އަދަދު އޮންލައިނުން ހެދި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ފުލުސް އޮފީހަށް ހާޒިރުކުރުމުން އޭނާ ވެސް ހަނު ހުރެފި އެވެ.
ކާކުކަން ނޭނގޭ ގޮތަށް އަދި އަޑު ބަދަލުކޮށްގެން ދައްކާފައިވާ ވާހަކަތަކެއް ހިމަނައިގެން އަދަދު އޮންލައިނުން ހެދި "އައިޝާ" ޑޮކިއުމެންޓްރީގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގަޒްފުގެ ތުހުމަތު ކޮށްފައިވާ ކަމަށް ފުލުސް އޮފީހަށް ހާޒިރުވުމަށް އޭނާއަށް ފޮނުވި ޗިޓްގައިވެ އެވެ. އަދި އެ މައްސަލާގައި އަދަދުގެ އޮފީހަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ވަދެ ގިނަ އަދަދެއްގެ ތަކެތި ވަނީ ގެންގޮސްފަ އެވެ.
އެކަމުގެ ތަހުގީގަށް މިއަދު މެންދުރު ފަހު ފިޔާޒު ފުލުހަށް ހާޒިރުކުރި އެވެ.
ފުލުހުންގެ ތަހުގީގުތައް ކުރިއަށް ގެންދާ ސާޖެންޓް އާދަމް ހަލީމް ކްރިމިނަލް އިންވެެސްޓިގޭޝަން ބިިލްޑިންގައި ތިރީހަކަށް މިނެޓު ހޭދަކުރެއްވުމަށް ފަހު، އެ އިދާރާގެ ބޭރުގައި ހުންނަވައި ނޫސްވެރިންނަށް ދެއްވި އިންޓަވިއުގައި ފިޔާޒުގެ ގާނޫނީ ވަކީލު އަދި ކުރީގެ މަޖިލިސް މެންބަރު އަލީ ހުސައިން ވިދާޅުވީ ފިޔާޒު ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހަނު ހުރުމުގެ ހައްގު ބޭނުންކުރައްވާފައި ކަމަށެވެ.
އަލީ ހުސައިން ވިދާޅުވީ ތަހުގީގުގައި ފުލުހުން ސުވާލުކުރީ މަސްދަރު ހާމަކުރަން ޖެހޭ ގޮތަކަށް ކަމަށް ވާތީ އެ ތަހުގީގުގައި ހަނު ހުރުމުގެ ހައްގުގެ ބޭނުންކުރަން ފިޔާޒު ނިންމެވީ ކަމަށެވެ.
އަލީ ހުސައިން ފާހަގަކުރެއްވި ގޮތުގައި، ނޫސްވެރިކަމުގެ ހަޔާތުގައި ފިޔާޒު ކުރެއްވި މަސައްކަތުގެ އެންމެ މުހިންމު ކަމަކީ މަސްދަރު ހިމާޔަތްކުރުމެވެ. އެއީ، މައުލޫމާތު ދޭން ތިބޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށް، އެ މީހުން ދޭ މައުލޫމާތެއްގެ ސަބަބުން ގެއްލުމެއް ނުލިބޭނެކަން ކަށަވަރު ކޮށްދިނުމަށް ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
ފިޔާޒު ވިދާޅުވީ ހަނު ހުރުމުގެ ހައްގު ބޭނުންކުރީ ދިވެހި ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އެކި މަސްދަރުތަކުން ދޭ މައުލޫމާތު ރައްކާތެރިކަމާ އެކު ބަލަހައްޓާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މަސްދަރަކީ އަޅުގަނޑުމެން އުމުރު ދުވަހު ޖަލު އޮންނަން ޖެހުނު ނަމަވެސް އަޅުގަނޑުމެން ހިމާޔަތްކުރާނެ ކަމުގެ ޔަގީންކަން ދެން،" އޭނާ ވިދާޅުވި އެވެ.
ފިޔާޒުގެ މައްޗަށް ކުރާ ޖިނާއީ ތުހުމަތުތައް
- މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާގެ ކުށް - ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާ
- މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާގެ ކުށް - ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާގެ ހ. ގެ ދެވަނަ ނަންބަރުގެ ދަށުން
- ގަޒްފުގެ ކުށް - ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާ
- ކުށެއް ކުރުމަށް އެދުން - ގާނޫނުލްއުގޫބާތުގެ 81 ވަނަ މާއްދާ
- ކުށެއް ކުރުމަށް ރޭވުން - ގާނޫނުލްއުގޫބާތުގެ 82 ވަނަ މާއްދާ
މި މައްސަލައިގައި "އަދަދު" ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު ވެސް މިއަދު ފުލުހަށް ހާޒިރުކުރި އެވެ. އޭނާ ވެސް ވަނީ ހަނު ހުންނަވައިފަ އެވެ.
އެ މައްސަލައިގައި ހަސަން އާއި ފިޔާޒްގެ އިތުރުން އެ ޑޮކިއުމެންޓްރީއަށް މައުލޫމާތު ދިން ކަމަށް ތުހުމަތުކުރާ އައިޝަތު އީޝާ އަޝްރަފްގެ ޕާސްޕޯޓު ހިފަހައްޓައި، ފުރުން މަނާކޮށްފައިވެ އެވެ.
ޑޮކިއުމެންޓްރީގެ މައްސަލާގައި "އަދަދު"ގެ އޮފީހަށް ފުލުހުން ބައެއް ތަކެތި ގެންގޮސް، އެ ނޫހުގެ ބައެއް މުވައްޒަފުން ރާއްޖެއިން ފުރުން މަނާކޮށްފައި ވާތީ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އާއި ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރު ނިކް ލޯ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.