އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ހުޅުވާލީ އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، އެ އިންތިހާބަށް ކުރި އިއުލާނާއި އިންތިހާބުގެ ޓައިމްލައިން ބާތިލުކުރަން އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން އަންގައިފި އެވެ.
އެމްޑިޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން ހުޅުވާލާފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރަން ނިންމަވައިފަ އެވެ.
އެ އިންތިހާބާ ގުޅިގެން ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އަށް އިސްތިއުނާފް މަޖިލީހުގެ ރައީސް އަހުމަދު އަބްދުﷲ އަފީފު މިއަދު ފޮނުވި ސިޓީގައިވަނީ ޕާޓީގެ ޗެއާޕާސަން ހޮވަން ބާއްވާ އިންތިހާބުގެ ކަންތައްތައް ރާވައި ހިންގުން އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާއިން ހަވާލުކޮށްފައިވަނީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސްއާ ކަމަށެވެ. އެހެންވެ، އޭނާއަށް އެންގުމެއް ނެތި އިންތިހާބާ ގުޅޭ ކަންކަން ނުނިންމޭނެ ކަމަށް އެ ސިޓީގައިވެ އެވެ.
"އެހެންކަމުން އަޅުގަނޑަށް ނާންގައި ޗެއާޕާސަންގެ އިންތިހާބާ ގުޅޭ އެއްވެސް ނިންމުމެއް، ޕާޓީގެ އެއްވެސް ގުނަވަނަކުން ނިންމުމަކީ އަސާސީ ގަވައިދާ ހިލާފު ކަމަކަށް ނޫނީ ނުވާނެ..." އެ ސިޓީގައިވެ އެވެ.
އެހެންވެ، އިންތިހާބަށް ހުޅުވާލަން ކުރި އިއުލާނާއި އެ އިއުލާނާ އެކު އާއްމުކޮށްފައިވާ ޓައިމްލައިނަކީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކޮންމެވެސް ބަޔަކު ނިންމާފައިވާ ނިންމުންތަކެއް ކަމަށް އެ ސިޓީގައިވެ އެވެ. އަދި އެ ނިންމުންތަކަކީ ބާތިލު ނިންމުންތަކެއް ކަމަށް އިއުލާނުކޮށްދޭން އެ ސިޓީގައި އޭނާ އަންގަވާފައިވެ އެވެ.
އެ ސިޓީގައިވަނީ އެމްޑީޕީގެ އެތައް މެމްބަރުންނެއް އެހެން ޕާޓީތަކަށް އޮޅުވާލައިގެން ވައްދާފައިވާއިރު، އެ ފަރާތްތަކަށް އަލުން ޕާޓީއަށް ވަނުމުގެ ފުރުސަތު ނުލިބޭ ގޮތަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަކީ ކެންޑިޑޭޓުންގެ ހައްގު ގެއްލޭ ކަމެއް ކަމަށެވެ.
"...އަދި ޕާޓީގެ ލީޑަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ މިދަނޑިވަޅުގައި ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލިދާނެ ނިންމުމެއް ނިންމުމަކީ ރަނގަޅު ގޮތެއް ނިންމުމަކީ ރަނގަޅު ގޮތެއް ނޫން ކަމުގަިއ ވެސް ދެންނެވީމެވެ.
އިސްތިއުނާފް މަޖިލީހުން އެގޮތަށް އެންގިއިރު، ޗެއާޕާސަން އިންތިހާބަށް ކުރި އިއުލާނަކީ ޕާޓީގެ އަސާސީ ގަަވާއިދުގެ 46 ވަނަ މާއްދާއާ ހިލާފް އިއުލާނެއް ކަމަށް ބުނެ، އެ އިއުލާނު ބާތިލުކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަތް އަބްދުﷲ ޝާއިރު ވެސް އިސްތިއުނާފް މަޖިލީހަށް މިއަދު އެ މައްސަލަ އޮތީ ހުށަހަޅުއްވައިފަ އެވެ.
އަންނަ ޖޫން މަހު ބާއްވާ ޗެއާޕާސަންގެ އިންތިހާބްގައި ވޯޓުލާން ފުރުސަތު ލިބޭނީ ރޭ 12:00 ގެ ނިޔަލަށް އެމްޑީޕީއަށް ވަންނަ މެމްބަރުންނަށެވެ. އަދި އެ ފުރުސަތު ހުޅުވާލުމާ އެކު، ރޭގެ އެ ވަގުތާ ހަމައަށް 4،868 މީހަކު އަލަށް ގުޅިފައިވެ އެވެ. އެހެންވެ، އެ ޕާޓީގެ ޖުމްލަ މެމްބަރުންގެ އަދަދު މިހާރު 50,594 އަށް އަރާފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.
ނަޝީދާ އެކު ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ އިއްޔެ 44،000 މެމްބަރުން އެމްޑީޕީގައި ތިއްބާ މިއަދު މެމްބާޝިޕް އަދަދު 50،000 އަށް އަރާފައިވާ ކަމަށެވެ.
ވިސްނުންތެރިކަމާ އެކު، މެމްބަޝިޕް ހަރަކާތް އިތުރުކުރި ނަމަ 60،000 އަށް މެމްބަރުންގެ އަދަދު އިތުރުވާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.