އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާ ދިމާކޮށް އެ ޕާޓީއަށް މެމްބަރުން ވެއްދުމުގެ ސުންގަނޑި ރޭގެ ދަންވަރު 12 ޖެހުމާ ހަމަައަށް ހަމަވިއިރު 4،800 އަށް ވުރެ ގިނަ އާ މީހުން ހައެއްކަ ގަޑިއިރުގެ ތެރޭގައި އެމްޑީޕީއާ ގުޅިއްޖެ އެވެ. 

އެމްޑީޕީން މިއަދު ބުނީ ޗެއާޕާސަން އިންތިހާބުގެ ކުރިން މެމްބާޝިޕް ފޯމު ފުރަން ރޭ 12:00 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލުމާ އެކު، އެހާތަނަށް އެ ޕާޓީއާ 4،868 މީހަކު އަލަށް ގުޅިފައިވާ ކަމަށެވެ. 

އެއާ އެކު، އެ ޕާޓީގެ ޖުމްލަ މެމްބަރުންގެ އަދަދު މިހާރު 50,594 އަށް އަރާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ. 

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ކުރީގެ ރައީސް މުަހައްމަދު ނަޝީދު ކުރިމަތިލައްވާފައިވާއިރު އެ މަނިކުފާނަށް ތާއީދު ކުރާ މީހުން އެ ޕާޓީއާ ގުޅުމަށް ހާއްސަ ހަރަކާތެއް ރޭ ވަނީ ބާއްވައިފަ އެވެ. 

ނަޝީދާ އެކު ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ އިއްޔެ 44000 މެމްބަރުން އެމްޑީޕީ ގައި ތިއްބާ މިއަދު މެމްބާޝިޕް އަދަދު  50،000 އަށް އަރާފައިވާ ކަމަށެވެ.

ވިސްނުންތެރިކަމާ އެކު، މެމްބަޝިޕް ހަރަކާތް އިތުރު ކުރި ނަމަ 60،000 އަށް އަރާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ. 

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ކުރިމަތިލާން ހުޅުވާލީ އިއްޔެ އެވެ. އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. 

ޗެއާޕާސަން އިންތިހާބު ބާއްވަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު މެންދުރު ފަހު 2:30 އިން ރޭގަނޑު 8:00 އަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާން ތިން ބޭފުޅަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެއީ ކުރީގެ ރައީސް ނަޝީދުގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއިލް އަހުމަދު ނަސީމާއި ކުރީގެ މަޖިލިސް މެމްބަރުން އަލްހާން ފަހުމީ އެވެ.

އެ ބޭފުޅުން މިހާރު އަންނަނީ ކެމްޕެއިން ވެސް ކުރައްވަމުންނެވެ. 

އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވުމުން ވަގުތީ ގޮތުން އެ މަގާމުގައި މިހާރު ހުންނެވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައިވާ ގޮތުން މިދިޔަ ޖެނުއަރީ 1 ވަނަ ދުވަހާ ހަމަޔަށް އެމްޑީޕީގައި ރަޖިސްޓްރީވެފައިވަނީ 43،784 މީހުންނެވެ. މެންބަރުން އެންމެ ގިނަ ޕާޓީ ކަމަށްވާ، ޕީއެންސީން އެ ތާރީހާ ހަމަޔަށް މެންބަރުންގެ އަދަދަކީ 74،048 އެވެ.