"އަދަދު" ނޫހުން ތައްޔާރުކުރި "އައިޝާ" ޑޮކިއުމެންޓްރީ މައްސަލާގައި ތުހުމަތު ކުރެވޭ އަންހެނެއްގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފި އެވެ.

ކާކުކަން ނޭނގޭ ގޮތަށް އަދި އަޑު ބަދަލުކޮށް ހަދާފައިވާ އެ ވީިޑިއޯގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އަދި އެ މައްސަލާގައި އެ ނޫހުގެ އޮފީހަށް ފުލުހުން ވަދެ ރޭ ގިނަ އަދަދެއްގެ ތަކެތި ވަނީ ގެންގޮސްފަ އެވެ.

އެ މައްސަލާގައި ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓް ވެސް އިއްޔެ ވަނީ ހިފަހައްޓައިފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މިއަދު ޕާސްޕޯޓް ހިފެހެއްޓީ އެ މައްސަލާގައި ފުލުހުން ތުހުމަތު ކުރާ އަންހެެނެއްގެ ޕާސްޕޯޓެވެ. ނަމަވެސް އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ ކިހާ ދުވަހަކަށް ކަމެއް ނޭނގެ އެވެ. އަދި ރަސްމީ އިދާރާއަކުން ވާހަކައެއް ވެސް ނުދައްކަ އެވެ.

ފިޔާޒާއި ހަސަންގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރުގައިވަނީ އެ ޑޮކިއުމެންޓްރީގެ މައްސަލާގައި އެ މީހުން ބައިވެރިވުން އޮތް ކަމަށް ތުހުމަތު އޮތުމުންނާއި ރާއްޖެއިން ފުރައިގެން ބޭރަށް ގޮސްދާނެ ކަމަށް ބަލައި، ޕާސްޕޯޓް ހިފެހެއްޓީ ކަމަށް އަމުރުގައިވެ އެވެ.

އެހެންވެ އިއްޔެއިން ފެށިގެން އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް، ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާ މައްސަލައާ ގުޅޭގޮތުން ނެރުނު އަމުރުގައިވެ އެވެ.

ރޭ ފުލުހުން ވަނީ އަދަދު ނޫހުގައި ބޭނުންކުރާ އިލެކްޓްރޯނިކް އެކި އާލާތްތައް ބަލައި ސްޓްރޭޖް ޑިވައިސްތައް ފަދަ ތަކެތި ތަހުގީގުގެ ބޭނުމަށް ގެންގޮސްފަ އެވެ.

ރައީސް މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ އެ ޑޮކިއުމެންޓްރީއާ ބެހޭގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްއާ ސުވާލު ކުރެއްވުމުން އެ މަނިކުފާނު ވަނީ އެ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައިފަ އެވެ.