ޝަރީއަތް ނިމެންދެން ބަންދުކުުރުމަށް ފަހު، ޝަރީއަތް ނުނިމި ދިގުލައިގެން ގޮސް ވާނުވާ ނޭނގި ބަންދުގައި އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އެންމެންގެ މައްސަލަތަކުގެ ކޯޓު މަރުހަލާތައް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ބަންޑާރަ ނައިބު އަހުމަދު އުޝާމް ދެއްވި މައުލޫމާތުގެ މައްޗަށް ބުރަވެ، ރައީސް އެހެން ވިދާޅުވީ ހުޅުމާލެ 1 ގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރޭ ބޭއްވި ބައްދަލުވުމުގައި ބައެއް މީހުން އަނެއްކާ ވެސް ވާނުވާ ބަންދުގެ މައްސަލަ ނެންގެވުމުންނެވެ.
ރައީސް ވިދާޅުވީ، ވާނުވާ ބަންދުގައި އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުންގެ މައްސަލަތަކުގެ ޝަރީއަތުގެ މަރުހަލާތައް މާޗު މަހުގެ ނިޔަލަށް ނިންމުމަށް ފަހު، ބާކީ ތިިބި މީހުންގެ މައްސަލަތައް ވެސް ކުރިއަށް ގެންދާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވި ކަމަށެވެ.
"އެ ވާހަކަ މި ދަންނަވާލީ މިއީ އެތައް އަހަރު ވެފައި ހުރި ކަންކަން. އެހެން ނަމަވެސް މީގައި އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައި ތިބި ހުރިހާ އެންމެން ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ކޯޓު މަރުހަލާތައް ނިމި ކޮންމެވެސް ގޮތެއް ނިމޭނެ. ބާކީ ހުރި މައްސަލަތައް ވެސް ނިމޭނެ،" ބަންޑާރަ ނައިބު އުޝާމް ވެސް އިންނެވި ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ މާ ގިނަ ދުވަހެއް މި ކަމުގައި ނުވާނެ."
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ވާނުވާ ބަންދު މީހުންނާ ގުޅޭ ކަންކަން ބަންޑާ ނައިބު އުޝާާމް ވީހާ ވެސް ރަނގަޅަކަށް ކުރިއަށް ގެންދަވާނެ އެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފަށް ވެސް ދަންނަވަންޖެހޭ ކަންކަން ބަންޑާރަ ނައިބު ދަންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ވާނުވާ ބަންދުގައި ތިބޭ މީހުންނާ ގުޅޭ މައްސަލަތަކަށް ރައީސް މުއިއްޒު ވަނީ މި މަހުގެ ފަސްވަނަ ދުވަހުގެ ރޭ މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވެސް ވަރަށް ތަފުސީލްކޮށް ޖަވާބު ދެއްވައިފަ އެވެ.
ރައީސް އެ ރޭ ވިދާޅުވީ، އެ މީހުން ބަންދުން ދޫނުކޮށްލެވޭ ސަބަބަކީ ކުރެވޭ ބޮޑެތި ތުހުމަތުތައް ކަމަށެވެ.
ރައީސް ވިދާޅުވެފައި ވަނީ، ވާނުވާ ބަންދުގެ މީހުން ފަސް މިނިޓުގެ ތެރޭގައި ވެސް ބޭނުންފުޅު ނަމަ ދޫކުރެވިދާނެ ކަމަށް ބަޔަކު ބުންޏަސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި ޓެރަރިޒަމްގެ އަމަލެއް ހިންގާފައިވާ މީހުންނާއި މީހުން މެރުމާއި ޑްރަގް ޓްރެފިކިންގެ މީހުން ބަންދުން ދޫކުރުމަކީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ހައްގެއް ނޫން ކަމަށެވެ.
ވާނުވާ ބަންދުގެ ތަފާސްހިސާބު
- ޖުމްލަ 314 މީހުން.
- މަރުގެ މައްސަލަތަކުގެ ތުހުމަތުގައި 29 މީހުން.
- ޓެރަރިޒަމްގެ ތުހުމަތުގައި 20 މީހުން.
- ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތުގައި 117 މީހުން.
- މާރާމާރީގެ ތުހުމަތު ކުރެވޭ 70 މީހުން.
- ޑްރަގް ޓްރެފިކިންގެ ތުހުމަތު ކުރެވޭ 116 މީހުން.
ރައީސް ވިދާޅުވެފައި ވަނީ މި ސަރުކާރުން ޖުޑިޝަރީ އަށް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި ބޭނުންފުޅުވަނީ ހަގީގީ މާނައިގައި އެ ދާއިރާ މިނިވަން ކޮށްދޭން ކަމަަށެވެ. ވާނުވާ ބަންދު މީހުންގެ މައްސަލަތައް ވެސް އަވަސް ކުރަން ސަރުކާރުން ބޭނުންވަނީ ކޯޓުތަކަށް ވަސީލަތްތައް ފަހިކޮށްދީގެން، މައްސަލަތައް އަވަސް ކުރެވޭނެ ގޮތްތަކެއް ހޯދައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.