ސިވިލް ސާވިސް މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރުމުގެ މަސައްކަތް މުސާރަ ބޮޑުކުރިއިރު ވެސް ބައެއް މުވައްޒަފުންނަށް މުސާރަ ބޮޑުނުވާ ކަމަށާއި އެއް ބަޔަކަށް މުސާރަ ކުޑަވެފައިވާތީ އެ މައްސަލަތައް ހައްލުކޮށް މި މަހުގެ މުސާރަ ލިބޭއިރު އެ މީހުންނަށް ވެސް މުސާރަ ބޮޑުވާނެ ކަމަށް ރައިސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ފައްޓަވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ގެއްލުންތަކެއް ނުވަތަ އެންމެ އެދެވޭ ގޮތަށް އެކަން ނުކުރެވޭ މުވައްޒަފުން ތިބި މައުލޫމާތު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. 

ރައީސްގެ ހަފުތާ މީޑިއާ ބްރީފިންގައި ވިދާޅުވީ އެ މަނިކުފާނުގެ ނިންމެވުމަކީ އެއީ ނޫން ކަމަށާއި ވައުދުވެވަޑައިގަތީ މުސާރަ ބޮޑުކޮށްދިނުމަށް ކަމަށެވެ. އެކަމަކު އެކި ސަބަބުތަކާ ހުރެ ބައެއް މުވައްޒަފުންގެ މުސާރަ ބޮޑުވެފައި ނުވާ ކަމަށާއި ގެނައި ބަދަލާ އެކު، އެ މީހުންނަށް ލިބެމުން އައި މުސާރަ އަށް ވުރެ ވެސް ކުޑަކޮށް މިހާރު މުސާރަ ޖަމާވަމުންދާ ކަމަށް ވިދާޅުވި އެވެ. 

"އަޅުގަނޑު ނިންމީކީ އެހެނެއް ނޫން ދެއްތޯ. އަޅުގަނޑު ވީ ވައުދަކީ މުސާރަ ބޮޑުކޮށްދިނުން. އެެހެން ނަމަވެސް އަޅުގަނޑަށް މި ފާހަަގަވީ އެކި ސަބަބުތަކާ ހެދި ޕޭ ކޮމިޝަނުން ޕޭ ހާމަނައިޒް ކުރިއިރުގައި މުސާރަ ބޮޑު ނުވެ އެހެން ނަމަވެސް ކުޑަވެސް ވި ފަރަތްތައް ތިބިކަން އެނގިފައިވަނީ،" ރައީސް ވިދާޅުވި އެވެ. 

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މި މަހުގެ މުސާރަ ލިބޭއިރު ޖުމްލަކޮށް އެ މައްސަލަ އަށް ހައްލެއް ލިބޭނެ އެވެ. 

"އެހެންވީމަ އެ ހުރިހާ މައްސަލައެއް އެ ހައްލުކޮށް ނިމެނީ މި ފަހަރު މުސާރަ ލިބޭއިރު. އަޅުގަނޑު މިއަދު ހެނދުނު މީގެ މައުލޫމާތު ނަގައިގެން މި އައީ ޕޭ ކޮމިޝަނުގެ ފަރާތުން. މި ފަހަރު މުސާރަ ލިބޭއިރު އިރާދަކުރެއްވިއްޔާ ޖުމްލަކޮށް ވަކިވަކި އިންޑިވިޖުއަލް ކޭސްތައް ނުހުންނާނެއެކޭ ނޫން. ޖުމްލަކޮށް މިގޮތަށް މުސާރަ މައްޗަށް ނުގޮސް ތިބި ފަރާތްތަކުގެ މައްސަލަ ހައްލުވާނެ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މުސާރަ އަށް މި ފަހުން ގެނައި ބަދަލުގެ ސަބަބުން ގާނޫނީ ދާއިރާގެ މުވައްޒަފުންނާއި ކައުންސިލްތަކުގެ ބައެއް މުވައްޒަފުންނަށް ވެސް މުސާރަ ބޮޑުނުވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވެ އެވެ. 

"މީގައި ހާއްސަކޮށް އިންވޯލްވަނީ އެޗްއާރުސީއެމް ސްޓާފުން ވަރަށް ބޮޑަށް ޑިސްއެޑްވާންޓޭޖް ވެފައި ތިބި ކަމަށް ލީގަލް ދާއިރާގެ މުވައްޒަފުން ތިބި ކަމަށްވޭ. އަދި އޭގެ އިތުރުން ކައުންސިލުތަކުގައި ވެސް އެ ކަހަލަ މުވައްޒަފުން ބައެއް މަގާމުތައް ތިބި ކަމަށްވޭ." 

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ--
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ--

ރައީސް ވިދާޅުވީ އެ މައްސަލަ ދިމާވީ ޒަމާންތަކެއް ވަންދެން އެކި ގޮތްގޮތަށް ހުރި ސްޓްރަކްޗާ ހާމަނައިޒް ކުރުމުގެ ތެރެއިން ކަމަށާއި ނަމަވެސް އެކަން ހައްލު ކުރެވޭނެ ކަމުގެ ޔަގީންކަން އެ މަނިކުފާނަށް މިއަދު ހެނދުނު ޕޭ ކޮމިޝަނުން ވެސް ދީފައިވާ ކަމަށެވެ. 

"މިއީ އެކި ޒަމާންތަކެއް ވަންދެން އެކި ގޮތަށް ހުރި ސްޓްރަކްޗާ ހާމަނައިޒް ކޮށްލާއިރުގައި ދިމާވެފައި ހުރި މައްސަލަ. އެހެން ނަމަވެސް މައްސަލަތައް ހައްލުވެ އިރާދަކުރެއްވިއްޔާ މި މަހު މުސާރަ ދޭއިރުގައި މިއަދު ހެނދުނު އަޅުގަނޑަށް ޔަގީންކަން ދެއްވި ޕޭކޮމިޝަނުން އެ މައްސަލަތައް ހުންނާނީ ހައްލުވެފައިއޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މުވައްޒަފުންނަށް މިމަހު މުސާރަ ބޮޑުކޮށްދޭއިރު ވެސް އެފަދަ ކުރިއެރުމެއް މުސާރަ އަށް ނުލިބޭ ނަމަ އެކަން ހައްލު ކޮށްދެއްވާނެ ކަމަށެވެ. 

"މުސާރަ ހަމަ ކުރިއަށް ވުރެ މައްޗަށް ގޮސްފައި. ދެން ވެސް އެކަހަލަ ކަމެއް ހަމަ ދިމާވެފައި ހުރި ސްޓާފެއް ހުރިއްޔާ ހަމަ ޔަގީނުން ވެސް ހައްލުކޮށްދޭނަން."

ރާއްޖޭގެ ހުރިހާ ސިވިލް ސާވަންޓުންނާއި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނާއި ޝަރުއީ ދާއިރާ ހިމެނޭހެން 20،000 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނީ މިދިޔަ އަހަރުގެ ނޮވެމްބަރު 1 ވަނަ ދުވަހުގަ އެވެ. ނަމަވެސް، އެ ބަދަލާ ގުޅިގެން ބައެެއް މުވައްޒަފުން ކަންބޮޑުވުން ފާޅުކުރީ ބައެއް ގިންތީގެ މުވައްޒަފުންނަށް ލިބޭ މުސާރައިގެ ކުރިއެރުން ކުޑަކަމަށާއި ލިބޭ ވަރު މަދުވި ކަމަށް ބުނެ އެވެ.