"އަދަދު" ނޫހުން "އައިޝާ" ގެ ނަމުގައި ހެދި ޑޮކިއުމެންޓްރީގެ މައްސަލާގައި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފި އެވެ.
އެ ޑޮކިއުމެންޓްރީގެ މައްސަލާގައި އެ ނޫހުގެ އޮފީހަށް ފުލުހުން ވަދެ ރޭ ފާސްކޮށް ގިނަ އަދަދެއްގެ ތަކެތި ގެންގޮސްފައި ވާއިރު އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.
ހަސަންގެ ޕާސްޕޯޓް ހިފަހައްޓައި އިމިގްރޭޝަންގެ މައްޗަށް ނެރުނު އަމުރުގައި ބުނެފައިވަނީ ޕާސްޕޯޓް ހިފަހައްޓަނީ ޑޮކިއުމެޓްރީގައި ރައީސަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅޭ ތަހުގީގު ކުރިއަށްދާތީ ކަމަށެވެ. އަދި އެ ޑޮކިއުމެންޓްރީގެ މައްސަލާގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު އޮތުމުން ރާއްޖެއިން ފުރައިގެން ހިނގައިދާނެ ކަމަށް ބަލައި ޕާސްޕޯޓު ހިފެހެއްޓީ ކަމަށް ވެސް އަމުރުގައިވެ އެވެ.
އެހެންވެ އިއްޔެއިން ފެށިގެން ޖުލައި 26 ގެ ނިޔަލަށް ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް، ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާ މައްސަލައާ ގުޅޭ ގޮތުން ނެރުނު އަމުރުގައިވެ އެވެ.
ރޭ ފުލުހުން ވަނީ އެ ނޫހުގައި ބޭނުންކުރާ އިލެކްޓްރޯނިކް އެކި އާލާތްތައް ބަލައި ސްޓްރޭޖް ޑިވައިސްތައް ފަދަ ތަކެތި ތަހުގީގުގެ ބޭނުމަށް ގެންގޮސްފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ އެ ޑޮކިއުމެންޓްރީއާ ބެހޭ ގޮތުން އިއްޔެ ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސާ ސުވާލުކުރުމުން އެ މަނިކުފާނު ވަނީ އޭގައި ކުރާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައިފަ އެވެ.
އަދި އެ ޑޮކިއުމެންޓްރީ ހެދުމުގައި ބައިވެރިވި އެންމެހައި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.