އަބުރު ރައްކާތެރިކުރަން އަބުރުގެ ދައުވާ ކުރަން ދަސްކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން ސަރުކާރަށް މިރޭ ގޮވާލައްވައިފި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު، ކޯޓުގެ ހުރުމަތްކަނޑާލި ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ޖަލަށްލާން ހުކުމްކުރުމާ ގުޅިގެން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގަ އެވެ.

އެ ދެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ގޮވާލައްވައި ޔާމީން ވިދާޅުވީ ނޫސްވެރިން ކުރަނީ ގައުމީ މަސައްކަތެއް ކަމަށެވެ.

"އަބުރު ރައްކާތެރި ކުރުމުގެ ގޮތުން އަބުރުގެ ދައުވާ ކުރަން ދަސްކުރަމާތޯ،" ޔަމީން ވިދާޅުވި އެވެ. 

"އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި ޝަހުޒާން ޖަލަށްލީ 15 ދުވަހަށެވެ. ލީވާނަށް ދިނީ 10 ދުވަހުގެ ޖަލު ހުކުމެކެވެ.

ނޫސްވެރިން މިނިވަން ކުރަން ޔާމީން ގޮވާލެއްވި އިރު، އެމަނިކުފާނުގެ ވެރިކަމުގައި 2016 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ނޫސްވެރިކަމުގެ ހުރިހާ މިނިވަން ކަމެއް ނިގުޅައިގަނެ އަބުރުގެ ގާނޫނެއް ފާސްކުރި އެވެ. ހައްގުތައް ހޯދަން ރާއްޖޭގައި ފުރަތަމަ ފަހަރަށް ނޫސްވެރިން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރުމުން އެތައް ނޫސްވެރިންނެއް ހައްޔަރުކުރި އެވެ. ދުވަހު ނޫސް "ހަވީރު" ބަންދުކުރަން ޖެހުނީ ވެސް ޔާމީންގެ ވެރިކަމުގަ އެވެ. 

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމުގެ ބޭނުމުގައި ޔާމީން ތަސްދީގު ކުރެއްވި އަބުރުގެ ގާނޫނު މަޖިލީހުން އުވާލީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ނާކާމިޔާބުވުމާ އެކު އެ އަހަރުގެ ނޮވެމްބަރު މަހު 14 ގަ އެވެ. 

އަބުރުގެ ގާނޫނަކީ މީޑިއާ ކޮންޓްރޯލްކުރަން އަމާޒުކޮށް ޔާމީންގެ ބާރުއެޅުއްވުމުގެ ތެރެއިން މަޖިލީހުގައި އޭރު އޮތް ޕީޕީއެމް ކޯލިޝަނުން ހެދި ގާނޫނެކެވެ. މީޑިއާތަކުން ދެކޮޅުހަދަމުން ދަނިކޮށް، އަދި ބިލް ރަނގަޅުކުރަން އެތައް ހިޔާލެއް ދީފައި ވަނިކޮށް، އެއިން އެއްވެސް ކަމަކާ މެދު ވިސްނުމެއް އަދި ބަދަލު ކުރުމެއް ވެސް ނެތި، ޔާމީން އެންގެވި ގޮތަށް ޕީޕީއެމުން އަބުރުގެ ގާނޫނު ފާސްކުރީ އޮގަސްޓް 8، 2016 ގަ އެވެ.

އެ ގާނޫނުގެ ދަށުން ލިބިދިން ބާރުގައި ބްރޯޑްކާސްޓިން ކޮމިޝަނުން ބޮޑެތި އަދަދުތަކުން "ރާއްޖެ ޓީވީ" ޖޫރިމަނާ ވެސް ކުރި އެވެ.