އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އެކި މަގާމުތަކަށް ވާދަކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީން ކުރި އިއުލާނެއްގައި ބުނީ އެ މަގާމުތަކަށް ކުރިމަތިލެވޭނީ މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ނިޔަލަށް ޕާޓީގެ މެމްބަރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް ކަމަށެވެ. 

ގައުމީ މަޖިލީހުގެ އިންތިހާބުގައި މެމްބަރުން ހޮވާ މަގާމުތަކަކީ؛

  • ކޮންމެ އަތޮޅަކުން އަދި ކޮންމެ ސިޓީއަކުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ މެމްބަރުން
  • ރަށު އަދި ސިޓީ ދާއިރާތަކުގެ ގައުމީ މަޖިލިސް މެމްބަރުން
  • ރަށު އަދި ސިޓީ ދާއިރާތަކުގެ ނައިބު ރައީސުން
  • ރަށު އަދި ސިޓީ ދާއިރާތަކުގެ ސެކްރެޓަރީ
  • ރަށު އަދި ސިޓީ ދާއިރާތަކުގެ އަންހެން ސެކްރެޓަރީ
  • ރަށު އަދި ސިޓީ ދާއިރާތަކުގެ ޒުވާނުންގެ ސެކްރެޓަރީ 
  • އަންހެނުންގެ ރޫހުގެ ރައީސް
  • އަންހެނުންގެ ރޫހުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ ފަސް މެމްބަރު
  • ޒުވާނުންގެ ހިތްވަރުގެ ރައީސް
  • ޒުވާނުންގެ ހިތްވަރުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ ފަސް މެމްބަރުން

އެމްޑީޕީން ބުނީ މި ހުރިހާ މަގާމަކަށް ކުރިމަތިލާ ބޭފުޅުން ވެސް 1،000ރ. ގެ އިދާރީ ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ. މަގާމުތަކަށް ކުރިމަތިލާން ފޯމު ހުށަހަޅަން ޖެހޭނީ އެމްޑީޕީގެ "ޔެލޯ" އެޕް މެދުވެރިކޮށް މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ކަމަށް އެ ޕާޓީން ބުންޏެވެ. 

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދައުރު ހަމަވެފައިވާއިރު، އާ މަޖިލީހެއް އިންތިހާބު ކުރަން ވޯޓުލުން ބާއްވަން ކަނޑައަޅާފައި ވަނީ އަންނަ މަހުގެ 27 ވަނަ ދުވަހު އެވެ. 

އެ މަޖިލީހަށް ކުރިމަތިލައްވާ ބައެއް ބޭފުޅުން މިހާރު ވެސް ވަނީ ކެމްޕެއިން ފައްޓަވައިފަ އެވެ.

މި މަހުގެ ކުރީކޮޅު ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ޕާޓީގެ އާ އަސާސީ ގަވައިދެއް ފާސްކޮށްފައިވާއިރު، އޭގައިވާ ގޮތުން ގައުމީ މަޖިލިސް އެކުލެވިގެންވާ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެ އެވެ.