ރާއްޖޭގެ ގައުމީ ޔުނިވާސީޓީ، އެމްއެންޔޫގެ ދަނާލުގައި ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން ދިޔަ ދަރިވަރުގެ ކޭސްގެ މައުލޫމާތު އެތަނުގެ ވެރިންނާ ހިއްސާކޮށްފައި ނުވާ މައްސަލާގައި، ދަނާލުގެ ވެރިޔާ އަހުމަދު ޝަފީގު (ސައްޕެ) ރެއިން ފެށިގެން ސަސްޕެންޑުކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ދަނާލްގައި އަމިއްލަ އަށް މަރުވީ އުމުރުން 18 އަހަރުގެ އަންހެން ކުއްޖެކެވެ.
އެ ކުއްޖާ މަރުވި ރޭ ކަން ހިނގި ގޮތް މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެދެއްވިއިރު އެ ކުއްޖާ އަކީ ނަފްސާނީ ބަލި ހުންނަ ކަން ޑައިގްނޯސްކޮށް، ފަރުވާ ހޯދަމުން އައި ކުއްޖެއް ކަމަށް ވިދާޅުވި އެވެ.
އަދި މިދިޔަ މަހު އެ ކުއްޖާއާ ވާހަކަ ދެކެވި ފުލުހުންގެ އެހީތެރިކަން ފޯރުކޯށްދީ، ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޝަފީގު ސަސްޕެންޑުކުރީ އެ ދަރިވަރު މިދިޔަ މަހު ކުއްލި ގޮތަކަށް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އެ ކޭސްއާ ގުޅޭ އެއްވެސް މައުލޫމާތެއް އެމްއެންޔޫގެ ވެރިންނާ ހިސާބަށް ނުގެންދިޔަ މައްސަލައިގަ އެވެ.
"މިދިޔަ މަހު އެ ކުއްޖާ އަަށް ދިމާވި ހައްސާސް މައްސަލައެއްގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު، ދޫކޮށްލިއިރު ދަނާލާ ހަވާލުވެ ހުުންނެވި ވެރިޔާ އަށް އެކަން އެންގި. އެކަމަކު، ދަނާލުގެ ވެރިޔާ އަށް އެ ހުރިހާ ކަމެއް އެނގި ހުރެމެ، އެކަން އެމްއެޔޫގެ އެއްވެސް ވެރިއަކަށް ރިޕޯޓުކޮށްފައެއް ނެތް. އަދި އެމްއެންޔޫގެ ސްޓޫޑެންޓް ސަޕޯޓަށް ވެސް އެދިފައެއް ނެތް،" މައުލޫމާތު އެނގިވަޑައިގަންނަންވާ، ތައުލީމީ ދާއިރާގެ އިސްބޭފުޅަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ މަހު އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ވެސް އަމިއްލަ ނަފުސަށް ގެއްލުން ދޭން އުޅުނު މައްސަލައެއްގައި ކަމަށް ވާއިރު ކުރިން އެންގި ނަމަ ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތެވެ.
"އެ ކުއްޖާ އަށް ކުދި ބަޔަކު ބުލީ ކުރާ ކަމަށް ބުނެ އެއްވެސް މައްސަލައެއް އެމްއެންޔޫއަށް އެއްވެސް އިރަކު ރިޕޯޓު ކޮށްފައެއް ނެތް. ރެކޯޑު ކޮށްފައި ވެސް ނެތް،" ތައުލީމީ ދާއިރާގެ ފަރާތުން ވާހަކަ ދެއްކެވި އިސްވެރިޔާ ވިދާޅުވި އެވެ.
އެ ކުއްޖާ މަރުވި ރޭ ފުލުހުންގެ ވިކްޓިމް ސަޕޯޓް ޔުނިޓަށް މެސެޖުން ދެއްކި ވާހަކަތަކާ ގުޅިގެން ފުލުހުން ދަނާލަށް ގޮސް އެތަނުގެ އިދާރީ މުވައްޒަފުންނާ އެކު އެ ކުއްޖާގެ ކޮޓަރި ހޯދަން ވެސް ގާތްގަނޑަކަށް 20-25 މިނެޓް ހޭދަވިކަން ޓައިމްލައިނުން އެނގެ އެވެ.
އެނގިފައިވާ ގޮތުގައި، ކިޔެވުމަށް ވަރަށް މޮޅު ކަމަށް ފާހަގަކުރެވޭ އެ ކުއްޖާ މަރުވެފައި ވަނީ އާއިލީ މައްސަލަތަކެއްގަ އެވެ.
ކޯހެއް ހަދަން މާލެ އައިސް ދަނާލުގައި ދިރިއުޅެމުން ދިޔަ ދަރިވަރުގެ މަރުވި ރޭ ކަން ހިނގައިދިޔަ ގޮތާ ގުޅޭ ގޮތުން ތަފާތު ތުހުމަތުތައް ކުރަމުން ދަނިކޮށް މިނިސްޓަރު އިހްސާން މިއަދު ވިދާޅުވީ އެ ކުއްޖާ އަމިއްލައަށް މަރުވުމުގެ ކުރިން ފުލުހުންނާ މުއާމަލާތް ކުރަމުންދިޔަ ކަމަށެވެ.
އިހުސާން ވިދާޅުވީ ދަނާލުގައި މަރުވި ކުއްޖާ ފުލުހުންގެ ވިކްޓިމް ސަޕޯޓް ޔުނިޓަށް ހަތް ފަހަރު މެސެޖުކޮށްފައިވާ ކަމަށައި ފުލުހުން ވެސް އެ ދަރިވަރަށް ދެ ފަހަރު ޖަވާބު ދީފައިވާ ކަމަށެވެ. އެ ދަރިވަރު ފުރަތަމަ މެސެޖުން ފެށިގެން ސީން އަށް ފުލުހުންނަށް ވަދެވުނު ވަގުތާ ހަމައަށް ހަ ގަޑިއިރު ހޭދަވެފައިވެ އެވެ.
އެޑިޓަރުގެ ނޯޓު:
މި ހަބަރު އެންމެ ފުރަތަމަ ޝާއިއުކުރި އިރު "18 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައި ދަނާލުގެ ވެރިޔާ ލީލާ ސަސްޕެންޑްކޮށްފި" ކަމަށް ލިޔެފައި އޮތީ މައުލޫމާތުގެ ކުށަކުންނެވެ. އެކަމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ޑީން އޮފް ސްޓޫޑަންޓްސް ލީލާ އަހުމަދުގެ ކިބައިންނާއި، ނޫހުގެ ކިޔުންތެރީންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެމެވެ.