އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
އެމްޑީޕީން ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތުތަކަކީ ޕާޓީގެ މެމްބަރަކަށް ވުމާއި ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި މަޖިލިސްގެ އިންތިހާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލިސް އިންތިހާބަށް ކުރިމަތިލާ މީހެއްގެ ހުންނަން ޖެހޭ ކަމަށް ބަޔާންކުރާ ހުރިހާ ޝަރުތުތައް ފުރިހަމަވުން ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
އެ ޕާޓީގެ ފަރާތުން ޗެއާޕާސަން ކަމަށް ކުރިމަތިލުމަށް އެދޭ މީހުން ފޯމު ހުށަހަޅަން ޖެހެނީ ގޫގުލް ފޯމް މެދުވެރިކޮށެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަރީގެ ކުށާއި ދަރަނީގެ ރެކޯޑް އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް އެ ފޯމާ އެކު ހުށަހަޅަން ޖެހޭނެ ކަމަށް އެމްޑީޕީގެ އިއުލާނުގައި ބުންޏެވެ.
އެ އިއުލާނުގައި ބުނި ގޮތުގައި، ޗެއާޕާސަން އިންތިހާބު ބާއްވަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު މެންދުރު ފަހު 2:30 އިން ރޭގަނޑު 8:00 އަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާން ތިން ބޭފުޅަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއިލް އަހުމަދު ނަސީމާއި ކުރީގެ މަޖިލިސް މެމްބަރުން އަލްހާން ފަހުމީ އެވެ.
އެ ބޭފުޅުން މިހާރު އަންނަނީ ކެމްޕެއިން ވެސް ކުރައްވަމުންނެވެ.
އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވުމުން ވަގުތީ ގޮތުން އެ މަގާމުގައި މިހާރު ހުންނެވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ އެވެ.