އަންހެނަކު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކުރާ ބޮޑެތި ތުހުމަތުތަކާ ގުޅޭ ގޮތުން "އަދަދު" އިން ހެދި "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލާގައި މިރޭ ފުލުހަށް ހާޒިރުކުރި އައިޝަތު އީޝާ އަޝްރަފް ތަހުގީގަށް ހުރިހާ ވާހަކައެއް ކިޔައިދޭނެ ކަމަށާއި ތަހުގީގަށް ފުރިހަމަ އަށް އެއްބާރުލުން ދޭނެ ކަމަށް އޭނާގެ ގާނޫނީ ވަކީލް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިމް ޝަމީމް ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ 1 ގެ ޕޮލިސް ސްޓޭޝަނަށް މިރޭ 9 ޖެހި އިރު އީޝާއާ އެކު ހާޒިރުވުމަށް ފަހު ޝަމީމް "މިހާރު" އަށް ވިދާޅުވީ، ކާކުކަން ނޭނގޭ ގޮތަށް ޑޮކިއުމެންޓްރީގައި ވާހަކަ ދައްކާފައިވާ އަންހެނަކީ އީޝާ ކަމަށް ސިއްރު ހެއްކެއް ހެކިބަސް ދީފައިވާ ކަމަށް ފުލުހުން ބުނި ކަމަށެވެ.
ޑޮކިއުމެންޓްރީގައި ކޮށްފައިވާ ތުހުމަތަކީ ގަޒްފު ކަމަށް ތުހުމަތު ކުރާއިރު އެގޮތަށް ތުހުމަތު ކުރަނީ ކީއްވެތޯ އާއި މި މައްސަލަ ބަލަނީ ޕްރޮސިއުޓާ ޖެނެރަލް ހުށަހަޅުއްވައިގެން ކަމަށް ބުނާއިރު ގަޒްފުގެ މައްސަލައެއް އެހެން ބެލޭނެތޯ ފުލުހުންނާ ސުވާލުކުރި ކަމަށް ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް މައްސަލަ ހުށަނާޅުއްވާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެފައި ވިޔަސް މި މައްސަލާގައި ރައީސްގެ ބަޔާނެއް ލިބިފައިވާ ކަމަށް ފުލުހުން ބުނި ކަމަށެވެ.
ޝަމީމް ވިދާޅުވީ ޑޮކިއުމެންޓްރީގައި ގެނެސްދީފައިވަނީ އީޝާގެ ވާހަކަ ކަމަށް ތުހުމަތުކުރި ނަމަވެސް އެކަމާ ބެހޭ ގޮތުން މިރޭ ވާހަކަ ދައްކާފައިނުވާ ކަމަށާއި އީޝާ ބޭނުންވަނީ ވަޒީފާގެ މާހައުލުގައި އީޝާއަށް ދިމާވި ކަންކަން ސާފު ތެދު ބަހުން ތަހުގީގަށް ކިޔައިދޭން ކަމަށެވެ.
ޝަމީމް ވިދާޅުވީ އީޝާ އަކީ އެކަނިވެރި މައެއް ކަމަށް ވާއިރު އޭނާއާ މެދު ކަން ހިނގާފައިވާ ގޮތުން އެއީ ވިކްޓިމެއް ކަމަށެވެ. ވިކްޓިމަކަށް ވީ ގޮތް ސާފުކޮށް ތަހުގީގަށް ކިޔައިދޭނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
"ގުޅި މީހުންނާއި މެދުވެރިއަކަށްވީ މީހުންނާއި އީޝާ އަށް ކަންތައް ދިމާވި ގޮތްތަކާއި މި ހުރިހާ އެއްޗެއް ތަފްސީލްކޮށް ކިޔައިދޭނެ، ޝަމީމް ވިދާޅުވި އެވެ.
ވަޒީފާގެ މާހައުލުމުގައި މިފަދަ ކަންކަން ހިނގާ ކަމަށާއި ބޭނުންވަނީ މިކަހަލަ ކަންތައްތައް ހުއްޓެން ކަމަށް ޝަމީމް ވިދާޅުވި އެވެ.
"...މިއީ އެއްގޮތަކަށް ވެސް ހިނގައިގެން ވާނެ ކަންތައްތަކެއް ނޫން. އެހެން މީހުންނަށް ވެސް އެނގެންވީ މިކަހަލަ ސަކަރާތް ނުޖަހަން!"
ޝަމީމް ވިދާޅުވީ އީޝާ ބަޔާން ދިނުމަށް މާދަމާ ހަވީރު 4:00 އަށް ފުލުސް އޮފީހަށް ހާޒިރުވާން ބުނެފައިވާ ކަމަށެވެ.
ޑޮކިއުމެންޓްރީގެ މައްސަލާގައި "އަދަދު" ގެ ސީއީއޯ ހުސެން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްސަލަ ވެސް ބަލަމުން ދާއިރު އެ ދެ ބޭފުޅުން ވެސް ތަހުގީގުގައި ވަނީ ހަނު ހުރުމުގެ ހައްގު ބޭނުންކުރައްވައިފަ އެވެ. ތަހުގީގު ކުރިއަށް ދާތީ ފިޔާޒް އާއި ހަސަން އަދި އީޝާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.
މި ތަހުގީގަށް "އަދަދު" ނޫސް ރެއިޑްކޮށް އިލެކްޓްރޯނިކް ޑިވައިސްތައް ގެންގޮސްފައި ވާއިރު ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލާ ޖަމާއަތްތަކުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.