އެމްޑީޕީގެ ޗެއާޕާސަން ހޮވަން އަންނަ ހުކުރު ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުފޮށި ބަހައްޓާނީ ކޮންމެ ރަށެއްގެ ވެސް ސްކޫލްގައި ކަމަށް އެެ ޕާޓީގެ އިންިތހާބާ ބެހޭ ކޮމިޓީން ނިންމާފައި ވަނިކޮށް، ވަކި ހަތަރު ރަށެއްގައި ހަރުގޭގައި ވޯޓުފޮށި ބަހައްޓަން އުޅޭތީ، ކެންޑިޑޭޓް މީކާއީލް އަހުަމަދު ނަސީމް ޝަކުވާ ހުށަހަޅުއްވައިފި އެވެ.
އެމްޑީޕީގެ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާއަށް ފޮނުއްވި ސިޓީއެއްގައި މީކާއީލް ވިދާޅުވީ ލ. އިސްދު އާއި ކަލައިދު އާއި އެ އަތޮޅު ގަމުގެ މަތިމަރަދޫ އަވަށް އަދި ގއ. ވިލިނގިލީގައި ހުރި އެމްޑީޕީގެ ހަރުގެތަކުގައި ވޯޓުފޮށި ބަހައްޓަން ނިންމާފައި ވަނީ އިންތިހާބާ ކޮމިޓީގެ ބަހެއް ނެތި ކަމަށެވެ.
ރަށްރަށުަގެ ސްކޫލްތައް ފިޔަވައި އެހެން ތަންތަނުަގައި ވޯޓުފޮށި ނުބަހައްޓަން އިންތިހާބާ ބެހޭ ކޮމިޓީން ނިންމީ އޭނާ ވިދާޅުވި ގޮތުގައި އިންތިހާބުގެ ވާދަވެރިކަން ބޮޑުކަމުންނެވެ.
"...މި އިންތިހާބުގެ ވޯޓުލުމާއި ވޯޓުގުނުމުގެ ކަންކަން، ވީހާ ވެސް އިންސާފުވެރިކޮށް އަދި ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމުގެ މަގުސަދުގައި ނިންމާފައިވާ މިފަދަ މުހިއްމު ނިންމުންތަކާ ހިލާފަށް އަދި މުޅި ރާއްޖޭގެ އެތައް ރަށެއްގައި އެތައް ވޯޓުފޮށްޓެއް، ކޮމެޓީގެ ނިންމުމާ އެއްގޮތަށް، މަދުރަސާތަކުގައި ބެހެއްޓުމަށް ނިންމާފައި ވަނިކޮށް، މަތީގައި މި ބަޔާންކުރި ހަތަރު ރަށުގައި މަގުބޫލު ސަބަބެއް ނެތި، ކޮމިޓީގެ ނިންމުމާ ހިލާފަށްް ފޮށި ބެހެއްޓުމަށް ނިންމާފައި ވުމަކީ މިކަމާ މެދު އަޅުގަނޑު ކަންބޮޑުވާ އަދި ހައްލެއް ބޭނުންވާ ކަމެއް ކަމުގައި ދެންނެވީމެވެ،" ސިޓީގައި މީކާއީލް ވިދާޅުވި އެވެ.
މީކާއީލް ތުހުަމަތު ކުރެއްވި ގޮތުގައި ޗެއާޕާސަން އިންތިހާބުަގައި އޭނާއާ ވާދަކުރައްވާ ކެންޑިޑޭޓް [ކުރީގެ ރައީސް މުހައްމަދު ނަޝީދު] ގެ ސަޕޯޓަރުން ވަނީ ވޯޓުފޮށިތަކަށް ގަނޑުކޮށް ވޯޓު އަޅާނެ ކަމަށް ބުނެފަ އެވެ.
އެހެން ބުނެފައި ވަނިކޮށް، ވޯޓުލާ މަރުކަޒު ބަދަލުކުރުމަކީ އެ ބުނުމަށް ބާރު ލިބޭ ކަމެއް ކަމަށް ވިދާޅުވެ އެކަން އިސްލާހުކޮށްދޭން ވެސް މީކާއިލް އެދިވަޑައިގަތެވެ.