ހޯމް-ސްކޫލިން ތައާރަފްކުރުމާ ދެކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅާއި އެ މަނިކުފާނު ދައްކަވާފައިވާ އެ ނޫން ބައެއް ވާހަކަފުޅުތައް އެއީ އިދިިކޮޅު އެމްޑީޕީގެ ވިސްނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ސިފަކުރެއްވުމުން ގަލޮޅު ދެކުުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެކަން މިއަދު ކުށްވެރި ކުރައްވަފި އެވެ.
ހޯމް-ސްކޫލިން ހިމެނޭހެން ތައުލީމުގެ ގާނޫނަށް ބަދަލުތަކެއް ގެންނަން ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ހުށަހެޅުއްވި ބިލްގެ ބަހުސްގައި ޝުޖާއު ވިދާޅުވީ އެމްޑީޕީން ބޭނުން ނުވާ ކަމެއް ރާއްޖޭގައި ހިންގަން ހުށަހަޅާ ކޮންމެ ބިލަކާ އެމްޑީޕީން ދެކޮޅުވާނެ ކަމަށާއި އެއީ ހައިރާންވާ ކަމެއް ނޫން ކަމަށެވެ.
"މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ހަމަ ބިރަކާ ނުލައި މަޖާކުރާށޭ ބުނީމާ އެ ގަބޫލުކުރާ ބަޔަކު ވެސް އުޅެނިއްޔޭ، އެހެންވީމާ ތައުލީމީ ބިލެއް ފުރިހަމަވެގެން އަންނައިރު ބިލަށް ކިޔާނެ ޖާރިޔާ ބިލު ވެސް. މި ބިލަށް ކިޔާނެ އެހެން ބިލު ވެސް،" ޝުޖާއު ވިދާޅުވި އެވެ.
"އެއީ މި މީހުން ބޭނުން ނުވާ ކަމެއް، މި ގައުމުގައި ހަރުދަނާކަންމަތީގައި ހިންގުމަށް ޓަކައި ގެންނަ ކޮންމެ އިސްލާހަކާ މި މީހުން ދެކޮޅުވާނެ، މިއީ އަޖައިބެއް ނޫން."
ޝުޖާއުގެ އެ ތުހުމަތަށް ރައްދު ދެއްވަމުން މަޖިލިހުގެ މިއަދުގެ ޖަލްސާގައި މީކާއީލް ވިދާޅުވީ އެމްޑީޕީއަށް ނިސްބަތްކޮށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ ކުށްވެރި ކުރައްވާ ކަމަށާއި އެ ޕާޓީއަކީ ފަރުދެއް ނޫން ކަމަށެވެ.
"...އިއްޒަތްތެރި ރައީސް އެމްޑީޕީއަކީ އެންމެ ފަރުދެއްނޫން. އެމްޑީޕީއަކީ އާއްމު މެންބަރުންގެ ޕާޓީއެއް. އިއްޒަތްތެރި ރައީސް، ރޭގައި ބޭއްވުނު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުން އަޅުގަނޑުމެން އެކަން ސާބިތުކޮށްދީފިން،" މީކާއީލް ވިދާޅުވި އެވެ.
އޭނާ އެ އިޝާރާތް ކުރެއްވީ ނަޝީދުގެ ވިސްނުންފުޅާ ހިލާފަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ފާސްކުރި ގަރާރަށެވެ. "މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" މަޝްރޫއުގެ ނަމުގައި ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން ސަރުކާރުން ނިންމާފައިވާ މަޝްރޫއަށް ތާއީދު ކުރައްވާ ކަމަށް ނަޝީދު ރޭ ވެސް ވިދާޅުވި އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރީ އެ މަޝްރޫއާ މެދު ރައްޔިތުންގެ ފެންނެ-ނުފެންނަ ވޯޓެއް ނަގަން ސަރުކާރަށް ގޮވާލުމާ އެކު، އެ ނޫން ގޮތަކަށް ކުރިއަށް ގެންދާ ނަމަ މުޒާހަރާ ކުރާށެވެ.
ހޯމް-ސްކޫލިން ތައާރަފްކުރުން ހިމެނޭހެން ތައުލީމުގެ ގާނޫނަށް ބަދަލުތައް ގެންނަން ހުށަހަޅާފައިވާ ބިލާ ދެކޮޅު ހައްދަވައި އެއީ "ޖާރިޔާ ބިލް" ކަމަށް ނަޝީދު ގެންދަވަނީ ސިފަކުރައްވަމުންނެވެ. އެ މަނިކުފާނުގެ އެ ވިސްނުމާއި އެހެން ބައެއް ކަންތައްތައް އެއީ އެމްޑީޕީގެ ވިސްނުން ކަމަށް ޕީއެންސީގެ އިސް މެމްބަރު ޝުޖާއު ސިފަކުރެއްވުމުން ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް މީކާއީލް ވެސް އެ ބިލާ ދެކޮޅެވެ.
މިއަދުގެ ޖަލްސާގައި އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރުން އެ ބިލު މަޖިލީހަށް ހުށަހެޅީ ރަސްމާލޭ މަޝްރޫއާ ބެހޭ ގޮތުން ދައްކާ ވާހަކަ އޮއްބާލާށެވެ. އެ ބިލު ހުށަހެޅުމުގެ ދެވަނަ ބޭނުމަކީ ދީނީ ޖަމިއްޔާއެއްގެ އަޑުކަނޑުވާލުން ކަމަށް ވެސް މީކާއީލް ތުހުމަތުކުރެއްވި އެވެ.