އެމްޑީޕީގެ އާންމު މެންބަރުން އެންމެ ބޮޑަށް އެދޭ އެއް ކަމަކީ ބަހުގެ އިތުބާރު އޮންނަ ބޭފުޅަކު އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވަޑައިގަންނަވަން ކަމަށް، އެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ މީކާއީލްގެ "އިތުބާރު" ކެމްޕެއިން ޓީމުން ބޭއްވި މީޑިއާ ބްރީފިންއެއްގައި އޭނާ ވިދާޅުވީ، އެ ޕާޓީގެ އާންމު މެންބަރުން މިއަދު އެންމެ ބޮޑަށް ބޭނުންވަނީ އެއްގޮތެއްގައި ސާބިތުވެ ހުންނަވާނެ އަދި ދައްކަވާ ވާހަކަ އާއި އަމަލާ ދިމާވާނެ އިތުބާރު ހުރި ބޭފުޅަކާ ޕާޓީގެ ހިންގުން ހަވާލުކުރަން ކަމަށެވެ.
ރ. އަދި ބ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރަށް ފަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އޭނާގެ ވާދަވެރިޔާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ނަޝީދުގެ ކެމްޕެއިން ޓީމަށް މީކާއިލް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ބޭފުޅުން ހުށަހަޅުއްވަނީ ޗެއާޕާސަންގެ ދައުރާ ގުޅޭ ކަންކަމުގެ ބަދަލުގައި، ރިޔާސީ ޕްރައިމަރީއެއްގެ މެނިފެސްޓޯއެއް ކަމަށެވެ. ދައުލަތަށް ގެންނަންޖެހޭ ބަދަލުތަކުގެ ވާހަކައަކީ އެމްޑީޕީގެ ގައުމީ މަޖިލީހުން މަޝްވަރާކޮށް 2028 ގެ ރިޔާސީ މެނިފެސްޓޯގައި ހިމަނަންޖެހޭ ކަންކަން ކަމަށް ވެސް މީކާއިލް ވިދާޅުވިއެވެ.
"އާންމު މެންބަރުންނަށް މެޓާ ވަނީ ބޮޑުވަޒީރެއް ނޫން. ހަމަ އެއްކަލަ ފޮތް ފަންސޫރު، ޕާޓީގެ ވަކިލާރި، ޕާޓީގެ ސިޔާސަތު އަދި ޕާޓީގައި ދެމިހުންނާނެ ކަމުގެ ޔަގީންކަމެއް އޮތް ބައެއް ޕާޓީއާ ހަވާލުވުން. އެހެންމެ އެ ވާހަކަ އަޅުގަނޑުމެން ތަކުރާރުކޮށް ދައްކާނަން، އަދި ތަކުރާރުކޮށް ހަމަ އަޅުގަނޑު ދަންނަވާލަން މިހާރު ހިނގަމުން މިދަނީ އެމްޑީޕީ ޗެއާޕާސަނެއްގެ އިންތިހާބު، މީކީއެއް ރިޔާސީ ޕްރައިމަރީއެއް ނޫން،" މީކާއިލް ވިދާޅުވިއެވެ.
ރަށްރަށުން އެންމެ ގިނައިން ކުރިމަތިވި ސުވާލަކީ އޭނާ ވިދާޅުވި ގޮތުގައި ޗެއާޕާސަންގެ އިންތިހާބުގެ ނަތީޖާއަށް ފަހު އެމްޑީޕީގައި ދެމިތިބޭނެތޯ ކުރާ ސުވާލެވެ.
އެމްޑީޕީގެ 2023 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީއަށް ފަހު، ބަޔަކު ޕާޓީ ދޫކޮށް ދިއުމުން، މެންބަރުންގެ މެދުގައި އިތުބާރު ކުޑަވެފައިވާ މާހައުލެއް އޮތް ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ. ޗެއާޕާސަންގެ އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް ޕާޓީ ދޫކޮށް ނުދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ސަރުކާރު ޖަވާބުދާރީ ކުރުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މީކާއީލް ވިދާޅުވީ، 2023 ގައި އެމްޑީޕީގެ ސަރުކާރު ގެއްލުވާލައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ބައިވެރިވާން އިއުލާންކުރީ އޭނާއާ ވާދަކުރައްވާ ފަރާތްތަކުން ނުވަތަ ނަޝީދުގެ ޓީމުން ކަމަށެވެ. އަދި އޭރު ވެސް ރައީސް މުއިއްޒަކީ "އިންޑިއާ އައުޓް" ކެމްޕެއިންގެ އިސް ފަރާތެއްކަން އެނގި ތިބެ، ޒާތީ މަސްލަހަތު އިސްކޮށް އެ މަނިކުފާނަށް ވާގިވެރިވީ ނަޝީދުގެ ޓީމުން ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.
"ސަރުކާރު ޖަވާބުދާރީ ކުރެވޭނީ ވެސް އެކައުންޓަބަލް ކުރެވޭނީ ވެސް އެއް ގޮތަކަށް އެއްގޮތެއްގައި ހުންނަ މީހަކަށް އަދި ބަސް ބުނާއިރު ވެސް އެއްގޮތެއްގައި އެ ބަސް ހިފަހައްޓާ ބަހުގެ އިތުބާރު އޮތް ފަރާތަކަށް،" މީކާއިލް ވިދާޅުވި އެވެ.
ޗާގޯސް މައްސަލަ އާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކުރާ ވޯޓާ ގުޅިގެން ވާދަވެރިން ސްޓޭންޑް ބަދަލުކުރެއްވިކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މީކާއީލް ވަނީ "އިތުބާރު" ކެމްޕެއިންގެ މެނިފެސްޓޯ އިފުތިތާހު ކުރަން އަންނަ ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި އޮންނާނެކަން މިއަދުގެ ބްރީފިންގަައި އިއުލާނު ކުރައްވައިފަ އެވެ.