އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ކެމްޕެއިންގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) އިބްރާހީމް ވަހީދު (އިބުރޭ) ބައިވެރިވެވަޑައިގަންނަވާތީ، އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ވާދަވެރި ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު އެދިވަޑައިގެންފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އަށް ފޮނުއްވި ސިޓީއެއްގައި މީކާއީލް ވިދާޅުވީ ނަޝީދުގެ ކެމްޕެއިންގައި އިބުރޭ އަމަލީ ގޮތުން ބައިވެރިވަޑައިގަންނަވާ ކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށާއި ސޯޝަލް މީޑިއާ އިން ފެންނަ ފޮޓޯ އާއި ވީޑިއޯ އިން އެކަން ކަށަވަރުވާ ކަމަށެވެ.
ޗެއާޕާސަންގެ ނައިބު (އިދާރީ) ގެ މަގާމުގައި ހުންނަވާ ބޭފުޅަކީ އެމްޑީޕީ އަށް މެންބަރުން އިތުރުކުރުމާއި ކެމްޕެއިންތައް ހިންގުމާ ހަވާލުވެ ހުންނަވާ ބޭފުޅަކަށް ވާތީ އެ ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި އޭނާ ހުންނަވަން ޖެހޭނީ ވަކިއަތަކަށް ޖެހިވަޑައިނުގެން ކަމަށް ވެސް މީކާއީލްގެ ސިޓީގައި ވިދާޅުވި އެވެ.
"...އޭނާ މި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ތާއީދުކޮށް، އެ ކެންޑިޑޭޓްގެ ކެމްޕެއިނުގައި އަމަލީ ގޮތުން ބައިވެރިވުމަކީ އެހެން ކެންޑިޑޭޓުންނަށް ނުުލިބޭ ފައިދާއެއް އޭނާ ތާއީދުކުރާ ކެންޑިޑޭަޓަށް ފޯރުކޮށްދީ އިންތިހާބުގެ ނަޒާހަތްތެރިކަން ގެއްލިގެންދާ ކަމެކެވެ،" ސިޓީގައި މީކާއީލް ވިދާޅުވި އެވެ.
އެއީ އެހެން ކެންޑިޑޭޓުންނަށް ތާއީދުކުރާ އާއްމު މެންބަރުންގެ ހައްގުތަކަށް އަރައިގަނެވި، އެ މެންބަރުންނަށް ވެވޭ ބޮޑު ބޭއިންސާފެއް ކަމަށް ވެސް ކަންބޮޑުވުމާ އެކު މީކާއީލް ވިދާޅުވި އެވެ.
މީކާއީލް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޗެއާޕާސަން ހޮވާ އިންތިހާބަކީ އިބުރޭގެ ބެއްލެވުމުގެ ދަށުން ހިންގާ އިންތިހާބަކަށް ވާތީ، ނަޝީދުގެ ކެމްޕެއިނުގައި އިބުރޭ ހަރަކާތްތެރިވެވަޑައިގަންނަވާތީ އެމްޑީޕީގެ ވަރަށް ގިނަ އާއްމު މެންބަރުން ކަންބޮޑުވުން ފާޅުކުރެ އެވެ. އެއީ އިންތިހާބުގެ އިންސާފުވެރިކަމާ މެދު އާއްމު މެންބަރުން ސުވާލު އުފައްދާ ކަމެއް ކަމަށް ވާތީ އެކަމަށް ފިޔަވަޅު އެޅުން މުހިއްމު ކަމަށް ވެސް މީކާއީލް ވިދާޅުވި އެވެ.
"...މިގޮތުން ޗެއާޕާސަންގެ ނައިބު (އިދާރީ) ގެ މަގާމު މިހާރު ފުރުއްވަމުން ގެންދަވާ އިބްރާހީމް ވަހީދު މި ކެމްޕޭނުގެ މުއްދަތަށް އެ މަގާމުގެ މަސްއޫލިއްޔަތުތަކާ ދުރުވުމަށް އަޅުގަނޑު ގޮވާލައި، މި މައްސަލައިގައި ޕާޓީގެ އުސޫލުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކާ އެއްގޮތަށް މަނިކުފާނު ކުރިއަށް ގެންދެވުމަށް އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާ އެކު އެދެމެވެ،" މީކާއީލް ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވީ އެފަދަ ކަންތައްްތައް ތަކުރާރުވިޔަ ނުދޭން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިޓީ ނިންމަވާލައްވަމުން މީކާއީލް އެދިވަަޑައިގަތީ އެ މައްސަލަ ބަލައި އަވަސް ފިޔަވަޅު އަޅައިދިނުމަށެވެ.
ޗެއާޕާސަން ގަޕޯ އަށް އެއްބާރުލުން ނުދޭތީ އިބުރޭ މި މަހުގެ ކުރީކޮޅު މަގާމުން ވަކިކުރި ނަމަވެސް އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ގޯސްވުމުން އެ މަގާމު އިޔާދަކުރި އެވެ. އިބުރޭއާ އެކު، އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފްގެ މަގާމުވެސް އިޔާދަކުރި އެވެ.