އެމްޑީޕީގެ ޗެއާޕާސަން ހޮވާ އިންތިހާބާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބު ބާއްވަން ފައިސާއެއް ނެތް ކަމަށާއި އަދި މިވަގުތު އެ ދެ އިންތިހާބު ބާއްވައިފި ނަމަ ޕާޓީގެ މަސްލަހަތު ގެއްލިދާނެ ކަމަށް ބުނެ އިންތިހާބު ފަސްކުރަން ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ހުށަހެޅުއްވުމުން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ޗެއާޕާސަން ކެންޑިޑޭޓް މީކާއިލް ނަސީމް ވެސް އެކަމަށް ދެކޮޅުހައްދަވައިފި އެވެ.
ޗެއާޕާސަންކަމުގެ މަގާމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާއިރު، ނަޝީދަށް ތާއީދުކުރާ ޕާޓީގެ މެންބަރުން ވެސް ދަނީ އިންތިހާބު ފަސްކުރުމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. މިއީ މީކާއިލް އަށް އިންތިހާބު ކާމިޔާބު ނުވާނެކަން އެނގުމުން ކުރަން އުޅޭ ކަމެއްގެ ގޮތުގައި ވެސް ތުހުމަތުކޮށްފައިވެ އެވެ.
ނަމަވެސް މީކާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕާޓީގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން އުޅޭ އުޅުމަކީ "އަޅުގަނޑުވެސް އަދި މިޕާޓީގެ އެއްވެސް މެންބަރެއް ވެސް ބަލައިގަންނާނެ ކަމެއް ނޫން" ކަމަށެވެ.
"... ޕާޓީން އިއުލާނުކޮށްފައިވާ ތާވަލާ އެއްގޮތަށް އިންތިހާބު ކުރިއަށް ގެންދަންޖެހޭ. ވަކި ބަޔަކަށް ފައިދާވާގޮތަށް އިންތިހާބާ ނުކުޅުއްވާ، ކޮމިޓީއިން ނިންމާފައިވާ ނިންމުމަށް އިހްތިރާމް ކުރައްވާ. އަޅުގަނޑާއި އަޅުގަނޑުގެ ޓީމު މިތިބީ އިންތިހާބަށް ފުރިހަމައަށް ތައްޔާރަށް،" މީކާއިލް ލިޔުއްވާފައިވެ އެވެ.
މީކާއިލް މިގޮތަށް ކުރެއްވި ޕޯސްޓް ކޯޓްކުރައްވައި ނަޝީދާ އެކު ކެމްޕޭނަށް ނުކުންނަވާފައިވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ އިންތިހާބު ފަސްކުރާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އިންތިހާބު ބާއްވަން ބޭނުންވާ ފައިސާ ޕާޓީގައި ނެތް ކަމަށް ޣަފޫރު ވިދާޅުވެފައި ވާތީ ފައްޔާޒް ވަނީ ފައިސާ ވެސް ހޯދޭނެ ކަމަށް ވިދާޅުވެފަ އެވެ.
"އިންތހާބު ލަސްކުރާން ޖެހޭ އެއްވެސް ސަބަބެއް ނެތް. ފައިސާ ވެސް ހޯދޭނެ. އިންތިހާބު އަވަސްކުރަންވީ،" ފައްޔާޒް ލިޔުއްވާފައިވެ އެވެ.
އިންތިހާބު ފަސްކުރުމުގެ މައްސަލަ އެމްޑީޕީ ތެރޭ ހޫނުވެފައި ވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޕާޓީގެ ޗެއާޕާސަންކަމާ ވަގުތީ ގޮތުން ހަވާލުވެ ވަޑައިގަންނަވަން ތައްޔާރު ކަމަށް ވެސް ވިދާޅުވެފަ އެވެ.
ނަޝީދު އެހެން ވިދާޅުވީ މިވަގުތު ޕާޓީ ހިންގަން ނަގާފައިވާ އިސް ލީޑަރުންނާއި ގައުމީ މަޖިލިސް އެދޭ ނަމަ ރިޔާސީ ޕްރައިމަރީއާ ހިސާބަށް ވަގުތީ ޗެއާޕާސަން ކަމާ ރައީސް ނަޝީދު ހަވާލުވާން ފެންނަ ކަމަށް ވިދާޅުވެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ފޮނުއްވި މެސެޖަކަށް ރައްދު ދެއްވަ އެވެ.