އެމްޑީޕީގެ ރިޔާސީ ޓިކެޓު ވަކި ކެންޑިޑޭޓަކަށް ދިނުމަށް ނުވަތަ ވަކި ބޭފުޅަކު ވެރިކަމަށް ގެންނަން ނިންމަވައި، އެކަން އިއުލާން ކުރައްވާފައިވާ ބޭފުޅަކު އެ ޕާޓީގެ ޗެއާޕާސަނަކަށް އިންތިހާބު ވެއްޖެ ނަމަ އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުންތަކާއި މައްސަލަތައް ޖެހުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ ކަމެއް ކަމަށް ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިން ވީޑިއޯއެއްގައި އޭނާ އެހެން ވިދާޅުވީ، އެ މަގާމަށް ދެން ކުރިމަތިލައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ދެ ބޭފުޅުންގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކޮށެވެ.
ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ގެންނަން ތާއީދު ކުރައްވައި އެކަން އިއުލާން ކުރައްވައިފަ އެވެ. އަދި ފައްޔާޒު ގެންދަވަނީ ނަޝީދުގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިންގައި އަމަލީ ގޮތުން އިސްވެ ހަރަކާތްތެރިވެވަޑައިގަންނަވަމުންނެވެ.
މީކާއިލް ވިދާޅުވީ، ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރާނެކަން އިއުލާން ކުރައްވާފައިވާ ބޭފުޅަކު އިސްވެ ޕާޓީގެ ޕްރައިމަރީ ރާވައި ހިންގައި އުޅުއްވަން ވެއްޖެ ނަމަ މެމްބަރުންގެ ވިސްނުން ވެސް ތަފާތުވާނެ ކަމަށެވެ.
"އެހެންވީމާ ވަކިކޮޅެއް ނުނަގައި ވަކި މީހެއްގެ ފަހަތުގައި ނެތް މީހަކު ހުރުން ވަރަށް މުހިންމު މިކަމުގައި،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް މީކާއިލް ނުކުމެވަޑައިގަތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ "މީހެއްގެ" ގޮތުގައި ކަމަށް ބުނެ ދައްކާ ވާހަކަތައް ވެސް މީކާއިލް ދޮގުކުރެއްވި އެވެ.
މީކާއިލް ވިދާޅުވީ، އޭނާ މަަސައްކަތް ކުރައްވަނީ ވަކި މީހަކު އެމްޑީޕީގެ ލީޑަޝިޕަށް އަދި ވެރިކަމަށް ވެސް ގެންނަން ނޫން ކަަމަށެވެ. އޭގެ ބަދަލުގައި އުޅުއްވަނީ އެމްޑީޕީ އަލުން ވެރިކަމަށް ގެނެސް އެ ޕާޓީ އަށް ހެޔޮ ގޮތް ހޯދައިދޭން ކަމަށް ވިދާޅުވި އެވެ.
"އެމްޑީޕީއަކީ 50،000 މެމްބަރުން. އެއީ އެންމެ މެމްބަރެއް ނޫން، އެންމެ ފަރުދެއް ނޫން. އަދި ރިޔާސީ އިންތިހާބަށް ޝައުގުވެރިވާ ކެންޑިޑޭޓުންނެއް ވެސް ނޫން އެމްޑީޕީއަކީ. އެމްޑީޕީއަކީ އެމްޑީޕީގެ އާންމު މެމްބަރުން،" މީކާއިލް ވިދާޅުވި އެވެ.
މީކައިލް ވިދާޅުވި ގޮތުގައި އޭނާ ޗެއާޕާސަންގެ މަގާމަށް ކަމުދާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ސަޕޯޓަރުން ވެސް ބުނެ އެވެ.
އޭގެ ސަބަަބަކީ ޗެއާޕާސަންގެ އިންތިހާބުގައި ވަކި މީހަކަށް "ކޮމިޓްވެގެން" ނެތުން ކަމަށް މީކާއިލް ވިދާޅުވި އެވެ.
"މިސާލަކަށް އަޅުގަނޑު ބޭނުންވަނީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ނަގަންށޭ، އަޅުގަނޑު މި ހުރީ ރައީސް ސޯލިހާ އެކުގައި ކަމަށްވާ ނަމަ ދެން މި ތިއްބެވި ބޭފުޅުން އަޅުގަނޑަށް ތާއީދެއް ނުކުރާނެ ނޫންތޯ؟ އެ މީހުންނަށް ތާއީދު ކުރާ ނަމަ މި ބޭފުޅުން ނުކުރާނެ ނޫންތޯ،" މީކާއިލް ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީން 2028 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޭނުން ނަމަ އެ ޕާޓީގެ ކުރީ ސަފުގައި ތިއްބެވި ބޭފުޅުންގެ އެކުވެރިކަން ދައްކަވަންޖެހެ އެވެ.
"އެއްކޮށް ބަދަހިކޮށް އަޅުގަނޑުމެންގެ ޕާޓީ އޮންނަން އެބަޖެހޭ."
އުމުރުން 33 އަހަރުގެ މީކާއިލް. ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އޭނާ އިންތިހާބު ވިޔަސް އެއީ އެ ޕާޓީގެ ތާރީހުގައި އެންމެ ހަގު ޗެއާޕާސަނަށް ނުވާނެ ކަމަށެވެ.
ވިދާޅުވީ އޭނާ އަށް ވުރެ މާ ހަގު ބޭފުޅެއްގެ އަތުގައި ހިއްޕަވައިގެން ނުކުމެ "ޗެއާޕާސަނަކަށް ހައްދަވާފައި ތިއްބެވި ބޭފުޅުން" އެ މަގާމަށް ކުރިމަތިލައްވަން ޖެހޭނީ ހަރު މީހުން ކަމަށް ބުނުމުން ހިނި އަންނަ ކަމަށެވެ.
"އަޅުގަނޑު ކުޑަކޮށް ވެސް ގަބޫލެއް ނުކުރަން މީހާގެ އުމުރާއި މީހާގެ ހަރުކަމާއި މީހާގެ ތަޖުރިބާއާ ގުޅުމެއް އޮތް ކަމަކަށް. މީހާގެ ތަޖުރިބާ ގުނަން ވާނީ އޭނާގެ ޕޮލިޓިކަލް އެކްސްޕީރިއަންސުން،" މީކާއިލް ވިދާޅުވި އެވެ.
"އަޅުގަނޑުގެ އެބައޮތް 16 އަހަރުގެ ތަޖުރިބާ މިކަމުގައި މެދުކެނޑުމެއް ނެތި އެންމެ ދަށްފަންތިން ފެށިގެން މިހާ ހިސާބަށް އަޅުގަނޑު މި މަސައްކަތްކުރީ މި އެމްޑީޕީގައި، އެމްޑީޕީގެ އާންމު މެމްބަރުންނާ އެކު."