ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ސީއީއޯއަކަށް، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރަކަށް ހުންނެވި އާމިނަތު ޝިރުނާ މިއަދު އައްޔަންކޮށްފި އެވެ.
ސޯޝަލް ވެލްފެއާގެ ކަންތައް ހަމަޖައްސާ އެޖެންސީގެ ސީއީއޯއަކަށް ޝިރުނާ އައްޔަން ކުރެއްވީ އެ މަގާމުގައި އެންމެފަހުން ހުންނެވި ހީނާ ވަލީދު މިނިސްޓަރަކަށް މިދިޔަ މަހު އައްޔަން ކުރެއްވުމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން ހީނާ އައްޔަން ކުރެއްވީ ހެރިޓޭޖް މިނިސްޓަރުގެ މަގާމަށެވެ. އެހެންވެ، އެ ދުވަހުން ފެށިގެން މިހާތަނަށް އެންސްޕާގެ ސީއީއޯގެ މަގާމު އޮތީ ހުސްކޮށެވެ.
ހެލްތު މިނިސްޓްރީގައި ޝިރުނާ ވަނީ ދަމަނަވެއްޓާއި ބްލަޑް ސާވިސް ބެލެހެއްޓުމުގައި މަސައްކަތް ކުރައްވައިފަ އެވެ. އަދި އެންސްޕާއަށް އައްޔަން ކުރެއްވިއިރު އޭނާ ހުންނެވީ އެޗްޕީއޭގެ ކަންކަން ހެލްތު މިނިސްޓްރީ ބަލަހައްޓަވާ އިސްވެރިއަކަށެވެ.
ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތުމުގެ ކުރިން ޝިރުނާ އުޅުއްވީ ނަރުހަކަށެވެ. އެގޮތުން އެ ދާއިރާގައި އޭނާ 23 އަހަރު ހިދުމަތް ކުރެއްވި އެވެ. އަދި އޭގެ ތެރެއިން އައިޖީއެމްއެޗްގެ ނާސިން ޑިޕާޓްމަންޓުގެ އިސް މަގާމުތަކެއް ފުރުއްވި އެވެ.