ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި މި އަހަރު ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ސޮއްސާލާފައިވީ ނަމަވެސް، ރާއްޖޭގެ ރޭންކް މަތިކުރަން މަސައްކަތް ކުރާނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މިއަދު ބުނެފި އެވެ.

ރިޕޯޓާސް ވިތައުޓު ބޯޑާސް (އާރްއެސްއެފް) އިން މިދިޔަ ހަފުތާގައި އާއްމުކުރި ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް ދައްކާ ގޮތުން ރާއްޖެ މިހާރު އޮތީ 108 ދަރަޖައިގަ އެވެ. އެއީ، މިދިޔަ އަހަރު ރާއްޖެ އޮތް ރޭންކާ އަޅާބަލާއިރު ހަތަރު ދަރަޖައިގެ ވެއްޓުމެކެވެ. 

އެ އިންޑެކްސްގައި މިހާރު ރާއްޖެ އޮތީ 104 ވަނައިގަ އެވެ. 

މިއަދު ފާހަގަކުރާ ބައިނަލްއަގުވާނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބާގައި އެމްއެމްބީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖޭގެ ރޭންކް މަތިކޮށް، ނޫސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރަން އެ ކޮމިޝަނުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރާނެ ކަމަށެވެ.

"... މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާ އިރު ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެއަށް ލިބިފައި ވަނީ 108 އެވެ. މިއީ ވޭތުވެ ދިޔަ އަހަރާ އަަޅައި ބަލާއިރު ބަދަލު އައިސްަފައިވާ އަހަރެކެވެ. މި ދަރަޖަ މަތީ ހަރުަފަތަކަށް ގެންގޮސް، ނޫސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް މި ކޮމިޝަނުން ހާއްސަ އިސްކަމެއް ދީގެން ދަނީ މސައްކަތް ކުރަމުންނެވެ،" އެމްއެމްބީސީގެ ބަޔާނުގައި ބުންޏެވެ. 

ނޫސްވެރިކަމަކީ ސުލްހައިގެ ދަންމަރެއް ކަމަށާއި އެއީ އިންސާނީ ހައްގުތަކުގެ ދިފާއީ އައްޑަނައެއް ކަަމަށް ވެސް ބަޔާނުގައި އެ ކޮމިޝަނުން ބުންޏެވެ. ނޫސްވެރިންނަަކީ ދައުލަތް ޖަވާބުދާރީ ކުރުވައި، ރައްޔިތުން ބާރުވެރިކުރުމުގައި ވަރުބަލިކަމެއް ނެތި މަސައްކަތްކުރާ ބައެއް ކަމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.

ރާއްޖޭގެ މީޑިއާއާ ހަރުފަތަކަށް ގެންދަން އެ ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ވެސް ބުންޏެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ނެރޭ ވޯލްޑް ފްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ވަނީ 52.46 ޕޮއިންޓުން 49.23 އަށް ދަށަށް ވެއްޓިފަ އެވެ. 

އެ އިންޑެކްސްގެ މައިގަނޑު މިންގަނޑުތަކަށް ބަލާއިރު، ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން މައިގަނޑު ދާއިރާތަކުން ވަނީ ދަށްވެފަ އެވެ.

  • ސިޔާސީ މާހައުލު:  123 އިން 129 އަށް 
  • އިގްތިސާދީ މާހައުލު: ނޫސްވެރިކަމަށް އޮތް އިގްތިސާދީ ގޮންޖެހުންތައް ވަނީ 118 އިން 157 އަށް ގޮސްފައި
  • ގާނޫނީ ކަންކަމުގައި 23 ދަރަޖަ ވަނީ ދަށަށް ގޮސްފައި. އެއީ 103 އިން 126 އަށް
  • ސަލާމަތާއި ރައްކާތެރިކަން: ނޫސްވެރިންނަށް ރައްކާތެރިކަން އޮތް މިންގަނޑު 56 އިން 77 ދަރަޖައަށް ވެއްޓި، 21 ދަރަޖަ ފަހަތަށް ޖެހިފައިވޭ

އެ އިންޑެކްސްގައި ރާއްޖެއަށް ހަމައެކަނި ކުރިއެރުމެއް ލިބުނީ އިޖުތިމާއީ ކުރިއެރުމުންނެވެ. އެ މިންގަނޑުގައި 133 ވަނައިން 118 ވަނަ ދަރަޖައަށް ވަނީ ކުރިއަށް ޖެހިލައިފަ އެވެ. އެއީ 15 ދަރަޖައިގެ އިތުރުވުމެކެވެ. 

ރިޕޯޓާސް ވިތައުޓު ބޯޑާސް އިން ބުނީ މީޑިއާގެ މިނިވަންކަމަށް ގޮންޖެހުމަކަށްވާ ގޮތަށް ހެދި އަބުރުގެ ގާނޫނު ކުރީގެ ސަރުކާރުން އުވާލިއަސް، މި ސަރުކާރުން ގެނައި ބަދަލުތަކުން އެކަން ބަދަލުވެފައިވާ ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ގާނޫނުތަކަށް ގެނައި ބަދަލުތަކާއި ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މީޑިއާ ކޮމިޝަން އުފެއްދުން ވެސް ފާހަގަކޮށްފައިވެ އެވެ.