޖިސްޓުން ނުވަތަ އެ ދާއިރާގެ އެކްސްޕާޓުން ކަމަށެވެ. ފުލުހުން އިތުރަށް ބަލަމުންދާ ކަމެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ އެ ކުއްޖާއަށް "ވިކްޓިމް ސަޕޯޓުން" ސަޕޯޓު ދެވުނީ އެންމެ ރަނގަޅަށްތޯ ބަލަމުންދާ ކަމަށެވެ
މިނިސްޓަރު ވަނީ އެ ކުއްޖާ މަރުވުމުގެ ކުރިން ވިކްޓިމް ސަޕޯޓް ލައިނަށް ގުޅައި ދެއްކި ވާހަކަތަކުގެ ޓައިމްލައިނެއް އާއްމުކުރައްވައިފަ އެވެ.
މިނިސްޓަރު ހިއްސާކުރެއްވި ޓައިމްލައިން
- އޭޕްރީލް 20 ވަނަ ދުވަހުގެ ރޭގަނޑު 8:40 ގައި ފުލުހުންގެ ވިކްޓިމް ސަޕޯޓް ވައިބާ ނަމްބަރަށް އެ ކުއްޖާގެ މެސެޖެއް ލިބިފައިވޭ.
- އެ މެސެޖުގައި އެ ކުއްޖާ ބުނެފައި ވަނީ، "އައި އޭމް ސޯ ކްލޯޒް ޓު ގިވްއަޕް".
- 8:49 - ވިކްޓިމް ސަޕޯޓުން އެ ކުއްޖާއަށް ރެސްޕޮންޑްކޮށްފައިވޭ
- 8:50 - އެ ކުއްޖާ ރިޕްލައިކުރީ "އައި ޖަސްޓް ކާންޓް ކޮންޓްރޯލް މައި ތޯޓްސް".
- 8:53 ގައި ޖެހިޖެހިގެން ތިން މެސެޖް ކުރި
- 8:53 - "ޕްލީސް ޑޯންޓް ކޯލް އެނީވަން"
- 8:53 - "އައި އޭމް އޯކޭ"، "އައި އޭމް ގޮއިންގް ޓު ބީ އޯކޭ" "އައި ހޭވް ބީން އޯކޭ".
- 8:56 - "އައި އޭމް ގޮއިން ފޯ ވޯކް"
- އެއަށް ފަހު ދެން އެއްވެސް މެސެޖެއް ނުލިބި އެރޭ ރޭގަނޑު 12:38ގައި ހަމަ އެ ލައިނަށް ވައިބާއިން މެސެޖް ކުރަނީ "އައި އޭމް ގޯން"
- ފުލުހުން ރިޕްލައި ކުރީ 12:42 ގައި
- "ވަޓް ޑޫ ޔޫ މީން ބައި ދެޓް"، "ހައު ކެން އައި ހެލްޕް ޔޫ"، "ވުޑް ޔޫ ލައިކް ޓު ގޯ ޓު ހޮސްޕިޓަލް އޯ ޓު ޓޯކް ޓު މީ"
މި ޓައިމްލައިން އާއްމުކުރެއްވުމަށް ފަހު، އެ ކުއްޖާގެ މަރާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ފެތުރިފައިވާ އެކި މައުލޫމާތުތަކުގައި އެކި ވަގުތުތަކުގައި ފުލުހުންގެ އެފްސީޕީޑީގެ ނަމްބަރަކަށާއި ފުލުހުންގެ 911 ނަމްބަރަށް ވިކްޓިމް ގުޅަން މަސައްކަތް ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް މިނިސްޓަރު ވަނީ ދޮގު ކުރައްވައިފަ އެވެ.
- އެރޭ 12:42 ގައި ފުލުހުން ފޮނުވި މެސެޖަށް އެއްވެސް ޖަވާބެއް ނުދީ 15 މިނެޓް ފަހުން 12:57ގައި ވައިބާ ނަމްބަރު ވަނީ އޮފްލައިން ވެފައި.
- 12:57ގައި އޮފްލައިން ވީ ފަހުން ފުލުހުންނަށް މައުލޫމާތު ލިބުނީ އެ ކުއްޖާގެ ބޭބެއަށް 12:36ގައި މެސެޖެއް ކޮށްފައިވާ ކަމަށް، އޭގައި ލިއެފައި ވަނީ "އައި އޭމް ނޮޓް ބޮދާޑް".
- 1:02 ގައި ކުއްޖާގެ ބޭބެއަށް ފުލުހުން ގުޅައި އެކަހަލަ ކަމެއް ހިނގައިގެން އުޅޭ ކަމަށާއި ކުއްޖާއަށް ސަޕޯޓު ދިނުމަށް އާއިލާ އިން ވެސް އެތަނަށް އައުމަށް އެދިފައިވާނެ ކަމަށް އިހުސާން ވިދާޅުވި.
- އެއަށް ފަހު ވިކްޓިމް ސަޕޯޓުން ވަނީ ފުލުހުންގެ ކޮމާންޑް ސެންޓަރަށް ގުޅާ އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތުދީ ފުލުހުން އެތަނަށް ފޮނުވައިދިނުމަށް އެދިފައި.
- 1:04 - ފުލުހުންގެ އެފްސީޕީޑީ އެ ވަގުތުގެ ޑިއުޓީ އިންވެސްޓިގޭޝަން އޮފިސަރަށް ވެސް ވާނީ އެކަމުގައު މައުލޫމާތު ދީފައި.
- ފުލުހުން އެންމެ ފުރަތަމަ ދަނާލަށް ވަނީ 1:08 ގައި
- 1:14 އާ ހިސާބަށް ދަނާލް ތެރޭގައި އިދާރީ ބޭފުޅުންނާ ގުޅިގެން ފުލުހުން ކުރި މަސައްކަތަކީ އެ ކުއްޖާ ދިރިއުޅޭ ކޮޓަރި ހޯދުމުގެ މަސައްކަތް ފެށި
- 1:32 - ކުރެވުނު މަސައްކަތުން އެ ކުއްޖާގެ ކޮޓަރި ހޯދުނު.
- ކޮޓަރީގެ ބޮކިތައް ނިއްވާފައި ހުރުމުން ފެންލައިޓުން ބެލިއިރު ކުއްޖާ ހުރީ މަރުވެފައި.
ފުލުހުން އެ ކޮޓަރިއަށް ވަނީ ފެންލައިޓު ހަލާކުކޮށްލައިގެން ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
އެމްއެންޔޫ ކައިރީގައި ހުންނަ އެ ޔުނިވާސިޓީގެ ދަނާލުގައި ތިބެނީ އެ ތަނުގައި ކިޔަވާ ކޯސްތަކުގެ ދަރިވަރުން އެކަންޏެވެ.